Advertisement

ހަނގުރާމައެއްގެ ބިރު ނެތުމުން ޕޮލެންޑް ކެޕްޓަން ލެވަންޑޯސްކީ އުފަލުން

22 ނޮވެންބަރު 2022 - 11:16 0


ހަނގުރާމައެއްގެ ބިރު ނެތުމުން ޕޮލެންޑް ކެޕްޓަން ލެވަންޑޯސްކީ އުފަލުން

22 ނޮވެންބަރު 2022 - 11:16 0

ދޯހާ، ގަތަރު (ނޮވެމްބަރު 22) - މިދިޔަ ހަފްތާގައި ޕޮލެންޑްގެ އަަވަށަކަށް މިސައިލެއް ވެއްޓި، ދެ މީހަކު މަރުވި ނަމަވެސް އެ ގައުމަށް ހަނގުރާމައެއްގެ ބިރު ނެތްކަން ޔަގީންވުމާ އެކު ޕޮލެންޑް ޓީމަށް ހަމަނޭވައެއް ލެވި، މި ފަހަރުގެ ވޯލްޑް ކަޕަށް އެއްކޮށް ސަމާލުވެގެން ތިބެން ފުރުސަތު ލިބިފައިވާ ކަމަށް އެ ޕޮލެންޑް ގައުމީ ޓީމުގެ ކެޕްޓަން، ރޮބަޓް ލެވަންޑޯސްކީ ބުނެފި އެވެ.

ޔޫކްރެއިން ބޯޑަރު ސަރަހައްދުގައިވާ ޕޮލެންޑްގެ އަވަށެއް ކަމަށްވާ ޝެވޯޑޯފް އަށް ވެއްޓުނު މިސައިލެއްގައި ޖެހި ދެ މީހަކު ވަނީ މަރުވެފަ އެވެ. މިއީ ރަޝިއާ އާއި ޔޫކްރެއިން ހަނގުރާމައިގެ ތެރެއިން ޕޮލެންޑަށް އަމާޒުވި ހަމަލާއެއްތޯ ސުވާލު އުފައްދައި، ޕޮލެންޑްގެ ގިނަ ބަޔަކު ތިބީ ހަނގުރާމައެއް ފެށިދާނެތީ ބިރުންނެވެ. ގަަތަރުގައި ވޯލްޑް ކަޕް ކުޅެން، ތައްޔާރުވަމުން އައި ޕޮލެންޑް ޓީމުގެ ކުޅުންތެރިންނަށް ވެސް އޮތީ އެ ކަންބޮޑުވުމެވެ.

އެކަމަކު، ހޯދުނު ހޯދުންތަކުން އެނގުނީ މިއީ ޔޫކްރެއިނުން ރަޝިއާގެ ހަމަލާއަކުން ސަލާމަތްވުމަށް ބޭނުންކުރި ޑިފެންސް ހަމަލާއެއް ކަމަށެވެ. އެހެންވެ، ގަތަރު ވޯލްޑް ކަޕްގައި ވާދަކުރަން އައިއިރު، ޕޮލެންޑަށް އެ ގައުމުގައި ހަނގުރާމައެއް ނުފެށި، ރައްޔިތުންގެ ރައްކާތެރިކަމާ މެދު ޔަގީންކަން ލިބުނެވެ.

"(މިސައިލް ވެއްޓުނު ހަބަރު ލިބުނު ވަގުތަކީ) އެއީ ފަސޭހަ ވަގުތެއް ނޫން، އެކަމަކު، ފަހުން ކަންކަން ހިނގާދިޔަ ގޮތްތަކުގެ މައުލޫމާތު ލިބުމުން އަހަރެމެންނަށް ފުންނޭވައެއް ލެވުނު. ހަމަޖެހުމެއް ލިބުނު،" ލެވަންޑޯސްކީ ބުންޏެވެ. "އުންމީދަކީ އެ ފަދަ ކަމެއް ދެން ތަކުރާރުނުވުން، މިސައިލް ހަމަލާގެ ވާހަަކަ އަކީ އެއްވެސް ބަޔަކަށް އަޑު އަހަން ވެސް ފަސޭހަވާނެ ކަމެއް ނޫން،"

މިއީ ލެވަންޑޯސްކީގެ ވެސް ފަހު ވޯލްޑް ކަޕް ކަމަށް ޔަގީންކަމާ އެކު ބުނަން އޭނާ ބޭނުމެއް ނުވެ އެވެ. މި ފަހަރުގެ ވޯލްޑް ކަޕަކީ ލެވަންޑޯސްކީގެ ފަހު ވޯލްޑް ކަޕަށް ވެދާނެ ކަމަށް ބަލައި، އޭނާ ހުރީ ކޮންމެ ފުރުސަތެއްގެ ވެސް ބޭނުންހިފައި ގައުމަށް ކާމިޔާބު ހޯދައިދިނުމުގެ އަޒުމުގަ އެވެ.

ޕޮލެންޑް ގައުމީ ޓީމަށް 134 މެޗުން 76 ގޯލު ޖެހި ލެވަންޑޯސްކީ އަށް މި ފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗާ ކުރިމަތިލާއިރު، ދެން އޮތް އަނެއް އުފަލަކީ، މި ސީޒަނުގައި ބާސެލޯނާ އަށް ބަދަލުވެ ވެސް ރަނގަޅު ކުޅުމެއް ދެއްކުމެވެ.

"މީގެ އިދިކޮޅު ޓީމުތަކުން އަހަންނަށް ސަމާލުވެގެން ކުޅެންޏާ ނެގޭނެ ފައިދާ އޮތީ އެހެން ކުޅުންތެރިންނަށް، އެހެންކަމުން އަހަރެމެންނަށް ފައިދާ ނެގޭނެ އެކި ގޮތްގޮތް އެބަހުރި،" ބާސެލޯނާ އަށް މި ސީޒަނުގައި 19 މެޗުން 18 ގޯލު ޖެހި ލެވަންޑޯސްކީ ބުންޏެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ޕޮލެންޑް ކުޅޭ ފުރަތަމަ މެޗުގައި މެކްސިކޯއާ ދެކޮޅަށް ނުކުންނައިރު، މި ދެ ޓީމު މީގެ ކުރިން ވަނީ 1978 ވަނަ އަހަރު އާޖެންޓީނާގައި ކުޅުނު ވޯލްޑް ކަޕްގައި ބައްދަލުކޮށްފަ އެވެ. އެ މެޗުން ޕޮލެންޑް މޮޅުވި ނަމަވެސް އޭގެ ފަހުން، މި ދެ ޓީމު ބައްދަލުކުރި ހަ މެޗުން ވެސް އެ ޓީމަށް ކާމިޔާބެއް ނުލިބެ އެވެ. ތިން މެޗުން މެކްސިކޯ މޮޅުވިއިރު، އަނެއް ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ޕޮލެންޑާއި މެކްސިކޯ ކުޅޭ، މި ފަހަރުގެ ވޯލްޑް ކަޕް މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ ނުވައެއް ޖަހާއިރު އެވެ.