Advertisement

ގައުމީ ބެޑްމިންޓަން ފައިނަލުގައި ނަބާ-ނަބީ އާއި ޒަޔާން-ނިބާލް

13 ނޮވެންބަރު 2022 - 01:48 0

ސެމީ ފައިނަލުގައި އަޖުފާން އަތުން މޮޅުވި މެޗުގެ ތެރެއިން ނިބާލް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ގައުމީ ބެޑްމިންޓަން ފައިނަލުގައި ނަބާ-ނަބީ އާއި ޒަޔާން-ނިބާލް

13 ނޮވެންބަރު 2022 - 01:48 0

މިހާރު ކުރިއަށްދާ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ފައިނަލުގެ ޖާގަތައް އައިމިނަތު ނަބީހާ (ނަބީ)، ފާތިމަތު ނަބާހާ (ނަބާ)، ޒަޔާން ޒަކީ އަދި ނިބާލް އަހުމަދު ހޯދައިފި އެވެ.

މި ކުޅުންތެރިން ފައިނަލުގެ ޖާގަތައް ހޯދީ މިއަދު ކުޅުނު ސެމީ ފައިނަލް މެޗުތަކުން މޮޅުވެގެންނެވެ. ފިރިހެން ސިންގަލްސް ފައިނަލުން ނިބާލް ވަނީ ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ހޯދައިފަ އެވެ.

އަޖުފާން ވަނީ 2018 އާއި 2019 ވަނަ އަހަރު ގައުމީ ސިންގަލްސް ފައިނަލުގައި ނިބާލް ބަލިކޮށްފަ އެވެ. މިދިޔަ އަހަރުގެ ފައިނަލުގައި އަހުމަދު ތޯއިފް އަތުން ބަލިވި ނިބާލް މިއަދުގެ ސެމީގައި ގައުމީ ސިންގަލްސް ތަށި ނުވަ ފަހަރު ހޯދި މުހައްމަދު އަޖުފާން ރަޝީދު ބަލިކުރީ ފަހަތުން އަރައި 2-1 ސެޓުންނެވެ. ސެޓުތައް ދިޔައީ 16-21، 21-11 އަދި 21-18 އިންނެވެ. އަޖުފާން މި ފަހަރުގެ ސެމީ އަށް އައީ ކުއާޓާގައި އެންމެ ފަހުގެ ޗެމްޕިއަން ތޯއިފް ބަލިކޮށްފަ އެވެ.


ފައިނަލުގައި ނިބާލްއާ ދެކޮޅަށް ކުޅޭ ޒަޔާން ވަނީ 2017 ވަނަ އަހަރު ގައުމީ ޗެމްޕިއަންކަން ހޯދައިފަ އެވެ. ޒަޔާން މިއަދު ސެމީގައި މުހައްމަދު އާކިފް އަތުން މޮޅުވީ ތިން ސެޓު ކުޅެގެން، 2-1 އިންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 21-13، 19-21 އަދި 21-02 އިންނެވެ.

އަންހެން ސިންގަލްސް އެންމެ ފަހުގެ ޗެމްޕިއަން، ނަބާ ވަނީ ސެމީގައި މިއަދު ތަޖުރިބާކާރު ކުޅުންތެރިޔާ، ނީލާ ނަޖީބު 2-1 ސެޓުން ބަލިކޮށްފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ 21-11، 13-21 އަދި 21-12 އިންނެވެ.

ގައުމީ މުބާރާތުގެ އެންމެ ޒުވާން ދެ ޗެމްޕިއަނުން ކަމަށްވާ މައިސާ ފަތުހުﷲ އިސްމާއިލް އާއި ނަބީގެ މެޗު ވެސް ނިމުނީ ތިން ސެޓު ކުޅެގެންނެވެ. ފުރަތަމަ ސެޓު، 17-21 އިން ގެންގޮސްގެން މައިސާ މޮޅުވި ނަމަވެސް ނަބީ ވަނީ ދެން ކުޅުނު ދެ ސެޓު 21-15 އާއި 21-08 އިން ގެންގޮސް މެޗުން މޮޅުވެފަ އެވެ.

ގައުމީ ބެޑްމިންޓަން މުބާރާތުގައި މާދަމާ އޮތީ ފުރަތަމަ އަދި ދެ ވަނަ ޑިވިޝަންގެ ފައިނަލް މެޗުތަކެވެ. އެ ގޮތުން 16:30 ގައި އަންހެން ސިންގަލްސް ފައިނަލް މެޗުތަކުން ފަށާއިރު، ފުރަތަމަ ޑިވިޝަނުގެ އަންހެން ފައިނަލުގައި ކުޅޭނީ ނަބާ އާއި ނަބީ އެވެ. ހަމަ އެ ވަގުތުގައި ދެ ވަނަ ޑިވިޝަން އަންހެން ސިންގަލްސް ފައިނަލުގައި ޝައިބާ މުހައްމަދު ޝަރީފް އާއި ޝުބާ މުހައްމަދު ޝަރީފް ބައްދަލުކުރާނެ އެވެ.


ފުރަތަމަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ފައިނަލުގައި ނިބާލް އާއި ޒަޔާން ކުޅޭއިރު، ދެ ވަނަ ޑިވިޝަން ފިރިހެން ސިންގަލްސް ފައިނަލުގައި ބައްދަލުކުރާނީ އިޔާން އަބްދުލް އަލީމް އާއި މުހައްމަދު ސާލިމް އަބްދުލް ސަމަދު އެވެ.

ފުރަތަމަ ޑިވިޝަނުގެ އަންހެން ޑަބަލްސްގައި ނަބީހާ އާއި ނަބާހާގެ ޕެއާ ކުޅޭނީ އައިޝަތު އަފްނާން ރަޝީދު އާއި މައިސާގެ ޕެއާ އެވެ. ފިރިހެން ޑަބަލްސް ބައިގައި ތޯއިފް އާއި ޒަޔާންގެ ޕެއާ ކުޅޭނީ އަޖުފާން އާއި ނިބާލްގެ ޕެއާއާ އެވެ. މިކްސް ޑަބަލްސް ބައިގައި ޒަޔާން އާއި ނަބާގެ ޕެއާ ބައްދަލުކުރާނީ އައިމިނަތު ޝަހުރުނާޒް އާއި ހަސަން އަފްޝީންގެ ޕެއާއާ އެވެ.

ދެ ވަނަ ޑިވިޝަނުގެ ފިރިހެން ޑަބަލްސްގައި ކުޅޭނީ އިބްރާހިމް މުހައްމަދު އާއި ނާތިޖު އަލީގެ ޕެއާ އާއި ހަމްޒާ އަބްދުލް ރަހުމާން އާއި ޔޫސުފް ނިޔާޒްގެ ޕެއާ އެވެ. މި ޑިވިޝަންގެ އަންހެން ޑަބަލްސް ބައިގައި ކުޅޭނީ އައިޝަތު ޒޯޔާ ހުސެއިން އާއި ޝައިބާގެ ޕެއާ އާއި ބުސައިނާ އަހުމަދު ރިޒާ އާއި ޒުހުދާ ހުސެއިންގެ ޕެއާ އެވެ. މިކްސް ޑަބަލްސް ފައިނަލުގައި ކުޅޭނީ އައިޝަތު ޔޫސުފް އާއި ޔޫސުފް ނިޔާޒްގެ ޕެއާ އާއި ރާބިއާ ނައީމް އާއި ޝިފާއު އަބްދުﷲގެ ޕެއާ އެވެ.