Advertisement

ރާއްޖޭގެ ޤުދުރަތީ އަތޮޅުތަކުގެ ނަންތަކުގެ އަޞްލަކީ ކޮބާ؟

11 ނޮވެންބަރު 2022 - 08:59 6

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން

ދިވެހިރާއްޖޭގެ އަތޮޅުތައް ވަކިވަކިން ފެންނަ ގޮތަށް މަތިން ނަގާފައިވާ ފޮޓޯއެއް: -- ފޮޓޯ: ނާސާ


ރާއްޖޭގެ ޤުދުރަތީ އަތޮޅުތަކުގެ ނަންތަކުގެ އަޞްލަކީ ކޮބާ؟

11 ނޮވެންބަރު 2022 - 08:59 6

މިއީ ކުޑައިރުއްސުރެ ހިތުގައި އުފެދިފައި އޮތް ސުވާލެކެވެ. އެ ކިޔާ އަރިއަތޮޅާއި، ކޮޅުމަޑުލާއި ހައްދުންމައްޗަކީ ކޮން ހާދިސާއަކަށް ނުވަތަ ތަނަކަށް ނިސްބަތްކޮށް ކިޔާފައިވާ ނަންތަކެއް ބާވައެވެ؟ އެ ސުވާލު އޭރު ހިތުގައި އުފެދުނު ނަމަވެސް، ދުވަސްތަކުގެ ހަލަބޮލިކަމާއި، ޒުވާންކަމުގެ ކާރޫބާރޫބޮޑުކަމުގެ ތެރޭގައި އެ ފަދަ މައުސޫމު ސުވާލުތައް ސިކުނޑިތެރޭ ހަވާސާކުރެވުނެވެ. އަނެއްކާވެސް އެ ސުވާލު ފެންމަތިވީ މިއަދުގެ ކުޑަކުދިންގެ ފުށުން އެކަމާ މެދު ޝައުޤުވެރިކަން ފާޅުކުރާ އަޑު އިވެންފެށުމުންނެވެ.

މި ޢުމުރުގައިވެސް އާ ކަމެއް ދަސްކުރުމަކުން ގޯހެއް ނެތޭ ހިތާ، ހިތްވަރުކޮށްލާފައި މި ހުޅުވާލީ، އަޅުގަނޑު ހިތުން، ދިވެހިރާއްޖެ އުފެދުމާ ގުޅޭ ގޮތުން މި ޒަމާނުގެ ދަރިވަރުންނަށް ލިބޭނޭ އެންމެ އަގުހުރި އެއް ޚަޒާނާކަމަށް އަޅުގަނޑު ދެކޭ، މުޙައްމަދު އިބްރާހިމް ލުޠުފީ ލިޔުއްވި "ދިވެހިރާއްޖޭގެ ޖޯގްރަފީގެ ވަނަވަރު 1 ވަނަ އަދި ދެވަނަ ބައި" އެވެ. އަތޮޅުތަކުގެ ނަން ނެގިފައިވާ ގޮތާ ބެހޭ ގޮތުން ލުޠުފީ ވިދާޅުވެފައިވަނީ، "ރާއްޖޭގެ އަތޮޅުތަކުގެ ނަން ނެގިފައި އޮތީ އެ އަތޮޅެއްގައި އޮންނަ ފާހަގަކުރެވޭ ރަށެއްގެ ނަމާ ގުޅުވާލައިގެން" ކަމުގައެވެ. ލުޠުފީގެ ދިރާސާ އެއީ އަޅުގަނޑުމެންގެ އާރުކާޓީކަމުގައި ދެކިގެން އުތުރުން ދެކުނަށް ދަތުރުކޮށްލަމާ ބަހީއެވެ. ދަތުރަށް ފެށުމުގެ ކުރިން ވަރަށް މުހިއްމު އެއް ލަފުޒުގެ މާނައަށް ބަލާލަން ވާނެއެވެ. އެއީ "ޕޮޅު" އެވެ. ޕޮޅުގެ މާނައަކީ އަތޮޅު ނުވަތަ ބަޔެވެ.

ފުރަތަމަ އިހަވަންދިއްޕޮޅެވެ. ލުޠުފީ ވިދާޅުވަނީ އިހަވަންދިއްޕޮޅު ނިސްބަތްވެފައި އޮތީ އެ އަތޮޅުގެ ދެކުނުން ވަރަށް ޚާއްޞަ ޕޮޒިޝަނެއްގައި އޮންނަ އިހަވަންދޫއަށް ކަމަށެވެ. އިހަވަންދޫ މި އޮންނަ ޕޮޒިޝަނަށް ބަލާލަމާ ހެއްޔެވެ. އިހަވަންދޫ އޮންނަނީ އިހަވަންދޫ ކަނޑުއޮޅީގެ އެތެރޭގަ އެވެ. އެތަނުގައި އެ ރަށް އޮންނާތީ އެ ކަނޑުއޮޅި ދެބައިވެ އެވެ. ފުރަތަމަ ބަޔަކީ ދިގުފަރާއި އިހަވަންދޫއާ ދެމެދެވެ. ދެވަނަ ބަޔަކީ އިހަވަންދުއާއި ގުދަންފުށީ ފަރާ ދޭތެރޭގައި އޮތް ގުދަންފުށީ ކަނޑުއޮޅިއެވެ. މިއީ އަތޮޅަށް ވަދެގެން އުތުރަށް ދާން ދަތުރުވެރިން ބޭނުންކުރާ މުހިއްމު ކަނޑުއޮޅިއެއްކަމަށްވެއެވެ. ތާރީޚީ ނަޒަރަކުން ބަލާނަމަ، އިހުގައި މުހިއްމު ބަނދަރެއްގެ ގޮތުގައި ބޭނުންކުރެވުނު ރަށެއް ކަމުގައިވެއެވެ.

ތިލަދުންމައްޗަށް ދާން ފޮށި ބަންނަމާ ބަހީއެވެ. ނިސްބަތްވަނީ މިހާރުގެ ދިއްދޫގެ އުތުރު ބައި ކަމުގައި ހިމެނޭ އަދި ކުރިން އެ ފަޅުގައި ވަކިން އޮތް، "ތިލަދު"އަށެވެ. ލުޠުފީ ވިދާޅުވާ ގޮތުން، އަތޮޅުގެ އުތުރު ދުނީގެ ހުރިހައި ރަށަކީވެސް ގިރަމުން ވޮޑެމުން ދިޔަ ރަށްރަށެވެ. ތިލަދުއަށް ވީ ގޮތެއްކަމަށް ވިދާޅުވަނީ، އެ ރަށުގެ އުތުރުކޮޅު އެއްކޮށް ގިރައިގެން ގޮސް، ރަށުގެ ދެކުނު ކޮޅު ދިއްދުއާ ގުޅުނީ ކަމުގައެވެ. އެއްފަސްވީކަމުގައެވެ. ދެރަށް ގުޅި، އެ ހިސާބުގައި ގަސްފަޅައި ފަސްގަނޑު ހަރުވިކަމަށް ބެލެވިފައި އޮތީ މީލާދީން 1889 ވަނަ އަހަރުގައެވެ.

ދެން އޮތީ މިލަދުންމަޑުލެވެ. ނިސްބަތްވަނީ އަތޮޅުގެ ދެކުނުގައި އޮންނަ "މިލަދު"އަށެވެ. ޤަދީމީ ބުޑިސްޓް މޮނާސްޓްރީއެއް ހުރި އޭރުގެ މުހިއްމު ރަށެއްކަމުގައި ބުނެވެއެވެ. ފަހުން އެތަން އޮތީ "ރެދިންގެ ގާފުނި" ކިޔާ ތަނެއްގެ ގޮތުގައެވެ. އެ ތަނުން ރަނުން ހަދާފައި އޮތް ހާލެއް ފެނުނުކަމަށްވެއެވެ. އޮތީ ހިރިގަލު ފޮއްޓެއްގެ ތެރޭގައެވެ. 1987 ހާ ހިސާބުގައި ކުރި ދިރާސާތަކުން މި ބުނާ ޤަދީމީ ބިނާތަކުގެ ހަލާކުނުވެ ހުރި ބައިތައް ފެނުނެވެ. އަދި ރާއްޖެ އިސްލާމްވުމަށްފަހު އެތަން ތަޅާލައި ބިނާކޮށްފައި ހުރި ކުޑަ މިސްކިތް ވެސް އެ ރަށުން ފެނުނެވެ.

ދެން އޮތް މާޅޮސްމަޑުލަކީވެސް އެ ފަދަ ބިނާތައް ފެނުނު "ޤަދީމީ" އަތޮޅެކެވެ. ނަން ނިސްބަތްވަނީ އިރުމަތީ ދުނީގައި އޮންނަ "މާޅޮސް"އަށެވެ. ބުނެވޭ ގޮތުގައި ރާއްޖޭގެ އަސްލު ވަޒަންވެރިން ދިރިއުޅުނު އެއް ރަށަކީ މާޅޮހެވެ. ވަލުމިސްކިތް ހުރި ތަނުގައި ކުރިނ ބުދުކޯލެއް ހުއްޓެވެ. އެތަނުން ފެނުނު ބައެއް ސާމާނު ދާރުލްއާޘާރަށްވެސް ގެންދިޔައެވެ.

ފާދިއްޕޮޅު ނިސްބަތްވަނީ އެ އަތޮޅުގެ އިރުމަތީ ދުނީގައި އޮންނަ "ފާދު" އަށެވެ. ލުޠުފީ ފާހަގަކުރެއްވި ގޮތުގައި ފާދިއްޕޮޅުގެ އުތުރުން އޮތް އަތޮޅުތައް އެތުރިފައި އޮންނަނީ އެއް ބަރިއަކަށެވެ. ފާދިއްޕޮޅަކީ އެ ބަރީގެ އިރުން ދެވަނަ ބަރިއަކަށް އަތޮޅުތައް އެތުރެން ފަށާ ހިސާބެވެ.

ދެން އޮތީ މާލެއަތޮޅެވެ. މާ ބޮޑު ތަފްޞީލުތަކަކަށް ދާކަށް ނެތީމެވެ. އެންމެން ދަންނަ ވާހަކައެކެވެ. ނިސްބަތްވަނީ ވެރިކަންކުރާ ރަށް މާލެއަށެވެ.

އަރިއަތޮޅު ނިސްބަތްވަނީ އެ އަތޮޅުގެ ދެކުނުގައި އޮންނަ އަރިއަދުއަށެވެ. މިވެސް ބުދިސްޓު ޒަމާނުގައިވެސް މީހުން އުޅުނު، ޤަދީމީ ރަށެކެވެ. މި އަތޮޅަކީވެސް ހިރިގަލުގެ މަސައްކަތް ތަކަށް ނަންމަޝްހޫރު އަތޮޅެކެވެ. އަތޮޅުގެ ގިނަ ރަށްތަކުގައި ބުދިސްޓުން އުޅުނުކަމަށް ވެއެވެ. ޚާއްޞަކޮށް ރާއްޖެ އިސްލާމްވުމަށްފަހު ފެންނަ ހިރިގަލު މިސްކިތްތަކުގެ މަސައްކަތްތަކުގައި އެންމެ އިސްދައުރެއް އަދާކުރި މީހުންގެ ތެރޭގައި އެ އަތޮޅު ފެންފުށީގެ ގަލުވަޑާންކުރި މީހުން ހިމެނޭކަމަށް ބުނެވެއެވެ.

ފެލިދެއަތޮޅު ނިސްބަތްވަނީ އެ އަތޮޅު އިރުމަތީ ދުނީގައި އޮންނަ ފެލިދުއަށެވެ. މުލަކު އަތޮޅު ނިސްބަތްވަނީ "ބޮލިމުލައް" މިނަން ދެވިފައިވާ ޤަދީމީ ރަށަކަށެވެ. އެ އަތޮޅުގެ ގިނަ ރަށްރަށް އުފެދިފައި ހުރީ މުލިން ފެށިގެން ކުރެލިކަނޑާ ދެމެދުގައެވެ.

ނިލަންދެ އަތޮޅުވެސް ނިސްބަތްވަނީ އެ ސަރަޙައްދުގައި ބުދިޒަމްގެ އިސް މޮނާސްޓްރީއެއް ހުރި ރަށެއްކަމުގައިވާ "ނިލަންދު"އަށެވެ. ނިލަންދޫގައި ހުރި އާޘާރީ ގިނަ ތަންތަން މިއަދުވެސް، ކޮންމެވެސް ވަރެއްގެ ހަލާކާ އެކުގައިކަމަށްވިޔަސް ފެންނާން އެބަހުރިކަމަށްވެއެވެ. އަދި އެ ރަށުގައި ހުރި ފައްޅި ތަޅާލައި ދަރުމަވަންތަ ރަސްގެފާނު އެ ރަށުގައި މިސްކިތެއް ބިނާކުރެއްވިއެވެ. ނިލަންދުއަކީ ރާއްޖެ އިސްލާމްވުމުގެ ތާރީޚާ ގުޅުންހުރި މުހިއްމު ހާދިސާތަކެއްވެސް ހިނގާފައިވާކަމަށް ބުނެވޭ ރަށެކެވެ.

ދެން މި އޮތީ ކޮޅުމަޑުލެވެ. އެޓިމޮލޮޖިކަލް ގޮތުން ވިސްނާނަމަ، މީގެ އުތުރުން ހުރި އަތޮޅުތަކުގެ ނަން ވުޖޫދުވެފައި އޮތްގޮތާ ތަފާތުކޮށް އަޞްލު އަންނަ ނަމެކެވެ. ލުޠުފީ ވިދާޅުވާގޮތުން މިބަސް ބޭނުންކުރެވިފައިވަނީ ރާއްޖޭގެ އަތޮޅުތައް ، 20’،6⁰ އިން ފެށިގެން ދެކުނަށް، ދެ ފަށަށް އެތުރިފައި އޮތް ބަރީގެ ފުލުގައި ނުވަތަ "ކޮޅުގައި" އޮތް އަތޮޅޭ ބުނުމަށެވެ. "މަޑުލަ" ގެ މާނައަކީވެސް އަތޮޅެވެ. އެހެން ނަންތަކާ ތަފާތޭ މި ދަންނަވަނީ ރަށަކަށް ނިސްބަތްވުމުގެ ބަދަލުގައި ޖިއޯގްރަފީގެ ގޮތުން އޮތް މަޤާމަށް ނިސްބަތްވާތީއެވެ. އެހެންނަމަވެސް މިހެންވެސް މުޅިން ނިންމޭކަށްނެތެވެ. އެހެނީ އެ އަތޮޅުގެ ނަން ނިސްބަތްވަނީ ވަންދޫ ކައިރީގައި ކުރިން އޮތް "ކޮޅުވަންބަދި" ކިޔާ ރަށަކަށޭވެސް ބުނެވޭތީއެވެ.

ހައްދުންމައްޗަކީ އެ އަތޮޅެއްގެ ނަން އެންމެ ގިނަ ބަޔަކު ދަންނަ، އަދި ނާއިންސާފުގޮތެއްގައި އެއަތޮޅަށް ނިސްބަތްވާ މީހުންނާ ދެކޮޅަށް ތަޢައްޞަބެއް ގެންގުޅުމަށް ބޭނުންކުތާ ނަމެއް ލިބިފައިވާ އަތޮޅެކެވެ. އެހެންނަމަވެސް ޙަޤީޤަތުގައި އެ އަތޮޅުގެ ނަމަކާ ހައްދުފަހަނައަޅައިދިޔުމަކާ އެއްވެސް ގުޅުމެއް ނެތެވެ. އަދި ކިއެއްތަ އެ އަތޮޅު ނިސްބަތްވަނީ، މިހާރު ގިރައިގެން ގޮސްފައިވާ، އިސްދޫ ތޮށީގައި އޮތް، "އިހައްދޫ" ކިތާ ރަށަކަށް ނިސްބަތްކޮށެވެ. ކުރިން ކިޔައި އުޅުނީވެސް އިހައްދުންމައްޗެވެ. އެއީ ބޭރުން އައި ކޮންމެވެސް ބަޔަކަށް އެންމެ ކުރިން ނުވަތަ އެންމެ "އިހަށް" ފެނުނު އަތޮޅަކީ އެއީކަމުގައިވާތީކަމުގައިވެސް ބުނެވެއެވެ. އަދި މި ނޫން ގޮތަކަށްވެސް މި ނަމުގެ އަސްލާމެދު ވާހަކަ ދެކެވެއެވެ. އެއީ، އެއަތޮޅުގައި "ދޫ" ކިޔާ 7 ރަށަށްވުރެ ގިނަ ރަށް އޮތުމުންކަމުގައެވެ. އާދެ "ހަތް-ދޫ-އިން-މަތި" މި މާނައިގައި ކަމުގައެވެ. އެހެންނަމަވެސް ލުޠުފީ ބުރަވެލައްވާފައިވަނީ އިހައްދުއަށް ނިސްބަތްކޮށް ނަންދެވިފައިވުމުގެ ނަޒަރިއްޔާއަށެވެ.

ހުވަދޫ އަތޮޅު ނިސްބަތްވަނީ އެއަތޮޅުގައި އޮތް "ކޭހުވަދޫ" ކިޔާ ރަށަކަށެވެ. މިހާރު މުޅީން ގިރައިގެން ގޮސްފައިވާކަމަށްވިޔަސް، ބުނެވެނީ އެއީ އިހުގައި މީހުން ދިރިއުޅުނު، ބޮޑު ރަށެއްކަމުގައެވެ. ރަށް އޮތް ތަނުގެ ފަޅުމަތިން ވެވާއި ވަޅުފަދަ ތަންތަން ދިރާސާކުރި ފަރާތްތަކަށް ވަނީ ފާހަގަކުރެވިފައެވެ. ހުވަދު އަތޮޅުގެ މާނަކަމަށް ލުޠުފީ ވިދާޅުވަނީ "މަނާ ސަރަޙައްދެވެ". އެއް އިރެއްގައި މި އަތޮޅަށް "ހުވަދުންމަތި" އަދި "ސުވައިދު" އޭ ވެސް ކިޔާފައިވާކަމަށްވެއެވެ.

ފުވައްމުލަކަށް ނަންދެވިފައިވަނީ މ އަތޮޅު ބޮލިމުލަކާ ނަން ތަފާތު ކުރުމުގެ ގޮތުން އެ އަތޮޅުގެ ޖިއޮގްރަފިކަލް ޚާއްސަ ސިފައަކަށް ނިސްބަތްކޮށްފައެވެ. ކުރީ ޒަމާނުގައި އެ ރަށަކީ އާދަޔާ ޚިލާފަށް ފެންފޯއް ރުއް ގިނަ ރަށެއްކަމަށް ވެއެވެ. އެހެންކަމުން މި މުއްޔަކީ "ފުވައް" މުލައްކަމުގައި ނަން ދެވުނީއެވެ. އެއް ރަށެއްގެ މައްޗަށް އެކުލެވޭ ހަމައެކަނި އަތޮޅަށް ވާތީ ކަންނޭނގެއެވެ. ޢާއްމުކޮށް ފުވައްމުލަކޭ ކިޔާއިރު، ފަހަތައް "އަތޮޅު"، "ޕޮޅު"، "މަޑުލު" ފަދަ ބައެއް އިތުރެއް ނުކުރެއެވެ.

ރާއްޖޭގެ އެންމެ ދެކުނަށް މި އާދެވުނީއެވެ. އައްޑު އަތޮޅަށެވެ. ހައްދުންމައްޗޭ އެއްގޮތަށް އައްޑުއަތޮޅަށްވެސް ނަން ކިޔާފައިވަނީ ކުރިން އެ އަތޮޅުގައި ދޫ ކިޔާ 7 ރަށް އޮތުމުން ކަމަށް ބުނެވެއެވެ. އަދި މިހާރު ނެތި ގޮސްފައިވާ "އައްޑު"އޭކިޔާ ކުޑަ ކުޑަ ރަށެއް، ގަމުގެ ދެކުނުން، ރާއްޖޭގެވެސް އެންމެ ދެކުނުން އޮތަތީކަމަށްވެސް ބުނެވެއެވެ.

އަތޮޅުތަކުގެ ނަންތަކުގެ އަސްލާ މެދު އިތުރު ދިރާސާތައް ކުރެވެމުންދިޔަ ވަރަކަށް، އަދި މި ނޫންވެސް އިތުރު މަޢުލޫމާތުތައް ލިބެމުންދާނެކަން ކަށަވަރެވެ. އަދި އެ އަތޮޅުތަކަށް ނިސްބަތްވާ މީހުންނަށް، ދޫދޫމަތިން އަޑުއިވިފައިހުރި ވާހަކަތަކުންނާއި ފެންނާން ހުރި ބައެއް ތާރީޚީ، ޤަދީމީ ތަކެތިން އިތުރު މަޢުލޫމާތު ލިބި، މިހާރު އެނގެން އޮތް މިންވަރަށްވުރެ ބޮޑަށްވެސް އެކަންކަން ސާފުވާނެކަން ގައިމެވެ. މިހިރަ މިހިރަ ކަންކަމަކީ އޭގައި އެއްވެސް ކުޅަނދެއް ނެތް ކަންކަން ކަމަށް މިއަދު ދޫކޮށްލެވޭ ކަންކަމެވެ. މިތަނުން ގިނަ ނަންތައް މިހާރު ދަންނަނީވެސް މަދު ބަޔެކެވެ. އެހެންނަމަވެސް ތިލަކޮށްނަމަވެސް ދިރާސާއެއް ކޮށްފި ނަމަ، އަމިއްލަ ޤައުމާއި އަމިއްލަ ޘަޤާފަތާއި އަދި ތިމާގެ ޝަޚްޞިއްޔަތާމެދު ހާދަހާވާ ގިނަ ކަންތައްތަކެއް އެބަ އޮޅުންފިލައެވެ.