13 ނޮވެންބަރު 2022 - 15:02 0
ރެޕްޓާސް ކުޅުނު މެޗެެއްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
13 ނޮވެންބަރު 2022 - 15:02 0
އެމްބީއޭ ޗެމްޕިއަންޝިޕުގެ ދެ ވަނަ ބުރުގެ ޖާގަ އެއް ރެޕްޓާސް ބީސީ އިން ޔަގީންކުރިއިރު، އެމްބީއޭ ޝީލްޑްގެ ގްރޫޕް ސްޖޭޓުން ހުޅުމާލެ ސްޕޯޓްސް ކުލަބު، ރޯޔަސްލް ބީސީ އަދި ސްޕާޓަންސް ބީސީ އަދި ޓަލޮންސް ބީސީ ޖާގަ ހޯދައިފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގައި މިހާރު ކުރިއަށްދާ އެމްބީއޭ ޗެމްޕިއަންޝިޕުގެ ފޯމެޓަށް މި އަހަރު ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެ ގޮތުން ފުރަތަމަ ބުރުގެ ގްރޫޕް ސްޓޭޖަށް ފަހު ފިރިހެން ޑިވިޝަނުން ކަޓާނީ ދެ ޓީމެވެ. ގަދަ ފަސް ޓީމު ދާނީ ޗެމްޕިއަންޝިޕްގެ ދެ ވަނަ ބުރަށެވެ. އޭގެ ފަހަތުން އެންމެ ރަނގަޅު ނަތީޖާ ނެރުނު ފަސް ޓީމު ވާދަކުރާނީ އެމްބީއޭ ޝީލްޑަށެވެ.
އެމްބީއޭ ޝީލްޑަކީ މި އަހަރު އަލަށް އެސޯސިއޭޝަނުން ތައާރަފްކުރި ބައެކެވެ. މައިގަނޑު ބޭނުމަކީ ގިނަ ޓީމުތަކަކަށް ރަނގަޅު ފެންވަރެއްގެ މެޗުތަކެއް ހޯދައިދިނުމެވެ. އަންހެން ޑިވިޝަންގެ ފުރަތަމަ ބުރުގައި އޮތީ ދެ ގްރޫޕެވެ. ހަ ޓީމުގެ ތެރެއިން ފުރަތަމަ ބުރު ނިމޭއިރު ކަޓާނީ އެއް ޓީމެވެ. ބާކީ ފަސް ޓީމު ދެ ވަނަ ބުރުގައި ޗެމްޕިއަންޝިޕަށް ވާދަކުރާނެ އެވެ.
ފުރަތަމަ ބުރުގެ ގްރޫޕް ސްޓޭޖު ހުރިހާ މެޗެއް މިހާރު ނިމިފައިވާއިރު، ފިރިހެން ބައިގެ ޗެމްޕިއަންޝިޕުގެ ދެ ވަނަ ބުރުން ޖާގަ ހޯދީ ކިންގްސް ބީސީ، ޓީރެކްސް ބީސީ، ރެޑްވިންގްސް ބީސީ، ދަ ބައުސްގެ އިތުރުން ގްރޫޕުން ދެ ވަނަ ހޯދީ ޓީމްތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރުނު ރެޕްޓާސް އެވެ.
ޝީލްޑަށް ވާދަކުރަން މިހާތަނަށް ކޮލިފައިވީ ޓަލޮންސް، ސްޕާޓަންސް، ހުޅުމާލެ އަދި ރޯޔަލްސް އެވެ. ފަހު ޖާގަ ލިބޭނީ ސްޓިންގާސް ބީސީ، ވައިޕާސް ބީސީ އަދި ޔޫއެން ފްރެންޑްސް ވާދަކުރާ ޕްލޭ އޮފް ބުރުން ކުރި ހޯދާ ޓީމަކަށެވެ.
އަންހެން ޑިވިޝަނަށް ބަލާއިރު އެލީޓް ސްޕޯޓްސް ކުލަބު، ކުއީންސް ބީސީ، ބެންޗް ސްޕޯޓްސް ކުލަބު އަދި ސައިކްލޯން އިން ވަނީ ދެވަނަ ބުރުގެ ޖާގަ އެއް ޔަގީންކޮށްފަ އެވެ. ދެވަނަ ބުރުގެ ފަހު ޖާގަ ލިބޭނީ މިރޭ ރިއިޒިން ބާސްކެޓްބޯޅަ އެކަޑެމީ އާއި ލަޔަނެސް ވާދަކުރާ ޕްލޭ އޮފް މެޗުން މޮޅުވާ ޓީމަކަށެވެ.
Comment