Advertisement

އަނގަމަތީގައި އަތްއަޅައި، ޖަރުމަނު "ކޮޕީ" ކުރަން ސްވިޒަލެންޑުން ބޭނުމެއް ނޫން

24 ނޮވެންބަރު 2022 - 09:42 0


އަނގަމަތީގައި އަތްއަޅައި، ޖަރުމަނު "ކޮޕީ" ކުރަން ސްވިޒަލެންޑުން ބޭނުމެއް ނޫން

24 ނޮވެންބަރު 2022 - 09:42 0

ދޯހާ، ގަތަރު (ނޮވެމްބަރު 24) - ޓީމު ފޮޓޯގައި އަނގަމަތީގައި އަތްއަޅައިގެން ހުރެ ޖަރުމަނުން ކުރި ހަޅުތާލުގައި ބައިވެރިވެ، އެކަން ކޮޕީކުރަން ސްވިޒަލެންޑުން އިން ބޭނުންނުވާ ކަމަށް އެ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ ބުނެފި އެވެ.

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ޖަޕާން އަތުން ޖަރުމަނު ބަލިވި މެޗު ފެށުމުގެ ކުރިން، ޖަރުމަނުން ޓީމު ފޮޓޯ އަށް ހުއްޓުނުއިރު، ޓީމުގެ ކުޅުންތެރިން ތިބީ އަނގަމަތީގައި އަތްއަޅައިގެންނެވެ. މިއީ މި ފަހަރުގެ ވޯލްޑް ކަޕް ބާއްވާ ގަތަރުން، އެއް ޖިންސުގެ ގުުޅުން ޕްރޮމޯޓްކުރާ "އެލްޖީބީޓީ" ކޮމިއުނިޓީއާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ޖަރުމަނު ޓީމުން ކުރި ކަމެކެވެ.

"އަހަރެމެން ސްވިސް ޓީމުން މިކަން ކުރަން ޖެހޭ ސަބަބެއް އޮތް ކަމަށް ނުދެކެން، އަހަރެމެން ޖެހޭ އެ ގައުމެއްގައި އޮންނަ އުސޫލުތަކާއި ގަވާއިދުތަކަށް އިހުތިރާމްކުރަން. އަހަރެމެން ވިސްނާނީ ހަމައެކަނި ފުޓްބޯޅަ އަށް އެހެން ކަންކަން ކުރާކަށް ވަގުތެއް ވެސް ނެތް،" ޝަކާ ބުންޏެވެ.

"ޖަރުމަނު ކޮޕީ ކުރާކަށް ނުޖެހޭ، އަހަރެމެން މި ތަނަށް އައީ މީހުންނަށް ފުޓްބޯޅައިން ބޭރުގެ ފިލާވަޅުތަކެއް ނަގައިދޭކަށް ނޫން،"

ސްވިޒަލެންޑުން މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި މިއަދު މެންދުރު ނުކުންނާނީ ކެމަރޫނާ ދެކޮޅަށެވެ. މި މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްވިޒަލެންޑްގެ ކޯޗު މުރާތު ޔަކިން ބުނީ މިއީ މިހާތަނަށް ސްވިޒަލެންޑް ގައުމީ ޓީމުގައި ބޮޑު މުބާރާތަކަށް ނުކުންނައިރު، އޮތް އެންމެ ރަނގަޅު ސްކޮޑު ކަމަށެވެ.

"މިހާރު މި އޮތީ ސްވިޒަލެންޑްގެ ތާރީހުގައި ވެސް އައި އެންމެ މޮޅު، ހުނަރުވެރި ޓީމު. އަހަރެމެންނަށް ތާރީހުގައި ލިޔެވޭ ފަދަ ކާމިޔާބެއް ހޯދިދާނެ. (ގަތަރަށް) މިއައީ ހަމައެކަނި ބައިވެރިވެލާކަށް ނޫން، ކާމިޔާބަކަށް ވެސް ޗެލެންޖް ކުރަން،" މުރަތު ބުންޏެވެ.

މިއީ ކެމަރޫނުން ވޯލްޑް ކަޕްގައި ކުޅޭ އަށް ވަނަ ފަހަރެވެ. އެންމެ ގިނަ ފަހަރު ވޯލްޑް ކަޕްގައި ވާދަކުރި އެފްރިކާ ޓީމުގެ ޝަރަފު ލިބިފައިވަނީ ކެމަރޫން އަށެވެ. އެހެން ނަމަވެސް އެ ޓީމު ފާއިތުވި މުބާރާތްތަކުގައި ކުޅުނު މެޗުތައް ގޮސްފައިހުރީ އެންމެ ބޭނުންވާ ގޮތަކަށް ނޫނެވެ. ވޯލްޑް ކަޕްގައި ކެމަރޫން އެންމެ ފަހުން ކުޅުނު ހަތް މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

އެކަމަކު، މި ފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލިއިރު، ކެމަރޫންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް، ކުރީގެ ފޯވާޑް، ސެމުއެލް އެޓޫ ވިދާޅުވީ މި ފަހަރުގެ މުބާރާތް ކާމިޔާބުކުރާނީ ކެމަރޫން ކަމަށެވެ.

ކެމަރޫންގެ ކޯޗަކަށް ހުރީ އެ ގައުމަށް ކުރިން ކުޅެދިން ޑިފެންޑަރު، ރިގޮބާޓް ސޯންގް އެވެ. އޭނާ ބުނީ ގަތަރުގައި މިހާރު ކުރިއަށްދާ މި ވޯލްޑް ކަޕްގައި މިހާތަނަށް ވެސް "ސަޕްރައިޒްތަކެއް" ފެނިފައިވާ ކަމަށާއި އޭނާ ޓީމަށް ވެސް އެ ފަދަ ނަތީޖާތަކެއް ނެރެވިދާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

ކެމަރޫނާއި ސްވިޒަލެންޑް ކުޅޭ މެޗު ފަށާނީ މިއަދު މެންދުރު ފަހު 15:00 ގަ އެވެ.