Advertisement

ކުރިއެރުން ފެނުނު ރާއްޖޭގެ ޓެނިސް ޗެލެންޖް ކާމިޔާބު

22 ނޮވެންބަރު 2022 - 17:42 1

މޯލްޑިވްސް ޓެނިސް ޗެލެންޖްގެ މެޗެއްގެ ތެރެއިން ނަބާ ބޯޅަ ފޮނުވާލަނީ.-


ކުރިއެރުން ފެނުނު ރާއްޖޭގެ ޓެނިސް ޗެލެންޖް ކާމިޔާބު

22 ނޮވެންބަރު 2022 - 17:42 1

މިމަހުގެ 15-21 އަށް ކުރިއަށް ގެންދިޔަ މޯލްޑިވްސް ޓެނިސް ޗެލެންޖުގައި ދިވެހި ޒުވާން ކުޅުންތެރިން ގިނަ ކާމިޔާބީތަކެއް ހޯދައިފި އެވެ.

ޒުވާން އުމުރުފުރާގެ ކުޅުންތެރިންނަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ މޯލްޑިވްސް ޓެނިސް ޗެލެންޖުގައި ވާދަކުރީ ދިވެހިރާއްޖޭގެ ކުޅުންތެރިންގެ އިތުރުން ސްރީ ލަންކާ، އޮމާން، ތައިލެންޑު، މެލޭޝިއާގެ އިތުރުން ބަހްރެއިންގެ ކުޅުންތެރިން ކުޅުނެވެ.

މުބާރާތުގެ އެކި އިވެންޓުތަކަށް ބަލާއިރު، ސިންގަލްސް ބައިގެ ހަ ކެޓަގަރީގެ ތެރެއިން ތިން ކެޓަގަރިއަކުން ރާއްޖޭގެ ކުޅުންތެރިން ރަން މެޑަލް ހޯދި އެވެ. އެއީ 12 އަހަރުން ދަށުގެ ފިރިހެން، 14 އަހަރުން ދަށުގެ ފިރިހެން އަދި ޖޫނިއާ އަންހެން ކުދިންގެ އޯޕަން ބައިގަ އެވެ.

ބާރަ އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ އާދަމް އާލް ނިޔާޒު އެވެ. އޭނާ ފައިނަލް މެޗު ކާމިޔާބުކުރީ އޮމާންގެ އަބްދުއްރަހުމާން އަހުމަދު އަލް ރަހްބީ އާއި ވާދަކޮށް 6-3 އަދި 6-0 އިންނެވެ.

ސާދަ އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ރާއްޖޭގެ ދާއޫދު ޝަހީބު ހޯދީ ފައިނަލުގައި ރާއްޖޭގެ މުހައްމަދު ކައިސާން އިއްޒަތު ރަޝީދު އަތުން މޮޅުވެގެންނެވެ. ފައިނަލް މެޗު ދައޫދު ކާމިޔާބުކުރީ 6-1 އަދި 6-3 އިންނެވެ.

އަންހެން ކުދިންގެ އޯޕަން ބައިގެ ފައިނަލުން ލަޔާން މުހައްމަދު ޝާމިން މޮޅުވީ ފައިނަލްގައި އޮމާންގެ އައިޝާ އިސާމް އަލް ބުސައިދީ އަތުން ދެ ގޭމުން މޮޅުވެގެންނެވެ. މެޗުގެ ސެޓުތައް ލަޔާން ގެންދިޔައީ 6-3 އަދި 6-3 އިންނެވެ.

މުބާރާތުގެ އެންމެ ފޯރިގަދަ އެއް ފައިނަލުގެ ގޮތުގައި ފެނުނީ 12 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިގެ ފައިނަލެވެ. މި ބައިގެ ފައިނަލުގައި ވާދަކުރީ ރާއްޖޭގެ ޒުވާން ތަރި ނަބާ ނިޝާން އާއި މެލޭޝީއާގެ އަދަނީ ރައިހާން މުހައްމަދު އަޒުހަރީ އެވެ. ލީގު ބުރުގައި އަދަނީގެ މައްޗަށް ނަބާ ކުރި ހޯދި ނަމަވެސް ފައިނަލުގައި ނަބާ ބަލިވީ ވާދަވެރި ކުޅުމަކަށްފަހު 6-7 އަދި 3-6 އިންނެވެ.

ސާދަ އަހަރުން ދަށުގެ އަންހެން ބައިގެ ފައިނަލުގައި ވާދަކުރީ ތައިލެންޑުގެ ދެ ކުޅުންތެރިންނެވެ. ތަރިތާ ހޮންސްޔޮކް އަތުން 6-0 އަދި 6-1ގެ ނަތީޖާ އަކުން މޮޅުވެ ޗެމްޕިއަންކަން ހޯދީ ނަތްރާޑާ ސަކުލޮވުންޓަނާ އެވެ.

ޖޫނިއާ އޯޕަން ފިރިހެން ބަޔަށް ބަލާއިރު، ފައިނަލުގައި ވާދަކުރީ ލަންކާގެ ދެ ކުޅުންތެރިންނެވެ. ލަންކާގެ ގަނުކަ ފެނާންޑޯ އާ ވާދަކޮށް އަޝެން ސިލްވާ ޗެމްޕިއަންކަން ހޯދީ ފައިނަލު މެޗު 6-1 އަދި 6-0 އިން ކާމިޔާބުކޮށްގެންނެވެ.