Advertisement

ބަޔާން ދޫކޮށް މާނޭ އަލް ނަސްރަށް

2 އޮގަސްޓު 2023 - 09:58 0


ބަޔާން ދޫކޮށް މާނޭ އަލް ނަސްރަށް

2 އޮގަސްޓު 2023 - 09:58 0

ރިޔާދު (އޮގަސްޓް 2) - ޖަރުމަންގެ ބަޔާން މިއުނިކަށް ކުޅެމުން އައި ސެނެގާލްގެ ފޯވަޑް ސާދިއޯ މާނޭ ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ބަދަލުވެއްޖެ އެވެ.

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ކުޅެމުންދާ އަލް ނަސްރަށް މާނޭ ބަދަލުވީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މާނޭ ،31، ބަޔާންގައި ހޭދަކުރީ އެންމެ ސީޒަނެކެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި އަލް ނަސްރަށް މާނޭ ދޫކޮށްލަން ބަޔާން އިން އެއްބަސްވީ 30 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއަކަށެވެ. އަދި މާނޭ އަށް އަލް ނަސްރުން 40 މިލިއަން ޔޫރޯގެ މުސާރައެއް ދޭނެ ކަމަށެވެ. މީގެ އިތުރުން، ބޯނަސްތަކުގެ ގޮތުގައި އިތުރު 10 މިލިއަން ޔޫރޯ ދޭނެއެވެ.

އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މާނޭ ބަޔާނަށް މިދިޔަ އަހަރު ބަދަލުވީ ލިވަޕޫލްގައި ކާމިޔާބު އަހަރުތަކެއް ހޭދަކުރުމަށްފަހުއެވެ. ބަޔާންގައި ހޭދަކުރި އެއް ސީޒަންގައި އޭނާ ކުޅުނު 38 މެޗުގައި 12 ލަނޑު ޖަހާފައިވެއެވެ.

ބަޔާންގެ ސީ.އީ.އޯ ޔާން ކްރިސްޓިއަން ޑްރީސަން ބުނީ މާނޭ އެ ކްލަބުގައި ހޭދަކުރީ "އުނދަގޫ" ސީޒަނެއް ކަމަށެވެ.

"މާނޭ އަމިއްލަ އަށް އަދި ކްލަބު ވެސް ހިތްހަމަޖެހޭ ފެންވަރަށް އޭނާ އަށް ނުކުޅެވުނު،" ޑްރީސަން ބުންޏެވެ.