Advertisement

ސެނެގާލްގެ ފުރަތަމަ މެޗުގައި މާނޭ އަށް ނުކުޅެވޭނެ

16 ނޮވެންބަރު 2022 - 13:31 0


ސެނެގާލްގެ ފުރަތަމަ މެޗުގައި މާނޭ އަށް ނުކުޅެވޭނެ

16 ނޮވެންބަރު 2022 - 13:31 0

ދޯހާ (ނޮވެމްބަރު 16) - ފީފާ ވޯލްޑް ކަޕްގައި ސެނެގާލް ކުޅޭ ފުރަތަމަ މެޗުގައި އެ ޓީމުގެ މުހިންމު ފޯވާޑް ސަޑިއޯ މާނޭ އަށް ނުކުޅެވޭނެ ކަމަށް ސެނެގާލްގެ ފުޓްބޯލް ފެޑެރޭޝަނުން ބުނެފި އެވެ.

ވޯލްޑް ކަޕްގެ ގުރޫޕް އޭގައި ހިމެނޭ ސެނެގާލް މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅޭ ފުރަތަމަ މެޗުގައި ހޯމަ ދުވަހުގެ ރޭ ނުކުންނާނީ ނެދަލޭންޑްސްއާ ދެކޮޅަށެވެ.

މާނޭ ،30، އަށް އަނިޔާވީ މި މަހުގެ ކުރީކޮޅު ޖަރުމަން ލީގުގައި ބަޔާން މިއުނިކަށް ކުޅެނިކޮށެވެ. މާނޭ އަށް ލިބުނު އަނިޔާއާ ގުޅިގެން ސާޖަރީއެއް ހަދަން ނުޖެހޭތީ، ސެނެގާލްގެ ކޯޗު އަލިއޫ ސީސޭ މާނޭ ޓީމަށް ނެގީ ވޯލްޑް ކަޕަށް އޭނާ ފިޓުވާނެކަމުގެ އުންމީދުގަ އެވެ.

އެކަމަކު، ސެނެގާލް ފުޓްބޯލް ފެޑަރޭޝަންސްގެ ބޯޑު މެމްބަރެއް ކަމަށްވާ އަބްދުލާޔޭ ސޯވް އިއްޔެ ވިދާޅުވީ ވޯލްޑް ކަޕްގައި ސެނެގާލް ކުޅެންޖެހޭ "ފުރަތަމަ މެޗުތަކަށް" މާނޭ ފިޓުނުވާނެ ކަމަށެވެ. އެހެންކަމުން، ނެދަލޭންޑްސްއާ ދެކޮޅަށް ސެނެގާލް ކުޅޭ މެޗުގައި މާނޭ ނުފެންނާނެ އެވެ.

"އަހަރަމެން ޖެހޭނީ ފުރަތަމަ މެޗުތައް މާނޭ ނުލައިކުޅެ، މާނޭ ނުލައި މޮޅުވަން،" ސޯވް ބުންޏެވެ.

ސޯވް ބުނީ އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދާފައިވާ މާނޭ ނެތް ވާހަކައިން ބަހަނާ ދެއްކުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

ކުރިން ލިވަޕޫލާށް ކުޅުނު މާނޭ އަކީ ސެނެގާލް ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. މާނޭ ނެތުމަކީ ސެނެގާލްގެ ޓީމަށް ލިބޭ ފޫނުބެއްދޭ ވަރުގެ ގެއްލުމެކެވެ. މި އަހަރު ސެނެގާލުން އެފްރިކާގެ ޗެމްޕިއަންކަން ހޯދިއިރު މުބާރާތުގެ މޮޅު ކުޅުންތެރިއަކީ މާނޭ އެވެ.