20 ނޮވެންބަރު 2022 - 13:50 0
މުހައްމަދު ނަސީމް
ރާއްޖޭގެ ފަރެއްގެ ރީތި މަންޒަރެއް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަރުތަކުގެ ރީތިކަން ދަނީ ގެއްލެމުން. ފޮޓޯ:
20 ނޮވެންބަރު 2022 - 13:50 0
"އަންނަ ކޮންމެ މީހަކު [ކޮންމެ ޓޫރިސްޓަކު] ދާ ތަނެއް އޮންނާނެ ކޮރަލް ގާޑަން ކިޔާ، އެކަހަލަ ވަރަށް ހާއްސަ ސައިޓްތައް ހުންނާނެ، އެތަންތަނުގައި ހުުންނާނީ ހަމަ ހުސް މުރަކަ. ވަަރަށް ރީތި މުރަކަ،" ޑައިވް އިންސްޓްރަކްޓަރެއްގެ ގޮތުގައި ދިގު މުއްދަތެއް ހޭދަކޮށްފައިވާ އދ. ދިގުރަށް، ޒަމާނީ ކުލަ، ނައުޝާދު މުހައްމު ބުންޏެވެ. އޭނާ އާކުރީ މީގެ 10 ވަރަކަށް އަހަރު ކުރިން ދިގުރަށަށް އައި ޓުއަރިސްޓުންނަށް އޭރުގައި ދައްކައި އުޅުނު ކަނޑު އަޑީގެ ރީތި މަންޒަރުތަކުގެ ހަނދާނެވެ.
އެހެން ނަމަވެސް އެއީ މިހާރު ހަމަ އެކަނި ހަނދާންތަކެކެވެ. ނައުޝާދު ބުނި ގޮތުގައި އެ ރީތި މަންޒަރުތައް ފެނުނު ތަންތަން މިހާރު ވަނީ މުޅީންހެން ނެތިގެން ގޮސްފަ އެވެ. މިހާރު އެއީ ޓޫރިސްޓުން ގެންދާ ތަންތަނެއް ނޫނެވެ.
"އޭރު ކޮރަލް ގާޑަން އޭ ކިޔާފައި އަހަރެެމެން ވިއްކަނީ ވެސް [އަގު ނަގައިގެން ޓޫރިސްޓުން އެތަންތަނަށް ގެންދަނީ ވެސް]. އެކަމަކު 2016 އެހާ ހިސާބުގައި އައި އެލްނީނޯގައި ގާތައް ހުދުވެގެން ދިޔައީ. އެ ބުރުގައި އަދި އައި ކްރައުން އޮފް ތޯން ސްޓާ ފިޝް ކިޔާ [ކަށިބޮލުގެ ބާވަތެއް]، އެއާ އެކީ އެ ސައިޓްތައް ހަމަ އެއްކޮށް ދިޔައީ،" ނައުޝާދު ބުންޏެވެ.
އޭނާ ބުނި ގޮތުގައި އެލްނީނޯއަށް ފަހުގައި އެ ސަރަހައްދުތަކަށް އަލުން ދިރުން އައި ނަަމަވެސް ކުރިން ހުރި ރީތިކަން އިއާދައެއް ނުވެ އެވެ. އެތަން ތަނުގައި ދެން އާލާވީ އޭނާ ބުނި ގޮތުގައި އެހާ ރީތި ނޫން ބާވަތެއްގެ މުރަކަތަކެކެވެ.
"އަސްލު މި އާލާވަނީ ޓޭބަލް ކޮރަލް [ހަތާ]. ކުރިން ހުރީ ވަރަށް ގިނަ ތަފާތު ވައްތަރުގެ މުރަކަތައް. ހާދަ ގިނަ މަހެއް ވެސް އެ މުރަކަތަކުގެ ތެރޭގައި އުޅެޔޭ،" ނައުޝާދު އަސަރާ އެކު ބުންޏެވެ.
އޭނާ ބުނި ގޮތުގައި އެ ތަންތަނުގައި ކުރިން ހުރި ބާވަތްތަކަކީ ވަރަށް ދިގު މުއްދަތަކުން ހެދި ބޮޑުވާ ބާވަތްތަކެކެވެ. ހެދިބޮޑުވާން އެންމެ ދިގު މުއްދަތެއް ހޭދަވަނީ އެންމެ ވަރުގަދަ ބާވަތްތަކަށެވެ. ޑައިވް ސައިޓްތަކުން އޭރު ގިނައިން ފެންނަނީ އޭނާ ބުނި ގޮތުގައި ގޮފިލައި ހެދޭ ބާވަތްތަކުގެ މުރަކަ އެވެ.
އެލްނީނޯ އައިސް އެތަންތަނުގައި ހުރި ގާތައް ހުދުވުމުން ނައުޝާދާއި އެހެން ޑައިވަރުން ވެސް އެތަންތަނަށް ޓޫރިސްޓުން ގެންދިއުން ހުއްޓައިލި އެވެ. އޭގެ ފަހުން އެތަންތަން ހުރި ގޮތެއް ނުބަލައި އެތައް ދުވަހެއް ވުމަށް ފަހު އަލުން ބަލައިލީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ޓޫރިޒަމް އިންޑަސްޓްރީ މުޅިން ހުއްޓިފައި އޮތް ދުވަސް ވަރުގަ އެވެ.
އޭރު އެތަންތަނުގައި ހެދިފައި ހުރީ މުޅީންހެން ހަތަ އެވެ. އެއީ ނައުޝާދު ބުނި ގޮތުގައި ވަރަށް ނާޒުކު ބާވަތެކެވެ. ދިގުރަށަށް އެރި އުދައިގެ ވާހަކައާ ގުޅުވައިލަމުން އޭނާ ބުނީ އެކަހަލަ އުދައެއް އަރައިފިއްޔާ އެންމެ ހަތައެއް ވެސް ކޮޅަށް ނުހުންނާނެ އެވެ.
ނައުޝާދު މުޙައްމަދު އަދަދު އަށް އިންޓަވިއު ދެނީ. ކަނޑުއަޑީގެ ރީތި ތަންތަން ހަލާކުވެފައިވާ ވަރު އޭނާ ސިފަކޮށްދިން. ފޮޓޯ:މިރާޝް ނާޝިމް/އަދަދު
"އެހުރިހާ އެއްޗެއް އަނެއް ފުށަށް ޖެހޭނެ. އޭގައި ހުންނާނީ ވަރަށް ހިމަހިމަ ތަންކޮޅެއް ހަރުލަން،" ނައުޝާދު ބުންޏެވެ.
ގިނަ ތަންތަނުން ގިނައިން ފެންނަ ބާވަތަކީ ހަތަޔަށް ވެ ނިމިފައި ވާއިރު، ނައުޝާދު އާކުރީ ޑައިވްކުރަން އަދި ނުފަށައި އުޅުނު އޭނާގެ ޅަފުރާގެ ދުސްތަކުގައި ފަރުތައް އޮންނަ ގޮތެވެ. އޭނާއާ އެކު އަހަރެމެންގެ ވާހަކައިގައި ބައިވެރިވެވަޑައިގެން ތިއްބެވި ދިގުރަށު ކައުންސިލްގެ ރައީސާއި ނައިބު ރައީސަށް "ދޯ"ދެމުން ނައުޝާދު ބުނި ގޮތުގައި ދިގުރަށު ބޭރުގައި ވެސް ކުރިން ހުރީ މުރަކައިގެ ވަރަށް ރީތި ބާވަތްތަކެވެ.
"އިއްބެވެސް ހަނދާން ހުންނާނެ ކުރިން ދިޔަވަރު ހިކޭ އިރު މިރަށުގެ މިފަރާތުގައި ވެސް މުރަކައިގެ ކޮޅުތައް ހުންނާނެ ހިކިފައި،" އޭނާ ބުންޏެވެ.
ނައުޝާދުމެން ޑައިވްކުރަން ފެށި އިރު ވެސް އެ ޒަމާން އެކަމަކު ނިމިއްޖެ އެވެ.
ނައުޝާދު ބުނި ގޮތުގައި ޓޫރިސްޓުން ގޮވައިގެން ކުރިން ޑައިވްކުރަން ގޮސް އުޅުނު ރީތި ތަންތަން ހަލާކުވި ހަމަ އެކަނި ސަބަބަކީ އެެލްނީނޯއެއް ނޫނެވެ. އެލްނީނޯގައި ހަލާކު ނުވެ ހުރި ބައެއް ތަންތަން، ތަރައްގީގެ އެކި މަޝްރޫއުތަކުގެ ސަބަބުން ވެސް ވަނީ ހަލާކުވެ ނެތި ގޮސްފަ އެވެ.
އޭގެ މިސާލަކަށް އޭނާ ދެއްކީ ދިގުރަށާ ދާދި ކައިރީގައި އޮންނަ އދ. މާމިނގިލީގެ ފަރެވެ.
"އަސްލު މާމިނގިލީ ކޯނާ އަކީ [ކުރިން] މި ސަރަހައްދުން އެންމެ ރީތި އެއްތަން. އަހަރެމެން އިރުވައިގައި އަބަދުވެސް ދަން. އެތަނުން ފެންނާނެ ސަތޭކަ ދުއިސައްތަ މޮބިއުލާ [އެންމަޑި] ގެރެންޓީކޮށް،" ނައުޝާދު ބުންޏެވެ.
އެކަމަކު މިހާރު އެ ސަރައްދަށް ޑައިވް ނުވެސް ކުރެވެ އެވެ. މާމިނގިލި އެއާޕޯޓް ހަދަން ބިން ހިއްކަން ފެށި ފަހުން މިހާރު މުޅި ސަރަހައްދަށް އޮންނަނީ އޮޅަ އަރައި ފުސްވެފަ އެވެ.
"މާމިނގިލި ބޭރުން ހޮލިޑޭއާ ހަމައަށް ނުޖެހޭނެ. އަބަދުވެސް ހިއްކުމާ އެކަހަލަ ކަންތައްތަކާ ހެދި ވިޒިބިލިޓީ މިހުންނަނީ ހަމަ ވަރަށް ދަށްކޮށް،" ނައުޝާދު ބުންޏެވެ.
އެފަދަ މަޝްރޫއުތަކުން ފަރުތަކަށް ލިބޭ ގެއްލުން އޭނާ ސިފަކުރީ "ތަރައްގީގެ ނެގެޓިވް އިމްޕެކްޓް"ގެ ގޮތުގަ އެވެ.
ނައުޝާދަކީ ދިގުރަށުގެ ލޯކަލް ޓޫރިޒަމްގައި ވަރަށް ހަރަކާތްތެރި ޒުވާނެކެވެ. އޭނާ އަކީ ގެސްްޓްހައުސްގެ އިތުރުން ޑައިވް ސެންޓަރުތައް ވެސް ހިންގާ މީހެކެވެ. ތިމާވެށްޓަށް ލިބޭ ގެއްލުމުގެ ސަބަބުން އެ ވިޔަފާރިއަށް ކުރާ އަސަރު އެހެންވެ އޭނާއަށް ވަރަށް ރަނޅަށް ވަޒަން ކުރެވެ އެވެ.
"އަހަރެމެންނަށް ގައިމުވެސް ބިޒްނަސް ސައިޑުން ބަލައިފިއްޔާ ވަރަށް ބޮޑަށް ގެއްލުންވޭ. ވިއްކާ ވަރަށް ވަރުގަދަ ޕްރޮޑަކްޓްސް [ޑައިވް ސްޕޮޓްތައް]، އަހަރެމެން އަމިއްލައަށް އެގޮތަށް ފީލް ވެގެން [މިހާރު އެތަންތަން ރީތި ނޫންކަަމަށް އިހުސާސްވެގެން] މިހުއްޓައިލަނީ އެތަންތަނަށް ޓޫރިސްޓުން ގެންދިއުން،" ނައުޝާދު ބުންޏެވެ.
ކުރިން އޭނާ ހަނދާން އާކުރި ކޮރަލް ގާޑަން އަށް ޓޫރިސްޓުން ގެންދަނީ އޭނާ ބުނި ގޮތުގައި 150 ޑޮލަރުގެ ފީއަކަށެވެ. އެތަންތަނަށް އޭރު ކޮންމެ ހަފުތާއަކު ޓޫރިސްޓުން ގެންގޮސްގެން ވަރަށް ރަނގަޅު އާމްދަނީ އެއް ލިބުނެވެ.
"އަހަރެމެން އެކަންޏަށް ބެލިޔަސް، ހަފުތާއަކަށް ބަލާއިރު ފަސްސަތޭކައެއްހާ ޑޮލަރު އެއީ،" ނައުޝާދު ބުންޏެވެ.
އޭނާ ބުނި ގޮތުގައި އާދައިގެ ވަރަކަށް ޓޫރިސްޓުން އަންނަ ދުވަސްވަރެއްގައި ވެސް ކޮރަލް ގާޑަން އަށް ޓޫރިސްޓުން ގެންގޮސްގެން 2،000 އަށް ވުރެ ގިނަ ޑޮލަރު އޭރު ލިބެ އެވެ. ޓޫރިސްޓުން ގިނައިން އަންނަ އިރެެއްގައި އެއަށް ވުރެ ވެސް އާމްދަނީ ރަނގަޅުވާނެ އެވެ.
ނައުޝާދު ފަދަ އެތައް ޑައިވަރުންނަކަށް އެކަމުގެ ގެއްލުން ދަނީ ލިބެމުންނެވެ. ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ އަސަރު ލޯކަލް ޓޫރިޒަމަށް މިވަރަށް ކުރާ އިރު ރިސޯޓްތަކަށް މީގެ ގެއްލުން މާބޮޑުވާނެ އެވެ. ރާއްޖޭގެ ކަނޑު އަޑީގެ ރީތި ތަންތަން ހިމާޔަތް ކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ.
Comment