Advertisement

ޑެންމާކް ކިޓްގައި ހާއްސަ މެސެޖެއް ޖަަހަން ފީފާ އިން ހުއްދަ ނުދިން

11 ނޮވެންބަރު 2022 - 20:28 0

ޑެންމާކްގެ މިޑްފީލްޑަރު އެރިކްސަން މި ފަހަރުގެ ވޯލްޑް ކަޕްގައި އެ މީހުން ބޭނުންކުރާ އެއް ޖޯޒީ ދައްކާލަނީ.--


ޑެންމާކް ކިޓްގައި ހާއްސަ މެސެޖެއް ޖަަހަން ފީފާ އިން ހުއްދަ ނުދިން

11 ނޮވެންބަރު 2022 - 20:28 0

ޒިއުރިކް (ނޮވެމްބަރު 11) - މި މަހު 20 ވަނަ ދުވަހު ފަށާ ފީފާ ވޯލްޑް ކަޕްގައި ޑެންމާކް ގައުމީ ޓީމުން ފަރިތަކުރުންތައް ކުރިއަށްގެންދާއިރު، ބޭނުންކުރާ ކިޓްގައި އިންސާނިއްޔަތަށް ހާއްސަ މެސެޖެއް ހިމެނުމަށް ފީފާގެ ހުއްދަ ނުލިބުނު ކަމަށް ޑެންމާކް ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފި އެވެ.

ގަތަރު ވޯލްޑް ކަޕްގެ މަސައްކަތްތަކުގައި އިންސާނީ ހައްގުތައް ކަށަވަރުނުކުރެވޭ ގޮތްތަކަށް އަމަލުނުކުރާ ކަމަށް ބުނެ، އަޑުއުފުލި ގައުމީ ޓީމުތަކުގެ ތެރޭގައި ޑެންމާކް ވެސް ހިމެނެ އެވެ. އެހެން އެކަން އޮއްވައި، ޑެންމާކުން އެދުނީ އެ މީހުން ފަރިތަކުރުންތައް ކުރިއަށްގެންދާއިރު، ކިޓްގައި "ހިއުމަން ރައިޓްސް ފޯ އޯލް" މިހެން ހިމެނުމަށެވެ. އެކަމަކު، ފީފާ އިން ވަނީ އެ ކަމަށް ހުއްދަ ނުދެވޭނެ ކަމަށް ބުނެފަ އެވެ.

"އަހަރެމެން ފީފާގައި އެދުނު ކަންކަމަށް އައީ ނެގެޓިވް ޖަވާބެއް. އެހެންވީމަ ބޭނުންވި ގޮތަށް ކުރިއަށް ދެވެން ނެތް،" ޑެންމާކް ފުޓްބޯޅަ ފެޑެރޭޝަންގެ ޑިރެކްޓަރު، ޔަކުބް ޖެންސަން ވިދާޅުވި އެވެ.

އެކަމަކު، ޑެންމާކުން މި ފަހަރުގެ ވޯލްޑް ކަޕްގައި ބޭނުންކުރާ ޖޯޒީތަކުގައި އެ ގައުމުގެ ޖޯޒީ ފޯރުކޮށްދޭ ބްރޭންޑް ހަމަލްސް އިން ވަނީ ލޯގޯ ކުލައެއް ނުލައި ބަހައްޓައިފަ އެވެ. އެއީ އެ މީހުން ގަތަރުގެ ބައެއް ކަންކަމާ މެދު ހިތްހަމަނުޖެހޭތީ، ޑިޒައިންގެ ތެރެއިން މެސެޖެއް ދިނުމަށް ކޮށްފައިވާ ކަމެކެވެ.

ހަމަލްސް އިން ބުނީ ވޯލްޑް ކަޕްގައި އެ މީހުން ލޯގޯ ކުލަކޮށް ފެންނަން ނެތީ، ގަތަރުގައި ވޯލްޑް ކަޕް ބާއްވަން ކަންކަން އޮތްގޮތުން މުބާރާތުގެ ތެރެއިން އެ މީހުން "އިޝްތިހާރުވާން ނޭދޭތީ" ކަމަށެވެ.

ގަތަރު ވޯލްޑް ކަޕްގައި ވަރަށް ބޮޑަށް އުސޫލުތައް ވަރުގަދަކޮށްފައިވާއިރު، މިނިވަންކަމާ އެކު ވޯލްޑް ކަޕް ދުވަސްވަރުގައި ވެސް އެ މާހައުލުގައި އުޅެވެން ނެތް ކަމަށް ބުނެ، ޔޫރަޕާއި ދެކުނު އެމެރިކާގެ ގައުމުތަކުގެ ފުޓްބޯޅަ ސަޕޯޓަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ފީފާ އިން މިދިޔަ ހަފްތާގައި ވަނީ ބަޔާނެއް ނެރެފަ އެވެ. ފީފާ އިން ގައުމުތަކަށް އެންގީ އެހެން ކަންކަމުގައި ޝާމިލުވެ، އުޅުމަށް ވުރެން ހަމައެކަނި ފުޓްބޯޅައާ މެދު ވިސްނުމަށެވެ.