Advertisement

ރާއްޖެ ބަނގުރޫޓު ވާއިރު ރިޔާސަތުގައި އިނުން ވާނީ ލަދުވެތިކަމަކަށް: ނަޝީދު

21 ނޮވެންބަރު 2022 - 11:14 9

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަަތު ބަލަހައްޓަވަނީ. އެމަނިކުފާނު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވާއިރު ރިޔާސަތުގައި އިންނެވުން ލަދުވެތިކަމަށް ވާނެ ކަަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ


ރާއްޖެ ބަނގުރޫޓު ވާއިރު ރިޔާސަތުގައި އިނުން ވާނީ ލަދުވެތިކަމަކަށް: ނަޝީދު

21 ނޮވެންބަރު 2022 - 11:14 9

ރާއްޖެ ބަނގުރޫޓުވާ ހާލަތެއް މެދުވެރިވެ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އެމަނިކުފާނަށް އިންނަަވަން ޖެހިވަޑައިގެންފި ނަމަ އެއީ ވަރަށް ލަދުވެތި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހެނދު ސަޔަށް މެދުކަނޑުއްވައިލެއްވުމުގެ ކުރިން ނަޝީދު ވިދާޅުވީ ސްރީލަންކާ ސަރުކާރާއެކު މަސައްކަތް ކުރެއްވުމަށް ފަހު ގާނާ ސަރުކާރާ އެކުގައި ވެސް އެމަނިކުފާނު މަސައްކަތް ކުރައްވާފައިވާނެ ކަމަށާއި އެ ދެގައުމު ވެސް ދިޔައީ "ބަނގުރޫޓުގެ މަގަށް" ކަމަށެވެ. ރާއްޖެއަށް އެެހެންވިޔަ ނުދިނުމަށް ދައުލަތުގެ މާލީ ހާލަތު މަޖިލީހުގެ މެމްބަރުން ބައްލަވަން އެދިވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެ މަގަށް [ބަނގުރޫޓުވުމުގެ މަގަށް] ދާއިރު މި ރިޔާސަތުގައި އަޅުގަނޑު އިނދެއްޖެ ނަމަ އަޅުގަނޑު ދަންނަވާނީ އެއީ އަޅުގަނޑަށް ވެސް ވަރަށް ބޮޑު ލަދުވެތިކަމަކަށޭ ވެގެން ދާނީ،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖެ އެއް ގޮތަކަށް ވެސް އެމަގަށް ދިއަދީގެން ނުވާނެ ކަމަށާއި މިވަގުތު ދައުލަތުގެ މާލިއްޔަތު ހުރިގޮތް މެމްބަރުން ސާފުކުރުން ވަރަށް މުހިންމު ކަމަށް ވެސް އެެމަނިކުފާނު ވިދާޅުވި އެވެ. އެ މައުލޫމާތު އާންމުކުރުމަކީ ވެސް އެމަނިކުފާނު ވިދާޅުވި ގޮތުގައި ވަރަށް ބޭނުންތެރިކަމެކެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މެމްބަރުންގެ ވިސްނުން ބަހައްޓަންވީ މިވަގުތު ރާއްޖޭގެ ފޮރިން ކަރަންސީ ރިޒާވް ހުރި މިންވަރު ދެނެގަތުމަށެވެ.

"އަދި ކުރިއަށް މިއޮތް ހަފުތާ ތަކުގައި، މި ދަންނަވަނީ މިއަންނަ ހަފުތާއާއި އޭގެ އަނެއް ހަފުތާގައި ދައުލަތުން ދައްކާން ހުރީ ކޮން ފައިސާއެއްތޯ ، ތެލަށް ދައްކާން ހުރި ފައިސާ އެބަހުރިތޯ ރިޒާވްގައި. ކާޑަށް ދައްކާން ހުރި ފައިސާ އެބަހުރިތޯ ރިޒާވްގައި،" ނަޝީދު ވިދާޅުވި އެވެ.

ކަންބޮޑުވުމަކީ އެކަންކަމާ ގުޅޭ ގޮތުން ޝައްކު އުފެދުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސް ކުރަމުން އަންނަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް، މަޖިލީހުގެ ބަޖެޓް ކޮމިޓީން ދިރާސާކޮށް އެކުލަވައިލި ރިޕޯޓަށެވެ. އެ ބަހުސްގައި މެމްބަރުންނަށް ފުރުސަތު ދެއްވުމުގެ ކުރިން އާންމު އުސޫލުން މިއަދު ވެސް ނަޝީދު ގެންދަވަނީ އެކިއެކި ވާހަކަފުޅުތައް ދައްކަވަމުންނެވެ.

އަސާސީ ކަންކަމަށް ބޭނުންވާ ވަރަށް ރާއްޖޭގައި ބޭރު ފައިސާ ނެތް ކަމަށް ވެސް އެމަނިކުފާނު މިއަދު ވިދާޅުވި އެވެ.