Advertisement

އެމެރިކާގެ ނައިޓްކްލަބެއްގައި ފަސް މީހުން މަރާލައިފި

21 ނޮވެންބަރު 2022 - 07:31 1

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ހަމަލާ ދިނީ ކްލަބް ކިޔު ނައިޓްކްލަބަށް.


އެމެރިކާގެ ނައިޓްކްލަބެއްގައި ފަސް މީހުން މަރާލައިފި

21 ނޮވެންބަރު 2022 - 07:31 1

އެމެރިކާގެ ކޮލޮރާޑޯ ސްޓޭޓުގެ ނައިޓްކްލަބެއްގައި ބަޑި ޖަހައި ފަސް މީހުން މަރާލައި 18 މީހުން ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ ތުހުމަތު ކުރެވޭ އުމުރުން 22 އަހަރުގެ އެންޑެސަން ލީ އެލްޑްރިކް ހައްޔަރުކޮށްފައިވާ ކަމަށެވެ. ހަމަލާ ދިނުމުގެ ތެރޭގައި އޭނާއަށް ލިބުނު ޒަހަމްތަކަށް ދަނީ ފަރުވާ ކުރަަމުންނެވެ.

ފުލުހުން ބުނީ ކްލަބް ތެރޭގައި ތިބި މީހުންގެ ތެރެއިން ދެ މީހަކު އޭނާގެ ހަމަލާ ހުއްޓުވި ކަމަށެވެ. ކްލަބް ކިޔުއަކީ އެއް ޖިންސުން ގުޅުން ހިންގާ މީހުންނަށް ހާއްސަ ކްލަބެކެވެ.

އެ ކްލަަބުން ނެރުނު ބަޔާނެއްގައި ބުނީ "އަހަރުމެންގެ މުޖުތަމައަށް އަމާޒުކޮށް މި ދިން އަނިޔާވެރި ހަމަލާއިން ހިތްދަތިވާ" ކަމަށެވެ. ފުލުހުން ދަނީ މަރުވީ ކޮން ބަޔެއްތޯ ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

ފުލުހުންނަށް ހާދިސާގެ ރިޕޯޓު ލިބިގެން ކްލަބަށް ދިޔަ އިރު، ތުހުމަތު ކުރެވޭ މީހާ އެ ތަނުގައި ހުއްޓެވެ. ކްލަބުގެ ތެރެއިން ދެ ބަޑި ފެނުނެވެ. ބެލެވޭ ގޮތުގައި ހަމަލާ ދިނީ ދިގި ރައިފަލް ބަޑިއަކުންނެވެ.

ހަމަލާ ދިން ސަަބަބާ ގުޅޭ ގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ. އެހެން ނަމަވެސް މަރުވި މީހުންނާއި އަނިޔާވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ބުންޏެވެ.

މީގެ ކުރިން 2016 ވަނަ އަހަރު ވެސް އެމެރިކާގައި އެއް ޖިންސުން ގުޅުން ހިންގާ މީހުންނަށް ހާއްސަ ކްލަބެއްގައި ބޮޑު ހަމަލާއެއް ދިނެވެ.

އެ ފަހަރު ފްލޮރިޑާގެ ޕަލްސް ކްލަބްގައި ބަޑި ޖަހައި 49 މީހުން މަރުވެ 50 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ. އެއީ އެހާ ތަނަށް އެމެރިކާގައި ބަޑި ޖަހައި އެންމެ ގިނަ ބަޔަކު އެއް ފަހަރާ މަރާލި ހާދިސާ އެވެ.