Advertisement

އޮޕަރޭޝަނެއް ކުރަން ޖެހި މާނޭ އަށް ވޯލްޑް ކަޕް ގެއްލިއްޖެ

18 ނޮވެންބަރު 2022 - 02:23 0


އޮޕަރޭޝަނެއް ކުރަން ޖެހި މާނޭ އަށް ވޯލްޑް ކަޕް ގެއްލިއްޖެ

18 ނޮވެންބަރު 2022 - 02:23 0

ދޯހާ، ގަތަރު (ނޮވެމްބަރު 18) - ކަކުލަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވެގެން މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅެވޭތޯ މަސައްކަތް ކުރަމުން އައި ސެނެގާލްގެ ފޯވާޑް، ސަޑިއޯ މާނޭ އޮޕަރޭޝަނެއް ކުރަންޖެހޭނެކަން ޔަގީންވެ، މި ފަަހަރުގެ ވޯލްޑް ކަޕްގެ ފުރުސަތު ގެއްލިއްޖެ އެވެ.

މި މަހު އަށް ވަނަ ދުވަހު، ޖަރުމަނު ލީގުގައި ބަޔާން މިއުނިކުން ވާޑާ ބްރެމެން ބަލިކުރި މެޗުގައި ބަޔާންގެ މާނޭ، ކަކުލަށް އަނިޔާވެގެން 20 ވަނަ މިނިޓްގައި ޖެހުނީ އޭނާ ބަދަލުކުރާށެވެ.

ސެނެގާލް މެޑިކަލް ޓީމުގެ ލަފަޔާ އެކު، އެންމެ ފުރަތަމަ މިއުނިކާއި އޮސްޓްރިއާގައި ހެދި ޓެސްޓްތަކުން ފުރަތަމަ ދެއްކީ މާނޭ އޮޕަރޭޝަނެއް ކުރަން ނުޖެހޭނެ ކަމަށެވެ.

އެހެންވެ، ސެނެގާލްގެ ކޯޗު އަލިއޫ ސީސޭ ވަނީ ސެނެގާލްގެ 26 ކުޅުންތެރިންގެ ސްކޮޑުގައި މާނޭ ހިމަނައިފަ އެވެ. ޓީމު އިއުލާނުކުރިއިރު، އަލިއޫ ސީސޭ ބުނީ މާނޭ އަށް ކިތަންމެ ކުޑަ ފުރުސަތެއް ވޯލްޑް ކަޕްގައި ކުޅެން ލިބުނަސް އޭގެ ބޭނުންހިފަން ތައްޔާރަށް ހުރި ކަމަށެވެ.

އޭގެ ފަހުން، ސެނެގާލް ފުޓްބޯލް ފެޑަރޭޝަންސްގެ ބޯޑު މެމްބަރެއް ކަމަށްވާ އަބްދުލާޔޭ ސޯވް ބުނީ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުތައް މާނޭ އަށް ގެއްލޭނެ ކަމަށެވެ.

ސެނެގާލުން ވިސްނައިގެން ހުރީ ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗާ ހަމައިން މާނޭ އަށް ކުޅެވޭނެ ކަމަށެވެ. އެކަމަކު، އެންމެ ފަހުން ހެދި އެމްއާރްއައި އިން އެނގުނީ ކަކުލަށް ލިބިފައިވާ އަނިޔާއިން މާނޭ އެއްކޮށް، ރަނގަޅުވާން އޮތީ އޮޕަރޭޝަނެއް ކޮށްގެން ކަމެވެ. އެ ގޮތަށް ސެނެގާލްގެ މެޑިކަލް ޓީމުން ވެސް ނިންމުމާ އެކު މާނޭ އަށް ވޯލްޑް ކަޕްގެ ފުރުސަތު ގެއްލުނީ އެވެ.

އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދި މާނޭ، ވޯލްޑް ކަޕް ސްކޮޑުގައި ނެތުމަކީ ސެނެގާލް ޓީމަށް އަންނާނެ ވަރަށް ބޮޑު އުނިކަމެކެވެ. ސެނެގާލުން އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބުކުރިއިރާއި، ވޯލްޑް ކަޕްގެ ޖާގައެއް ހޯދަން އެފްރިކާގެ ޕްލޭއޮފްގައި ކުޅުނުއިރު، އެންމެ މުހިންމު ވަގުތުގައި ތަފާތު ދެއްކި އެއް ކުޅުންތެރިއަކީ މާނޭ އެވެ.

ސެނެގާލް މި ފަހަރުގެ ވޯލްޑް ކަޕްގައި ހިމެނެނީ ހޯސްޓް ގަތަރާއި، ނެދަލެންޑްސްގެ އިތުރުން އެކުއެޑޯއާ އެކު ގްރޫޕް އޭގަ އެވެ.