Advertisement

ސެނެގާލް އިން މާނޭ ވޯލްޑް ކަޕް ސްކޮޑުގައި ހިމަނައި ރިސްކެއް ނަގައިފި

11 ނޮވެންބަރު 2022 - 21:13 0


ސެނެގާލް އިން މާނޭ ވޯލްޑް ކަޕް ސްކޮޑުގައި ހިމަނައި ރިސްކެއް ނަގައިފި

11 ނޮވެންބަރު 2022 - 21:13 0

ޑަކާ، ސެނެގާލް (ނޮވެމްބަރު 11) - ކަކުލަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ސެނެގާލްގެ ފޯވާޑް، ސަޑިއޯ މާނޭ ފަރުވާ ހޯދަމުން އަންނަނިކޮށް، މި މަހު 20 ވަނަ ދުވަހު ފަށާ ފީފާ ވޯލްޑް ކަޕްގެ ސެނެގާލް ސްކޮޑުގައި އޭނާ ހިމަަނައިިފި އެވެ.

މީގެ ތިން ދުވަސް ކުރިން ޖަރުމަނު ލީގުގައި ބަޔާން މިއުނިކުން ވާޑާ ބްރެމެން ބަލިކުރި މެޗުގައި ބަޔާންގެ މާނޭ، ކަކުލަށް އަނިޔާވެގެން 20 ވަނަ މިނިޓްގައި ޖެހުނީ އޭނާ ބަދަލުކުރާށެވެ.

މިދިޔަ ދުވަސްތަކުގައި ޔޫރަޕްގެ ގިނަ މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު މިިދިޔަ އަހަރު ހޯދި މާނޭ އަށް ގަތަރު ވޯލްޑް ކަޕްގައި ނުކުޅެވޭނެ ކަމަށެވެ. އެކަމަކު، ސެނެގާލުން މިއަދު ވޯލްޑް ކަޕަށް ނެގި 26 ކުޅުންތެރިންގެ ސްކޮޑު އިއުލާނުކުރީ މާނޭ ހިމަނައިގެންނެވެ.

ސެނެގާލް ޓީމު އިއުލާނުކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާނޭ ޓީމުގައި ހިމެނުމާ ބެހޭގޮތުން، ސެނެގާލްގެ ކޯޗު އަލިއޫ ސީސޭ ބުނީ މާނޭގެ ހާލަތު ދެނެގަންނަން އޭނާ ކައިރީގައި ސެނެގާލް ޓީމުގެ ޑޮކްޓަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

"މިއުނިކްގައި ޑޮކްޓަރުންނަށް ދައްކާފައި، އަހަރެެމެން އޮސްޓްރިއާގައި ވެސް މާނޭ ސްޕެޝަލިސްޓަކަށް އެބަ ދައްކަން. މިހާރު އޮތް އުފާވެރި ހަބަރަކީ މާނޭ އޮޕަރޭޝަނެއް ކުރަން ނުޖެހޭނެކަން ޔަގީންވުން." ސީސޭ ބުންޏެވެ.

"ޔަގީނުން ވެސް ދެ ހަފްތާ ނޫނީ ތިން ހަފްތާ ތެރޭގައި މާނޭ އަށް ކުޅެވޭނެ އެންމެ ލަސްވެގެން ވެސް، އެހެންވެ، އަހަރެން އޭނާގެ ބޭނުން ވޯލްޑް ކަޕްގައި ނުހިފޭނެކަމަށް އެއްކޮށް ނިންމަން ބޭނުމެއް ނުވީ."

ގްރޫޕް ސްޓޭޖުގައި ސެނެގާލް ކުޅޭ ފުރަތަމަ މެޗުގައި މި މަހު 21 ވަނަ ދުވަހު ކުޅޭނީ ނެދަލެންޑްސްއާ އެވެ. ދެ ވަނަ މެޗުގައި 25 ވަނަ ދުވަހު ގަތަރާ ކުޅުމަށް ފަހު، ތިން ވަނަ މެޗުގައި މި މަހު 29 ވަނަ ދުވަހު އެކުއެޑޯއާ ކުޅޭނެ އެވެ.

ސެނެގާލްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ސީސޭގެ ވިސްނުމަކީ ދެ ވަނަ މެޗަށް މާނޭ ފިޓް ކުރުމަށެވެ.

ވޯލްޑް ކަޕަށް ސެނެގާލުން ނެގި ސްކޮޑުގައި ފާހަގަކޮށްލެވޭ އެހެން ކުޅުންތެރިންނަކީ، ޗެލްސީ އަށް ކުޅޭ ގޯލްކީޕަރު، އެޑޮއާޑް މެންޑީ އާއި ޑިފެންޑަރު ކަލީދޫ ކުލިބާލީ، އެވަޓަންގެ އިދްރީސާ ގާނާ ގޭއި އަދި ނޮޓިންހަމް ފޮރެސްޓަށް ކުޅޭ ޗެއިކޫ ކުޔާޓޭ ހިމެނެ އެވެ.