ބިހުރޯޒުކަމަނާ މިސްކިތުގެ ގޯތިތެރޭގައި ހުންނަ، ބޮޑުތަކުރުފާނުގެ ޒިޔާރަތްކަމަށް ބުނާ ޒިޔާރަތް. ދަންޑަހެލުގެ މަހާނަކަމަށް ބުނާ މަހާނައެއް މި މިސްކިތުގެ ގޯތިތެރޭގައި ހުރި. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ މިނިވަން ކުރަން ބޮޑުތަކުރުފާނު ކުރެއްވި ޖިހާދުގައި ބައިވެރިވި ދުވާފަރު ދަންޑަހެލުގެ މަހާނާއަށް ވީ ގޮތެއް ސަރުކާރަށް ނޭނގޭ ކަން، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ރައްޔިތުންގެ މަޖިލީހަށް ދެއްވި ޖަވާބަކުން އެނގިއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ބުދަދުވަހު ބޭއްވި ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި އުނގޫފާރު ދާއިރާގެ މެމްބަރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ "ދަންޑަހެލުގެ މަހާނަކަމަށް ބުނާ" މަހާނައެއް ބިހުރޯޒު ކަމަނާ މިސްކިތުގެ ގޯތިތެރޭގައި 2017 ވަނަ އަހަރާ ހަމައަށް ހުރިކަމަށެވެ. އޭރުގެ ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ލިޔެކިއުންތަކުން އެކަން އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަދި 2017، އޭޕްރިލް 18 ވަަނަ ދުވަހު އޭރުގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެތަނުގައި މަސައްކަތްތަކެއް ކުރުމަށް މިސްކިތް ބަންދުކޮށް، ކުރި މަސައްކަތްތަކަކަށް ފަހު އަލުން މިސްކިތް ހުޅުވި އިރު، އެ މަހާނަ ފެންނާކަށް ނެތް ކަމަށް ވެސް ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގައި ހުރި މައުލޫމާތުތަކުން އެނގޭ،" ޔުމްނާ ވިދާޅުވި އެވެ.
ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ:މަޖިލީހުގެ އިދާރާ
ޔުމްނާ ވިދާޅުވި ގޮތުގައި ބިހުރޯޒްކަމަނާ މިސްކިތުގައި ހުންނަ ޒިޔާރަތުގެ ވެލި ބަދަލުކުރުމުގެ މަސައްކަތް މިމަހުގެ ހަތްވަނަ ދުވަހު ކުރި އިރު މަހާނަގާތަކެއް ފެނުނުނެވެ. އެހެން ނަމަވެސް ދަންޑަހެލުގެ މަހާނަކަމަށް ބުނާ މަހާނައިގައި ހުރި ގާ އޭގެ ތެރޭގައި ހިމެނޭކަން އަދި ސާފުނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.
"މިތަކެތީގެ ދިރާސާތަކެއް މިހާރު ކުރެވެމުން އެބަދޭ،" ޔުމްނާ ވިދާޅުވި އެވެ.
ބިހުރޯޒުކަމަނާ މިސްކިތް. ދަންޑަހެލުގެ މަހާނަކަމަށް ބުނާ މަހާނައެއް މި މިސްކިތުގެ ގޯތިތެރޭގައި ހުރި. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ޔުމްނާ ވިދާޅުވިގޮތުގައި 2017 ވަނަ އަހަރު ބިހުރޯޒް ކަމަނާ މިސްކިތުގެ ގޯތިތެރެ ހިޔާކުރުުމުގެ މަސައްކަތް ކުރީ އަމިއްލަ ފަރާތަކުންނެވެ. އެމަސައްކަތް ކުރަނިކޮށް މިސްކިތުގެ ގޯތިތެރެއިން ގަބުރު ފެނު ކަމަށާއި އެހެންވެ އެ މިސްކިތުގައި ނަމާދުކުރުން އޭރު ހުއްޓައިލި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިސްކިތް ބަންދުކޮށް، ކުރެވުނު މަސައްކަތްތަކަކަށް ފަހު އަލުން ހުޅުވި އިރު އެ ސަރަހައްދުގައި ހުރި ދެ މަހާނައެއްގައި ހުރި ގާތައް ފެންނާކަށް ނެތް، އަދި އެ ސަރަހައްދުގައި ހުރިި ބިސްތާނު ނުވަތަ ފާރުބުރިތައް ވެސް ފެންނާކަށް ނެތް،" ޔުމްނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭރު ގެއްލުނީ އެ މިސްކިތުގެ ހުޅަނގުފަރާތު ކެންޑުމުން ވަންނަ އިރު ދެކުނުން ޖެހިގެން ކުރިން ހުރި ފިރިހެން މަހާނައަކާއި އުތުުރުފަރާތުގައި ހުރި އަަންހެން މަހާނައެއްގައި ހުރި ގާތަކެވެ. އެ ދެ މަހާނައިގެ ވަށައިގެން ރާނާފައިވާ ފާރުބުރި ތައް ވެސް މަސައްކަތް ނިމުނު އިރު ނެތެވެ.
"މިކަންކަން ފާހަގަކުރެވިގެން [ހެރިޓޭޖް ޑިޕާޓްމަންޓުން] އިސްލާމިކް މިނިސްޓްރީއަށް އެންގުމުން. އެތަކެތި އަލުން ބެހެއްޓުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަަމަށް 2018 ގައި އިސްލާމިކް މިނިސްޓްރީން އޭރުގެ ޑިޕާޓްމަންޓް އޮފް ހެރިޓޭޖަށް އަންގާފައިވޭ،" ޔުމްނާ ވިދާޅުވި އެވެ.
އެ މަސައްކަތަށް ފަސޭހަކޮށްދިނުމުގެ ގޮތުން ބިހުރޯޒްކަމަނާ މިސްކިތުގެ ގޯތިތެރެ ކުރިން ހުރި ގޮތުގެ ޗާޓަކާއި ފޮޓޯތައް ހެރިޓޭޖް ޑިޕާޓްމަންޓުން އިސްލާމިކް މިނިސްޓްރީއަށް ފޮނުވި އެވެ.
އެހެން ނަމަވެސް އެ މަސައްކަތް ކުރިއަށް ނުދާތީ ކަންބޮޑުވުން ފާޅުކޮށް، ހެރިޓޭޖް ޑިޕާޓްމަންޓުން އިސްލާމިކް މިނިސްޓްރީއަށް 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު އީމެއިލެއް ފޮނުވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަމަ އެދުވަހު އެ އީމެެއިލްއަށް ޖަވާބުދެއްވައި، އެކަމުގައި އެ މިނިސްޓްެރީގެ ވެސް ކަންބޮޑުވުން އޮތް ކަމަށާއި މަހާނަތަކާ ގުޅޭ ގޮތުން ކުރަން ޖެހޭ ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވެފައި ވޭ،" ޔުމްނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް އޭގެ ފަހުން އެ މަސައްކަތް ނުކުރާތީ ހެރިޓޭޖް ޑިޕާޓްމަންޓުން އިސްލާމިކް މިނިސްޓްރީއަށް ގުޅި ކަމަށާއި "އެތަކެތި [މަހާނަގާތައް] ފެނިފައި ނުވާ ކަމަށް" އެ މިނިސްޓްރީން ބުނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދަންޑަހެލުގެ މަހާނަ ގެއްލުނު އިރު އެކަމުގައި ޒިންމާވާން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު ނާޅައި އޮތީ ކީއްވެތޯ ވެސް މެމްބަރު ވަހީދު ކުރެއްވި ސުވާލުގައި އެއްސެވި އެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ފިޔަވަޅެއް ނޭޅި އޮތް ފުރަތަމަ ސަބަބަކީ ދަންޑަހެލުގެ މަހާނަ ކަމަށް ބުނާ މަހާއަނައަކީ ދުވާފަރު ދަންޑަހެލުގެ މަހާނަކަން ކަށަވަރުނުވުމެވެ.
"މިކަން އެއްވެސް ލިޔެކިއުމަކުން ފެންނާކަށް ނެތް. އަދި މި މަހާނަައަކީ އެއް އިރެއްގައި ވެސް ސަރުކާރުން ބަލަހައްޓަވާފައިވާ މަހާނައެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.
އޭގެ ކުރިން އޭނާ ވިދާޅުވީ ދަންޑަހެލުގެ މަހާނަކަމަށް ބުނާ މަހާނައެއް ބިހުރޯޒްކަމަނާ މިސްކިތުގެ ގޯތިތެރޭގައި ހުރިކަމަށް ތާރީހީ ލިޔެކިއުންތަކުން އެނގޭ ކަމަށެވެ. އެހެން ނަމަވެސް އެއީ ސީދާ ދަންޑަހެލުގެ މަހާނަކަމަކަށް އެއްވެސް ލިޔެކިއުމެއްގައި ނެތް ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment