Advertisement

ޕޮލޭންޑަށް މިސައިލް ހަމަލާ ދިނީ ރަޝިއާއިން ކަމަށް ނުބެލެވޭ: ބައިޑެން

16 ނޮވެންބަރު 2022 - 13:42 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޕޮލޭންޑަށް ދިން ހަމަލާއާ ގުޅިގެން ޖީ7 ގައުމުތަކުގެ ވެރިން ކުއްލި ބައްދަލުވުމެއް ބޭއްވި. -- ފޮޓޯ: ރޮއިޓާޒް


ޕޮލޭންޑަށް މިސައިލް ހަމަލާ ދިނީ ރަޝިއާއިން ކަމަށް ނުބެލެވޭ: ބައިޑެން

16 ނޮވެންބަރު 2022 - 13:42 0

ޔޫކްރެއިންއާ ގުޅޭ ބޯޑަރު ކައިރިން ޕޮލޭންޑުގެ އަވަށަކަށް ދިން މިސައިލް ހަމަލާއެއްގައި ދެ މީހުން މަރުވެފައި ވަނިކޮށް، އެއީ ރަޝިއާއިން ދިން ހަމަލާއެއްގެ ގޮތުގައި ނުބެލެވޭ ކަމަށް އެމެރިކާގެ ރަައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

އެސޯސިއޭޓެޑް ޕްރެސް ނޫހުން އެމެރިކާގެ ތިން އޮފިޝަލުންނާ ހަވާލަދީ ބުނީ އެއީ ރަޝިއާއިން ފޮނުވި މިސައިލެއް ވައްޓާލުމަށް ޔޫކްރެއިނުން ލޯންޗުކުރި މިސައިލެއް ކަމަށެވެ. މިސައިލް ވެއްޓުނީ ޕޮލޭންޑުގެ ޕްޒެޑްވޮޑޯވް އަވަށަށެވެ.

ރަޝިއާއިން ބުނީ އެ މިސައިލް ހަމަލާ އާއި އެ ގައުމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

އެ ހަމަލާއާ ގުޅިގެން ޖީ7 ގައުމުތަކުގެ ވެރިން އިންޑޮނީޝިއާގެ ބާލީގައި ކުއްލި ބައްދަލުވުމެއް ބޭއްވި އެވެ. އެ ގްރޫޕްގެ ގައުމުތަކަކީ އެމެރިކާ، އިނގިރޭސިވިލާތް، އީޔޫ، ކެނެޑާ، ފްރާންސް، ޖަރުމަނު، އިޓަލީ އަދި ޖަޕާނެވެ.

ޖީ7 ގެ ވެރިން ބުނީ ހަމަލާގެ ތަހުގީގަށް އެ ގައުމުތަކުގެ ފުރިހަމަ އެއްބާރުލުން ޕޮލޭންޑަށް ލިބޭނެ ކަމަށާއި ކުރިމަގުގައި އަޅަންވީ ފިޔަވަޅުތައް ނިންމުމަށް މަޝްވަރާ ކުރަމުން ދާނެ ކަމަށެވެ.

ޕޮލޭންޑަކީ އެމެރިކާ އިސްވެ ހިންގާ އަސްކަރީ ކޯލިޝަން ނޭޓޯގެ މެމްބަރު ގައުމެކެވެ. އެހެންކަމުން، ރަޝިއާއިން ޕޮލޭންޑަށް ހަމަލާ ދީފި ނަމަ ނޭޓޯއިން ފިޔަވަޅު އަޅާނެ ކަމަށް ބެލެވެ އެވެ.

ޕޮލޭންޑަށް މިސައިލް ހަމަލާއެއް އަރާފައިވާ އިރު، އެކަމުން ރަމްޒުކޮށްދެނީ ހަނގުރާމަ އިތުރަށް ގޯސްވުމަށް އޮތް ފުރުސަތުތައް ކަމަށާއި ހަމަލާތައް ހުއްޓާލަން ޖެހޭ ކަމަަށް ގިނަ ގައުމުތަކުން ވަނީ ބުނެފަ އެވެ.