15 ނޮވެންބަރު 2022 - 12:11 0
15 ނޮވެންބަރު 2022 - 12:11 0
މިހާރު ކުރިއަށްދާ ގައުމީ ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓުގެ ސެމީ ފައިނަލުގައި ވާދަކުރާ ޓީމްތައް ކަށަވަރުވެއްޖެ އެވެ.
ދެ ވަނަ ގައުމީ ބިލިއާޑް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައިވަނީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބު، ދިވެހި ސިފައިންގެ ކުލަބު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި އެންމެ ފަހުގެ ޗެމްޕިއަން، ކުލަބު އީގަލްސް އެވެ. ސެމީ އަށް ނުގޮސް ކެޓީ އައިލެންޑާސް ހޯޕް ސްޕޯޓްސް ކުލަބެވެ.
ލީގު ބުރުގައި ބާކީ ދެ މެޗު ކުޅެ އޮތްއިރު މިހާތަނަށް ލީގު ބުރުގެ ހުރިހާ މެޗެއް ކުޅެފައިވާ މާޒިޔާ އޮތީ ހަތަރު ވަނައިގަ އެވެ. ލީގުގެ ކުރީގެ ތިން މަގާމު އެނގޭނީ މިރޭ ސިފައިންނާއި ކަސްޓާމްސް އަދި އީގަލްސް އާއި އައިލެންޑާސް ހޯޕް ވާދަކުރާ ދެ މެޗު ނިމުމުންނެވެ.
ކަސްޓަމްސް ސިފައިން އަތުން ބަލިވެ، އީގަލްސް އައިލެންޑާސް އަތުން މޮޅުވެއްޖެ ނަމަ އެއް ވަނަ ލިބޭނީ ސިފައިންނަށެވެ. ދެ ވަނަ އީގަލްސް އަށް ލިބޭއިރު ތިން ވަނަ ލިބޭނީ ކަސްޓަމަށެވެ. ކަސްޓަމްސް، މިރޭ މޮޅުވެއްޖެ ނަމަ އެ ޓީމަށް ލީގު ބުރުގެ އެއް ވަނަ ލިބި ދެ ވަނަ ލިބޭނީ ސިފައިންނަށެވެ. އަދި ތިން ވަނަ ލިބޭނީ އީގަލްސް އަށެވެ.
ޓީމް އިވެންޓުގައި ރޭ ދެ މެޗެއް ކުޅުނެވެ. ފުރަތަމަ މެޗުގައި މާޒިޔާ އަތުން ސިފައިން 4-1 އިން މޮޅުވިއިރު، އައިލެންޑާސް ހޯޕް އަތުން ކަސްޓަމްސް މޮޅުވީ ވެސް 4-1 އިންނެވެ.
ޓީމް އިވެންޓުގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ މާދަމާ އެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހުގަ އެވެ.
ގައުމީ ބިލިއާޑް މުބާރާތުގައި މިހާތަނަށް ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓުތައް ވަނީ ނިމިފަ އެވެ.
ހަސަން ޝާޒް ބަލިކޮށް ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯސީ ސާހިލް ހަމީދު އެވެ. އާމިނަތި ހަލީމް (ދިލް) ބަލިކޮށް އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އައިޝަތު އަލީ އެވެ.
ޑަބަލްސް އަށް ބަލާއިރު، އިސްމާއިލް ރަޒީން އާއި ހަސަން ޝަފްރާޒް ބަލިކޮށް ޗެމްޕިއަންކަން ހޯދީ ހަސަން ޝާޒް މުހައްމަދު އާއި އަހުމަދު އިޔާދު ސައީދުގެ ޕެއާ އެވެ. މިކްސް ޑަބަލްސް ފައިނަލުގައި ހުސެއިން ފަޔާޒް އާއި އައިމިނަތު ފާތީ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ދީނާ އަހުމަދާއި އަލީ ފަޔާޒްގެ ޕެއާ އެވެ.
Comment