19 ނޮވެންބަރު 2022 - 15:14 0
19 ނޮވެންބަރު 2022 - 15:14 0
ކުލަބު އީގަލްސް ބަލިކޮށް ގައުމީ ބިލިއާޑް މުބާރާތުގެ ޓީމް އިވެންޓުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ހޯދައިފި އެވެ.
މި މަހުގެ 3-18 އަށް ގައުމީ ބިލިއާޑް ސެންޓަރުގައި ކުރިއަށްގެންދިޔަ މުބާރާތުގެ ޓީމް އިވެންޓުގައި މި އަހަރު ފަސް ޓީމަކުން ވާދަކުރި އެވެ. އެއީ ސިފައިން، ކްލަބް އީގަލްސް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ކަސްޓަމްސް އަދި އައިލެންޑާސް ހޯޕް އެވެ. ސިފައިން ފައިނަލް މެޗުގައި އީގަލްސްގެ މައްޗަށް ކުރި ހޯދީ 3-2 އިންނެވެ.
ފައިނަލް މެޗުގެ ސިންގަލްސް މެޗުތަކަށް ބަލާއިރު، ފުރަތަމަ ސިންގަލްސްގައި އީގަލްސްގެ މުހައްމަދު ސާހިލް ހަމީދު އަތުން ސިފައިން ޓީމްގެ ވަަލަރިއާނޯ ޕަޖުއައީ މޮޅުވީ 9-2 ފްރޭމުންނެވެ. ދެ ވަނަ ސިންގަލްސް މެޗު އީގަލްސްގެ މިގުއެލް ސެލްވިއާ ކާމިޔާބުކުރީ ސިފައިން ޓީމްގެ އަހުމަދު ޝާހިދު އަތުން 2-9 އިންނެވެ.
ޑަބަލްސް ފުރަތަމަ މެޗުގައި ވާދަކުރީ ހުސެން ފަޔާޒް އާއި ހަސަން ޝަފްރާޒްގެ ޕެއާ އާއި އީގަލްސްގެ އިސްމާއިލް ސުވައިދު އަދި އަހުމަދު އަފްރާހު އިސްމާއިލްގެ ޕެއާ އެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ސިފައިން ކާމިޔާބުކުރީ 9-7 ފްރޭމުންނެވެ.
ދެ ވަނަ ޑަބަލްސްގައި ސިފައިންގެ އަބްދުﷲ އަފީފް އަދި ދުންޔާޒް މުހައްމަދު އަތުން އީގަލްސްގެ އަހުސަން ހާޝިމް އަދި އައްބާސް ސައީދު މޮޅުވީ 4-9 އިންނެވެ.
ނަތީޖާ ކަނޑައެޅި ފަހު ޑަބަލްސްގައި ސިފައިން ޓީމްގެ މުޙައްމަދު ޝަރީފް އަދި އަލީ ޝާވިން ވަނީ 9-5 އިން އީގަލްސްގެ ހަސަން ޝާޒް މުޙައްމަދު އަދި އިބްރާހިމް އާފީގެ ޕެއާ ބަލިކޮށްފަ އެވެ.
މުބާރާތުގެ ލީގު ބުރުގެ ފުރަތަމަ މެޗުގައި ސިފައިން އަތުން އީގަލްސް 3-2 އިން މޮޅުވި ނަމަވެސް، ސެމީ ފައިނަލު ފުރަތަމަ މެޗުގައި ސިފައިން ވަނީ އީގަލްސް އަތުން މޮޅުވެފަ އެވެ. އަދި ފައިނަލުވެސް އެޓީމުން ކާމިޔާބުކުރީ 3-2ގެ ނަތީޖާ އަކުންނެވެ.
އަހަރުގެ އެންމެ ފަހު ބިލިއާޑް މުބާރާތްކަމަށްވާ ގައުމީ ބިލިއާޑް މުބާރާތުގައި ހަ އިވެންޓެއް ކުރިއަށްދިޔައިރު، 80 އަށްވުރެ ގިނަ ކުޅުންތެރިން ވާދަކުރި އެވެ.
މި އަހަރު ގައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ސާހިލް ހަމީދު ހޯދީ ފައިނަލުގައި ހަސަން ޝާޒް ބަލިކޮށްގެންނެވެ. އަންހެން ސިންގަލްސް ފައިނަލުގައި އާމިނަތި ހަލީމް (ދިލް) ބަލިކޮށް ޗެމްޕިއަންކަން ހޯދީ އައިޝަތު އަލީ އެވެ.
ޑަބަލްސް އަށް ބަލާއިރު، އިސްމާއިލް ރަޒީން އާއި ހަސަން ޝަފްރާޒް ބަލިކޮށް ޗެމްޕިއަންކަން ހޯދީ ހަސަން ޝާޒް މުހައްމަދު އާއި އަހުމަދު އިޔާދު ސައީދުގެ ޕެއާ އެވެ. މިކްސް ޑަބަލްސް ފައިނަލުގައި ހުސެއިން ފަޔާޒް އާއި އައިމިނަތު ފާތީ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ދީނާ އަހުމަދާއި އަލީ ފަޔާޒްގެ ޕެއާ އެވެ.
Comment