Advertisement

ދުނިޔޭގައި ނަން ހިނގާ ވަރުގެ "ދިވެހި ރަހައެއް" އުފެއްދުން މުހިންމު: ރައީސް

20 ނޮވެންބަރު 2022 - 08:20 0

ރޭ ބޭއްވި ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ "ޝެފް އެވޯޑްސް 2022" ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަ ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް


ދުނިޔޭގައި ނަން ހިނގާ ވަރުގެ "ދިވެހި ރަހައެއް" އުފެއްދުން މުހިންމު: ރައީސް

20 ނޮވެންބަރު 2022 - 08:20 0

ޓޫރިޒަމްގެ ވަރުގަދަ ބްރޭންޑަކަށް ރާއްޖެ ވެފައިވާއިރު، ދުނިޔޭގައި ނަން ހިންގާވަރުގެ "ދިވެހި ރަހައެއް" އުފައްދަން މަސައްކަތް ކުރުން މުހިންމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

"އޭރުން ނަން ހިނގާނީ ހަމައެކަނި އިޓާލިއަން ޕިއްޒާ އާއި، ހައިދަރުއާބާދީ ބިރިޔާންޏެއް ނޫން. އޭރުން ޖަޕާނުގެ ސޫޝީ އާއި، ތުރުކީގެ ދޯނާ ކެބާބްއާ ވިދިގެން ކިޔާނެ ދިވެހި ނަމެއް ވެސް އޮންނާނެ،" ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ "ޝެފް އެވޯޑްސް 2022" ހަފުލާގައި ރައީސް ވިދާޅުވި އެވެ.

ކަލްނަރީ ދާއިރާއަށް ދިވެހި ޝެފުން ނުކުމެ، ދިވެހި ރަހަތައް، ވިލާތުގެ އަރުތަކަށް ހެޔޮވަރު ކޮށްދެވިއްޖެ ނަމަ މުޅިން އާ ބްރޭންޑެއް އުފަންވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެފަދަ އީޖާދީ ވިސްނުން ދިވެހިންގެ ކިބައިގައި އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ 50 އަހަރު ކުރިން ފަތުރުވެރިކަން ތައާރަފު ކުރަން ކުރި މަސައްކަތުގައި އެންމެ ބޮޑު ގޮންޖެހުމަކީ ވިލާތުގެ ފަތުރުވެރިންނަށް ކެއިންބުއިމުގެ ހިދުމަތް ދިނުންކަން ކަމަށް ވިޔަސް، މިއަދު ދުނިޔޭގެ ފެންވަރުގެ ދިވެހި ކެއްކުންތެރިން އެބަ ތިބި ކަން ފާހަގަ ކުރެއްވެވި އެވެ.

ރޭގެ ހަފުލާގައި ރައީސް ސޯލިހުގެ ދެކަނބަލުން އަދި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ޔުނިވާސަލް ރިސޯޓްސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު އާއި ޝެފްސް ގިލްޑްގެ އިސްވެރިން. -- ފޮޓޯ: ރައީސް އޮފީސް


"ރިޒޯޓުތަކުގެ ކަލިނަރީ ދާއިރާގެ އެންމެ މަތީ ފަންތީގައި ވެސް ދިވެހި ޝެފުން މިހާރު އެބަތިބި" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމަށް ލިބޭ ކާމިޔާބީގެ އެންމެ މުހިންމު އެއް ހިއްސާދާރަކީ ޝެފުންކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވި ގޮތުގައި ރިސޯޓަކާ މެދު ފަތުރުވެރިންގެ ހިތްތަކުގައި މަގުބޫލުކަމާއި ޝައުގު އުފައްދައިދޭ އެންމެ ފުރަތަމަ ކަމަކީ، ހުނަރުވެރި ޝެފުންގެ ރަހަ ހެޔޮވަރުކުރުމެވެ.

މިހާރު ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި، ދިވެހި ފަތުރުވެރިކަމާމެދު އޮތް މަގުބޫލުކަން އިތުރުކުރުމަށްޓަކައި ދިވެހި ޒުވާނުން މި ދާއިރާއަށް ނުކުތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ މުބާރާތްތަކުން ދިވެހި ޝެފުން ރަން ވަނަ ހޯދާއިރު، އެއީ ދުނިޔޭގައި ނަން ހިނގާވަރުގެ ދިވެހި ކެއުމުގެ ބާވަތެއް ހެދުމުގެ ގާބިލްކަން ހުރި ފަރާތްތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ބޭނުންވަނީ އެކަމުގައި އިސްނަގާނެ ދިވެހި ޝެފުން. މިރޭ އެވޯޑް ޙާޞިލްކުރެއްވި ބޭފުޅުންގެ ކިބައިގައި، އެ ހުނަރާއި ފަންނު ހުންނާނެކަން އަޅުގަނޑަށް ހަމަ ޔަގީން،" އެ މަނިކުފާނު ވިދާޅުވި އެވެ.

"ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހިދުމަތް ދެއްވާ ހުރިހާ ޝެފުން ވެސް މިކަމާ ދޭތެރޭގައި ވިސްނުން ހިންގެވުމަށް އަޅުގަނޑު އެދެން. އެފަދަ އީޖާދީ މަސައްކަތެއް އުފަންކުރެވިއްޖިއްޔާ އެއީ، ގައުމަށް ލިބޭ ވަރަށް ރީތި ނަމަކަށް ވާނެ. އަދި ދިވެހި ފަތުރުވެރިކަމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށްވެސް ވާނެ."

ދިވެހި ޒުވާނުން ކަލްނަރީ ދާއިރާއަށް ނުކުންނަވަރަކަށް އެ ފަންނު އިތުރަށް ތަރައްގީކޮށް ފުޅާކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.