Advertisement

ޑެންމާކް އަކީ ވޯލްޑް ކަޕްގެ ފޭވަރިޓުންގެ ކަމަށް ނުކިޔާތީ ކޯޗު ހުރީ ހަމަޖެހިގެން

22 ނޮވެންބަރު 2022 - 09:54 0


ޑެންމާކް އަކީ ވޯލްޑް ކަޕްގެ ފޭވަރިޓުންގެ ކަމަށް ނުކިޔާތީ ކޯޗު ހުރީ ހަމަޖެހިގެން

22 ނޮވެންބަރު 2022 - 09:54 0

ދޯހާ، ގަތަރު (ނޮވެމްބަރު 22) - މި ފަހަރުގެ ވޯލްޑް ކަޕްގައި ޑެންމާކަކީ ފޭވަރިޓެއްގެ ގޮތުގައި ނުކިޔުމާ އެކު އެ ވިސްނުމުން ބަލާއިރު، އެ ޓީމަށް ޕްރެޝަރެއް ނެތުމަކީ ހަމަޖެހިލައިގެން ކާމިޔާބު ހޯދަން މަސައްކަތް ކޮށްލަން ލިބޭ ފުރުސަތެއް ކަމަށް އެ ޓީމުގެ ކޯޗު ކެޝްޕާ ޖޮލްމަންޑް ބުނެފި އެވެ.

މިހާތަނަށް ވޯލްޑް ކަޕެއްގައި ޑެންމާކްގެ އެންމެ ރަނގަޅު ނަތީޖާ އަކީ 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅުމެވެ. އެންމެ ފަހުން، މިިދިޔަ އަހަރު ބޭއްވި ޔޫރޯގައި ޑެންމާކް ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. އަދި ދާދި ފަހުން ނިމުނު ނޭޝަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ވެސް ޑެންމާކް ފެނިފައިވަނީ ވަރުގަދަ ކޮށެވެ.

ޑެންމާކްގެ ކޯޗު ޖޮލްމަންޑް ބުނެފައިވަނީ މި ވަގުތަށް ފެންނަން އޮތް ހަގީގަތަކީ ޑެންމާކްގެ މިހާރުގެ ޓީމުގައި މި އޮތް ގްރޫޕަކީ ހުނަރުގެ ގޮތުން ބަލާއިރު، ފުރިހަމަ ޓީމެއް ކަމުގައި ވުން ކަމަށް ޖޮލްމަންޑް ވަނީ ބުނެފަ އެވެ.

"އެކަމަކު، އަހަރެމެންނަކީ މުބާރާތުގެ ފޭވަރިޓުންތަ؟ އެހެނެއް ނޫން މި އޮތީ،" ޖޮލްމަންޑް ބުންޏެވެ.

"އެކަމަކު، ޔަގީނުން ވެސް އަހަންނަށް އޮތް އިތުބާރަކީ އަހަރެމެންގެ ޓީމުގެ ރަނގަޅު ދުވަހެއްގައި ކޮންމެ ޓީމެއް އަތުން ވެސް މޮޅުވެވޭނެ ފެންވަރު ހުރިކަން. އަހަރެމެންނަށް އަމިއްލަ ނަފްސަށް އޮތް އިތުބާރަށް ބަލާއިރު، މި ލެވަލްގައި ވެސް ކާމިޔާބު ހޯދިދާނެ. އެހެންވީމަ، ފޭވަރިޓުންގެ ޕްރެޝަރެއް ނެތިއްޔާ، މުބާރާތް ކާމިޔާބުކުރަން ވެސް އަހަރެމެންނަށް ފަސޭހަވާނެ،"

މިދިޔަ ފަހަރު ޔޫރޯގައި ޑެންމާކްގެ ޓީމު އެއްބައިވަންތަކޮށް ފެނިގެންދިޔަ އެންމެ ބޮޑު ސަބަބަކީ ގްރޫޕް ސްޓޭޖުގައި ފިންލެންޑާ ދެކޮޅަށް ޑެންމާކް ކުޅުނު މެޗުގައި އެ ޓީމުގެ ތަރި ކްރިސްޓިއަން އެރިކްސަން ހިތްހުއްޓިގެން ދަނޑުމައްޗަށް ވެއްޓުމެވެ. އެ ހާދިސާ އަށް ފަހު ޑެންމާކްގެ ރޫހު ރަނގަޅުވެ، ސެމީއާ ހަމައަށް ދަތުރުކުރި އެވެ. އެރިކްސަން ވަނީ ހަތް މަހެއްހާ ދުވަސް ތެރޭ ކުޅުމަށް އެނބުރި ނުކުމެ، ގައުމީ ޓީމަށް ވެސް ކުޅެން ފަށައިފަ އެވެ.

ޖޮލްމަންޑް ބުނީ އެރިކްސަން އަކީ އެ ޓީމުގެ ރޫހު ކަމަށާއި މި ފަހަރުގެ މުބާރާތުގައި އޭނާ ހުރުމަކީ ޓީމަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ޑެންމާކުން މި ފަަހަރުގެ ވޯލްޑް ކަޕް ފަށާނީ ޓިއުނީޝިއާއާ ދެކޮޅަށް ކުޅޭ މެޗުންނެވެ. އެ ގްރޫޕްގައި ދެން އޮތީ ފްރާންސް އާއި އޮސްޓްރޭލިއާ އެވެ.

މިއީ ޑެންމާކް އާއި ޓިއުނީޝިއާ، ރަސްމީ މެޗެއްގައި ބައްދަލުކުރާ ފުރަތަމަ ފަހަރެެވެ. މީގެ 20 އަހަރު ކުރިން އެކުވެރިކަމުގެ މެޗެއްގައި ޑެންމާކާއި ޓިއުނީޝިއާ ބައްދަލުކުރި މެޗު ނިމުނީ 2-1 އިން ޑެންމާކް މޮޅުވެގެންނެވެ. ޑެންމާކް މިހާތަނަށް އެފްރިކާ ޓީމެއް އަތުން ބަލިވެފައިނުވާއިރު، ޓިއުނީޝިއާ އަށް ޔޫރަޕްގެ ޓީމެއް އަތުން ކާމިޔާބު ހޯދިފައެއް ނުވެ އެވެ.

ޓިއުނީިޝިއާ އާއި ޑެންމާކް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން ހަވީރު ފަހެއް ޖަހާއިރު އެވެ.