Advertisement

އަލިފާނުގައި މަރުވި އިންޑިއާ މީހުންގެ ހަށިގަނޑު ގައުމަށް ފޮނުވާލައިފި

18 ނޮވެންބަރު 2022 - 11:23 0

ނިމާ ހަސަން

ނިމާ ހަސަން

ނިރުފެހިގެ އަލިފާނުގެ ހާދިސާގައި މަރުވި މީހެއްގެ ހަށިގަނޑު ފޮރުވައިގެން އެމްބިއުލާންސަށް އަރުވަނީ؛ އެ ހާދިސާގައި މަރުވި އިންޑިއާ މީހުން ގައުމަށް ފޮނުވާލައިފި -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އަލިފާނުގައި މަރުވި އިންޑިއާ މީހުންގެ ހަށިގަނޑު ގައުމަށް ފޮނުވާލައިފި

18 ނޮވެންބަރު 2022 - 11:23 0

މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި އިންޑިއާ މީހުންގެ ހަށިގަނޑު ގައުމަށް ފޮނުވާލައިފި އެވެ.

އިންޑިއާ ހައި ކޮމިޝަނުން ބުނީ، އަލިފާނުގައި މަރުވި މީހުންގެ ތެރޭގައި ހިމެނޭ އަށް އިންޑިއާ މީހުންގެ ހަށިގަނޑު މިހާރު ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ރާއްޖޭގެ އިދާރާތަކުން ދިން އެއްބާރުލުމަށް އެ ކޮމިޝަނުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އެ ހާދިސާގައި މަރުވި އިންޑިއާ މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު އަންހެނުންނާއި، ހަތަރު ފިރިހެނުންނެވެ.

އަލިފާނުގެ ހާދިސާގައި ޖުމްލަ 10 މީހަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އަށް އިންޑިއާ މީހުންނާއި، ދެ ބަންގްލަދޭޝް މީހުންނެވެ. ބަންގްލަދޭޝް މީހުންގެ ތެރޭގައި ހިމެނެނީ އަންހެނަކާއި ފިރިހެނެކެވެ.

އޭގެ އިތުރަށް އަލިފާން ރޯވި ނިއުފެހިގެ ސާފު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އިންސާނެއްގެ ފައިތިލައެއް ވަނީ ފެނިފަ އެވެ. ނަމަވެސް އެއީ މަރުވި މީހުންގެ ތެރެއިން މީހެއްގެ ފައިތިލައެއްކަން ބުނަން ނޭނގޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެކަމާ ބެހޭ އިތުރު މައުލޫމާތެއް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައި ނުވެ އެވެ.

ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 10 މީހުން މަރުވިއިރު އެކަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ގްރައުންޑް ފްލޯއާ އެކު ތިން ބުރިއަށް ހަދާފައި ހުރި މ. ނިރުފެހި ގޭގައި 10 ވަނަ ދުވަހުގެ ރޭ 12:30 ހާއިރު ހިނގި އެ އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރެވިފައިވަނީ އެ ރޭ ދޭއް ޖެހި ފަހުންނެވެ.

ނިރުފެހި ގޭގައި ގަރާޖެއް ހިންގަމުން އައީ ގަވައިދާ ހިލާފަށް ކަން ފުލުހުންގެ ތަހުގީގުން ވަނީ އެނގިފަ އެވެ. އެ ގަރާރުގެ ވެރިފަރާތަށް، ގަރާޖެއް ހިންގުމުގެ ހުއްދަ ދީފައި އޮތް ނަމަވެސް އެއީ ހުޅުމާލޭގައި ގަރާޖެއް ހިންގަން ދީފައި އޮތް ހުއްދަ އެކެވެ.