Advertisement

ޓެކްސް ބޮޑުކުރުމުން ޓޫރިޒަމް ސިނާއަތަށް ގެއްލުމެއް ނެތް: ޓީމް

25 ނޮވެންބަރު 2022 - 14:43 0

ޓރިސްޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަނީ؛ ޓެކްސް ބޮޑުކުރުމުން ގެއްލުމެއް ނެތް ކަމަށް ޓީމް އިން ބުނެފި - ފޮޓޯ: އަދަދު ފައިލް


ޓެކްސް ބޮޑުކުރުމުން ޓޫރިޒަމް ސިނާއަތަށް ގެއްލުމެއް ނެތް: ޓީމް

25 ނޮވެންބަރު 2022 - 14:43 0

ޓެކްސް ބޮޑުކުރުމުގެ ސަބަބުން ގެސްޓްހައުސް ވިޔަފާރި ހިމެނޭހެން ޓޫރިޒަމްގެ ސިނާއަތަށް ގެއްލުމެއް ދައްކާނެ ކަމަށް ނުދެކޭ ކަމަށް ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުން ތަމްސީލްކުރާ ޖަމިއްޔާ، ޓީމް އިން ބުނެފި އެވެ.

ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނީ ޓެކްސް ބޮޑު ކުރުމުގެ ސަބަބުން ރާއްޖެއަށް ޓޫރިސްޓުން ހަދާފައިވާ ބުކިންތައް ކެންސަލްވާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން އަންދާޒާކޮށްފައި އޮއްވަ އެވެ.

އޭގެ ސަބަބުން ޓޫރިޒަމް ވިޔަފާރިތަކަށް އަސަރުތަކެއް ކުރާނެ ކަމަށް މަޓާޓޯއިން ބުނާއިރު، ޓީމް އިން ނެރުނު ބަޔާނުގައި ވަނީ މަޓާޓޯގެ އެ ވިސްނުމާ އެ ޖަމިއްޔާ ހިޔާލު ތަފާތުވާ ކަމަށެވެ. އެއީ މީގެ ކުރިން ވެސް ސަރުކާރުން ޓެކްސް ބޮޑުކޮށްގެން އެފަދަ ކަމެއް ހިނގާފައި ނުވާތީ ކަމަށް ބަޔާނުގައިވެ އެވެ.

"އޭގެ ސަބަބުން ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސާވިސް ޗާޖުގެ 2،000 ރުފިޔާ ކުޑަވާނެ ކަމަށް [މަޓާޓޯއިން] ބުނެފައިވާ ބުނުން ވެސް، ބުކިން ކެންސަލް ވާނެ ކަމަށް ނުފެންނާތީ އާއި ހަމައެކަނި ޓެކްސް ބޮޑުކުރުމާ ގުޅިގެން އެފަދަ ބަދަލެއް އަންނާނެ ކަމުގައި މި ޖަމިއްޔާއިން ގަބޫލު ނުކުރެވޭ ކަމުގައި ދަންނަވަން،" ޓީމްގެ ބަޔާނުގައި ލިޔެފައިވެ އެވެ.

ނަމަވެސް، ޓެކްސް ރޭޓަށް ސަރުކާރުން ގެނައި ބަދަލާ ގުޅިގެން ޓްރެވެލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓުންގެ ފައިދާއަށް ކޮންމެ ވެސް ވަރެއްގެ އަސަރެއް ކުރާނެ ކަމަށް ޓީމް އިން ވެސް ގަބޫލު ކުރެ އެވެ. ޓެކްސްގެ ބަދަލަށް އަމަލުކުރުމުގެ ކުރިއަށް ސަރުކާރުން އެކަށޭނަ އިތުރު މުއްދަތެއް ދިނުން ރަނގަޅު ވާނެ ކަމަށް ވެސް އެ ޖަމިއްޔާއިން ނެރެފައިވާ ބަޔާނުގައިވެ އެވެ.

މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓޫރިޒަމް ވިޔަފާރިތަކުން ނަގާ ޓީޖީއެސްޓީ އަށް ޕަސެންޓުން 12 ޕަސެންޓަށް ބޮޑުކުރުމަށެވެ. މި ބަދަލަށް އަމަލު ކުރާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.