Advertisement

ޕޮލޭންޑަށް އެރީ ރަޝިއާގެ މިސައިލެއް ކަމަށް ޔޫކްރެއިނުން ތުހުމަތުކޮށްފި

17 ނޮވެންބަރު 2022 - 05:37 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ.


ޕޮލޭންޑަށް އެރީ ރަޝިއާގެ މިސައިލެއް ކަމަށް ޔޫކްރެއިނުން ތުހުމަތުކޮށްފި

17 ނޮވެންބަރު 2022 - 05:37 0

ބުދަ ދުވަހުގެ ވަގުތެއްގައި ޕޮލޭންޑަށް އެރި މިސައިލަކީ ރަޝިއާގެ މިސައިލެއް ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ތުހުމަތު ކުރައްވައިފި އެވެ.

ޔޫކްރެއިންއާ ގުޅޭ ބޯޑަރު ކައިރިން މިސައިލް ވެއްޓުނީ ޕޮލޭންޑުގެ ޕްޒެޑްވޮޑޯވް އަވަށަށެވެ. އެ ހާދިސާގައި ދެ މީހުން މަރުވި ކަމަށް ޕޮލޭންޑުން ބުންޏެވެ.

"މިއީ އަޅުގަނޑުމެންގެ މިސައިލެއް ނޫންކަން ކަށަވަރު. އަސްކަރީ ރިޕޯޓުތަކަށް ބަލައި، އަޅުގަނޑު ގަބޫލު ކުރަނީ އެއީ ރަޝިއާގެ މިސައިލެއް ކަމަށް،" ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ބުދަ ދުވަހުގެ ރޭ ވިދާޅުވި އެވެ.

ޒެލެންސްކީ އެގޮތަށް ތުހުމަތު ކުރެއްވި އިރު، އެމެރިކާ އާއި ނޭޓޯއިން ވެސް ބުނީ އެއީ ރަޝިއާގެ މިސައިލެއްގެ ގޮތުގައި ނުބެލެވޭ ކަމަށެވެ.

އެސޯސިއޭޓެޑް ޕްރެސް ނޫހުން އެމެރިކާގެ ތިން އޮފިޝަލުންނާ ހަވާލަދީ ބުނީ އެއީ ރަޝިއާއިން ފޮނުވި މިސައިލެއް ވައްޓާލުމަށް ޔޫކްރެއިނުން ލޯންޗުކުރި މިސައިލެއް ކަމަށެވެ.

ހާދިސާ ހިނގި ސަރަހައްދަށް ގޮސް ތަހުގީގު ކުރުމުގެ ފުރުސަތު ދިނުމަށް ޔޫކްރެއިނުން ވަނީ ގޮވާލައިފަ އެވެ. ޕޮލޭންޑާއި އެމެރިކާ ގުޅިގެން މިހާރު ވެސް ވަނީ ތަހުގީގެއް ފަށައިފަ އެވެ.

ޕޮލޭންޑުގެ ރައީސް އަންދްރްޒޭޖް ދޫދާ ވިދާޅުވީ ތަހުގީގުގައި ޔޫކްރެއިން ބައިވެރި ކުރުމަށް ފުރުސަތު ދެވޭނީ އެމެރިކާއާ މަޝްވަރާކޮށް ގޮތެއް ނިންމުމަށް ފަހު ކަމަށެވެ.

ރަޝިއާއިން ބުނީ އެ މިސައިލް ހަމަލާ އާއި އެ ގައުމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

ޕޮލޭންޑަކީ އެމެރިކާ އިސްވެ ހިންގާ އަސްކަރީ ކޯލިޝަން ނޭޓޯގެ މެމްބަރު ގައުމެކެވެ. އެހެންކަމުން، ރަޝިއާއިން ޕޮލޭންޑަށް ހަމަލާ ދީފި ނަމަ ނޭޓޯއިން ފިޔަވަޅު އަޅާނެ ކަމަށް ބެލެވެ އެވެ.

ޕޮލޭންޑަށް މިސައިލް ހަމަލާއެއް އަރާފައިވާ އިރު، އެކަމުން ރަމްޒުކޮށްދެނީ ހަނގުރާމަ އިތުރަށް ގޯސްވުމަށް އޮތް ފުރުސަތުތައް ކަމަށާއި ހަމަލާތައް ހުއްޓާލަން ޖެހޭ ކަމަަށް ގިނަ ގައުމުތަކުން ވަނީ ބުނެފަ އެވެ.