14 ނޮވެންބަރު 2022 - 08:48 0
އަހުމަދު އާއިދު
މާލޭގައި އެންމެފަހުން ހިނގި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި އެމްބިއުލޭންސެއް މަޑުކޮށްލައިގެން -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
14 ނޮވެންބަރު 2022 - 08:48 0
ދޮޅުލައްކަ މީހުން ދިރިއުޅޭ އެންމެ އަކަ ކިލޯމީޓަރެއް ހުންނަ މި ކުޑަކުޑަ މާލޭގައި ކެމިކަލް ގުދަން ހުރުން ރައްކާތެރި ނޫން ކަމަށް ސަރުކާރަށް ނިންމުނީ އަބަދަށްފެހި މަގުގައި ހުރި އިމާރާތެއްގައި ރޯވެ ދެ ކުދިންގެ މަންމައެއް ނިޔާވުމުންނެވެ.
އޭގެ ތިން އަހަރު ފަހުން، މާފަންނުގައި ހުރި ވެހިކަލް ގަރާޖެއްގައި ރޯވެ 10 މީހުން މަރުވުމުން، މާލޭގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ގަރާޖު ހިންގުން ރަނގަޅު ނޫން ކަމަށް ސަރުކާރުން އަނެއްކާ ވެސް ނިންމައިފި އެވެ.
"މިހެން ހުރި ގަރާޖުތައް އަދި ވޯކް ޝޮޕްތައް ބަދަލުކުރުން އެއީ ކުރަންޖެހިފައި އޮތް ކަމެއް،" އަލިފާނުގެ ހާދިސާ ހިނގި ތަނުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ރާއްޖޭގައި ގިނައިން ފެންނަ މަންޒަރަކީ ހާދިސާއެއް ނުވަތަ ކާރިސާއެއް ހިނގުމުން އެކަމައިގެން ދުވަސްކޮޅަކު އުޅުމެވެ. ބޮޑު ސިމެންތި ބަސްތާއެއް ވެއްޓި ކުއްޖަކު މަރުވުމުން އިާރާތް ކުރާ ތަންތަނުގެ ހާލަތު ދުވަސްކޮޅަކު ބެލި އެވެ. ކަނޑުމަތީގައި ލަައިފްޖެކެޓު އަޅާތޯ ބެލީ ވިދިވިދިގެން ހިނގި ކަނޑުމަތީގެ ހާދިސާތަކުގައި ގިނަ ބަޔަކު ނިޔާވުމުންނެވެ.
ހިތާމަވެރި ހާދިސާއެއް ނުހިނގާނެ ފަދަ ގޮތަކަށް ކަންކަން ރޭވުމާއި ބެލެހެއްޓުމަކީ އަހަރުމެންނާ ވަރަށް ބީރައްޓެހި އާދައެކޭ ބުނެވެނީ ކަންތައްތައް މިހެން ހުރުމުންނެވެ.
މީގެ ތިން އަހަރު ކުރިން 2019 ވަނަ އަހަރު ކެމިކަލް ގުދަނުގައި ރޯވި ހާދިސާއާއި ގުޅިގެން ޖެހިގެން އައި ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޭޝަނަލް ޑިޒާސްޓާ ކައުންސިލާއި ބައްދަލުކުރެއްވި އެވެ. ކެމިކަލް ގުދަންތަކުގެ ނުރައްކަލާމެދު އެ ކައުންސިލާ މަޝްވަރާކުރައްވައި އެތަންތަން ބަދަލުކުރަން އެމަނިކުފާނު އެންގެވި އެވެ.
އެ މަޝްވަރާއަށް ފަހު، މާލޭގައި އެއިރު ހުރި ކެމިކަލް ގުދަންތައް ދަނެގަތުމުގެ މަސައްކަތް ޑިފެންސް މިނިސްޓްރީން ކުރުމަށް ފަހު ބުނީ މާލޭގައި 126 ގުދަނެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން 82 ގުދަނެއް ހުރީ މީހުން ދިރިއުޅޭ ސަރަހައްދުގައި ކަމަށް ވެސް ބުންޏެވެ. އެ މަސައްކަތުން އެކުލަވައިލި ރިޕޯޓު ރައީސް ސޯލިހާ ހިއްސާކުރެއްވި ކަމަށް ވެސް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވި އެވެ.
ހާދިސާއަށް ތިން ދުވަސް ފަހުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެމިކަލް ގުދަންކުރުމާ އެތެރެކުރުމާ ބެހޭ ގަވާއިދެއް ހަދައި ގެޒެޓު ކުރި އެވެ. އެ ގަވާއިދުގައި ވާ ގޮތުން ކެމިކަލް ރައްކާ ކުރާ ގުދަންތައް މީހުން ދިރުއެޅޭ އިމާރާތެއްގައި ހުރި ތަނަކަށް ވެގެން ނުވާނެ އެވެ. އޭރު ކެމިކަލް ގުދަންތައް ބަދަލުކުރަން ނިންމީ ތިލަފުއްޓަށެވެ.
ތިލަފުށީގައި އެ އަހަރުގެ ތެރޭގައި 9.5 މިލިއަން ރުފިޔާ ހަރަދުކޮށް ދެ މަސްދުވަހުގެ ތެރޭގައި ކެމިކަލް ގުދަނެއް ވެސް އެޅި އެވެ. ނަމަވެސް މިހާރު ތިލަފުށި ބަލަހައްޓަމުންދާ އެޗްޑީސީން "އަދަދު" އަށް މައުލޫމާތު ދިން ގޮތުގައި މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުށްޓަށް ބަދަލުކުރުމަށް މިހާތަނަށް 34 ގުދަނެއް ވަނީ އިމާރާތްކޮށްފަ އެވެ. ވަރަށް އަވަހަށް އިތުރު 18 ގުދަނެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
ބުރާސްފަތި ދުވަހުގެ ރޭ ރޯވި ގަރާޖުގައި ހުރި ގޭސް ސިލިންޑަރުތައް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
އެކަމަކު ކުރިން ޑިފެންސް މިނިސްޓްރީއިން މީހުން ދިރިއުޅޭ ގެތަކުގައި ހުރިކަމަށް ބުނި 82 ގުދަނުގެ ތެރެއިން ބާކީ ހުރި ގުދަންތަކަށް ވީކިހިނެއްކަން އެނގޭ ސަރުކާރުގެ އިދާރާއެއް ނެތެވެ. ސަރުކާރުން މިހާރު ބުނަނީ ހުރިހާ ގުދަނެއް ބަދަލުކުރެވިއްޖެ ކަމަށެވެ.
އަލިފާނުގެ ހާދިސާއަށްފަހު، މާލޭގައި މިހާރު ކެމިކަލް ގުދަނެއް ނުހުންނާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި ނަމަވެސް އަދިވެސް މިރަށުގައި ބައެއް ކެމިކަލް ގުދަން ހުރި ކަން މި ނޫހަށް އެނގެ އެވެ.
ކުރިން މިބުނި ހާދިސާއަށް ތިން އަހަރުވީ ފަހުންއަނެއްކާވެސް ގަރާޖެއްގައި ރޯވެގެން މާލޭގައި މިހާތަނަށް ހިނގި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާ ހިނގައިފި އެވެ. ސަރުކާރުގެ "ރިއެކްޝަން" ގާތްގަނޑަކަށް އެއްގޮތެވެ. ހުރިހާ އިސްވެރިން ބުނީ ވަރަށް އަވަހަށް ގަރާޖުތަކަށް ހައްލެއް ގެންނަންޖެހޭ ކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުން އަނެއްކާ ވެސް ގިނަ ބަޔަކަށް ހަނދާންވީ ކުރީގެ މާޒީ އެވެ. ރައީސް އެދުވަހު ވިދާޅުވީ މިފަދަ ހާދިސާތައް ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ މާލެ ތޮއްޖެހިފައި އޮތުން ކަމަށެވެ.
"މިހެން ހުރި ގަރާޖުތައް އަދި ވޯކް ޝޮޕްތައް ބަދަލުކުރުން އެއީ ކުރަންޖެހިފައި އޮތް ކަމެއް" ރައީސް އެދުވަހު ވިދާޅުވި އެވެ.
ހަގީގަތަކީ މިހާދިސާ ހިނގީ ވެސް ވަރަށް ބޮޑު އިހުމާލަކުން ކަމެވެ. ބުރާސްފަތި ދުވަހުގެ ރޭ ރޯވި ގަރާޖަކީ މީގެ ކުރިން ވެސް ތިން ފަހަރު ރޯވެފައިވާ ތަނެކެވެ. މި އަހަރުގެ މޭ މަހު ވެސް އެތަނުގައިި ރޯވި ކަމަށްވެ އެވެ. އެފަހަރު އެމްއެންޑީއެފް އިން އެތަނަށް އެޓެންޑްވި ކަމަށް ވެސް ބުނެފައިވެ އެވެ. ސިޓީ ކައުންސިލުގައި ރަޖިސްޓްރީ ކޮށްފައިވާ ގަރާޖުތަކުގެ ލިސްޓުގައި ވެސް މި ގަރާޖެއް ނެތެވެ. ހިންގުމުގެ ހުއްދައެއް ނެތެވެ. ހަމަގައިމު ވެސް މިކަންކަން މޮނީޓާ ނުކުރެވި، ނުބެލި ދޫކޮށްލާފައިވާކަން މިއީ ހަގީގަތެކެވެ.
ގަރާޖުތައް ބަދަލުކުރުމުގެ ވާހަކަ އެންމެ އަޑުހަރުކޮށް ދައްކާ އެއް އިދާރާއަކީ މާލޭ ސިޓީ ކައުންސިލެވެ. "އަދަދު" އަށް މައުލޫމާތު ދެއްވަމުން ސިޓީ ކައުންސިލްގެ ތަރުޖަމާނު މަރިޔަމް ޝިއުނާ ވިދާޅުވީ އެ އިދާރާއިން ގަރާޖުތައް ބަދަލުކުރަން ކުރި މަސައްކަތްތައް ކާމިޔާބުވެފައި ނުވަނީ ސަރުކާރުގެ އެއްބާރުލުން ނުލިބިގެން ކަމަށެވެ. ހާއްސަކޮށް އިންޑަސްޓްރިއަލް ވިލެޖުގެ މައްސަލަ ޝިއުނާ ފާހަގަކުރެއްވި އެވެ. ނިމިދިޔަ ސަރުކާރުން މާލޭގައި ބިންހިއްކާ އިންޑަސްޓްރިއަލް ވިލެޖެއް މައިގަނޑު ބޭނުމަކީވެސް މާލޭގައި ހުރި ގަރާޖުތަކާއި ގުދަންތައް އެތަނަށް ބަދަލުކުރުމެވެ.
"ސިޓީ ކައުންސިލުން އޮންނާނީ މިގޮތަށް ނުރައްކާތެރިކޮށް ހުރި ތަންތަނުގެ ލިސްޓެެއްހަދާ އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅާފައި. އެކަމަކު އޭގެ ފަހުން މިނިސްޓްރީއިން ކައުންސިލަށް މިކަމުގައި އެއްބާރުލުމެއް ނުވަތަ އަޕްޑޭޓެއްވެސް ދީފައެެއް ނުވޭ،" ޝިއުނާ ވިދާޅުވި އެވެ.
މާލޭގައި ހުރި މިފަދަ ގަރާޖުތަކަށް ހައްލެއް ހޯދަން އެޗުޑީސީން ވެސް ވަނީ މަޝްރޫއެއް ފަށައިފަ އެވެ. އެކަމަކު އެ މަޝްރޫއުގެ ކުރެހުންތަކާއި ޕްރޮޖެކްޓު ރިޕޯޓްއިން ފެންނަ ގޮތުގައި ހުޅުމާލޭގައި އެޅޭ ހަތަރު ބުރީގެ އެ "އޮޓޯ ސެންޓަރު" ގައި ހިމެނެނީ 32 ވޯކް ޝޮޕަކާއި 7 ސާވިސް ޒޯނެކެވެ. މާލޭ ސިޓީ ކައުންސިލުން މިދިޔަ އަހަރު ހިންގި ސާވޭއެއްގައި ދެއްކި ގޮތުން މާލޭގައި އެކަނި 107 ގަރާޖަކާއި 70 ވޯކް ޝޮޕް އެބަހުއްޓެވެ. ދެ އަހަރުން ނިންމާ ގޮތަށް މި މަހުގެ ތެރޭގައި ސޮއިކުރެވުނު މި މަޝްރޫއިން ކޮންމެސް ވަރެއްގެ ލުޔެއް ލިބުނަސް މާލޭގައި ހުރި ގަރާޖުތަކުގެ މައްސަލަ ހައްލެއް ނުކުރެވޭނެ އެވެ.
ރައީސް އެދުވަ ވިދާޅުވި އަނެއް ވާހަކަފުޅަކީ މާލޭގައި އިމާރާތް ކުރާއިރު ބިލްޑިން ކޯޑަށް އަމަލު ކުރާ މިންވަރު އިތުރުކުރަންޖެހޭ ވާހަކަ އެވެ.
ިމާރާތް ކުރުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ 'ބިލްޑިން ކޯޑު' ގައި އޮތީ އަލިފާނުގެ ހާދިސާއެއްގައި އިމާރާތުގައި ދިރިއުޅޭ ފަރާތްތަކުން ނިކުމެވޭނެ ގޮތެއް ހުންނަންވާނެ އެވެ. އަލިފާން ނިއްވުމަށް ބޭނުންކުރާ ވަސީލަތްތައް ވެސް ހުންނަން ޖެހޭނެ ކަަމަށް ވެސް އެ ކޯޑްގައި އޮވެ އެވެ. އެކަށޭނަ މިންގަނޑެއްގައި ވައި ދައުރުވާނެ ގޮތެއް ވެސް ހުންނަންވާނެ އެވެ. އެކަމަކު އަލިފާންރޯވި އެ އިމާރާތުގައި ހުރި ދެ ކުޑަދޮރެއް ފިޔަވާ އެފަދަ އެއްވެސް ނިޒާމެއް ފެންނާކަށް ނެތެވެ. ގަރާޖު ތެރެއިން ފޭބެން ހުރި ހިމަ ސިޑި ފިޔަވާ ނިކުމެވޭނެ ގޮތެއް ވެސް ނެތެވެ. އަލިފާން ނިއްވޭނެ ވަސީލަތެއް ހުރި ކަމަކަށް ވެސް ނުބެލެވެ އެވެ.
އެ އިމާރާތުގެ މަތީ ދެ ބުރީގައި ބިދޭސީ މަސައްކަތްތެރިން އުޅުމަށް ހަދާފައިހުރި ޖާގަ ކުޑަ ކޮޓަރިތަކުގެ ހާލަތުވެސް ހުރީ ވަރަށް ދަށްކޮށް ކަމަށްވެ އެވެ. ގާތްގަނޑަކަށް 30 ވަރަކަށް ފޫޓު ހުރި އެ އިމާރާތުގެ ދެ ބުރީގައި ޖުމްލަ 10 ކޮޓަރި ހުރިއިރު 20 އަށްވުރެ ގިނަ މީހުން އެތަނުގައި ދިރިއުޅެމުން އައި ކަމަށް އެގެއަށް މީގެ ކުރިން ޒިޔާރަތްކުރި އިންޑިއާ އަންހެނަކު "އަދަދު" އަށް މައުލޫމާތު ދިނެވެ. ގަރާޖުން މައްޗަށް އެރެންހުރި ސިޑި ފިޔަވާ އެތަނަށް ވަދެވޭނެ ގޮތެއް ފެންނާކަަށް ނެތެވެ.
ބަލާލި ކޮންމެ ދިމާލަކުންވެސް އިހުމާލެވެ. ސަރުކާރުގެ ވެރިން ޓުވީޓު ކުރައްވައި އަޑު ހަރުކޮށް 'ކުރިއަށް އޮތްތަނުގައި މިފަދަ ހާދިސާއެއް ކުރިމަތިނުވާނެ ގޮތް ހަދައިދޭނެ' ކަމަށްވެސް ވިދާޅުވާނެ އެވެ. ކުރިންވެސް މިފަދަ މަންޒަރުތައް ފެނުނެވެ. އެކަމަކު އަދިވެސް މި މައްސަލަތަކަށް މިވަނީ ހައްލެއް ނުލިބި އެވެ. މާލޭގައި ހުރި ނުރައްކާތެރި އެހެން ތަންތަނާއި ކަންކަންވެސް ހައްލުވާނީ ހިތާމަވެރި ހާދިސާއެއް ހިނގާ ފުރާނައެއް ގެއްލުމުންތޯ އެވެ.
އުފެދެނީ މިސުވާލުތަކެވެ. ކަންކަމަށް ހައްލެއް ގެންނަން ޖެހެނީ ހާދިސާއެއް ހިނގީމާ ހެއްޔެވެ؟ ފުރާނައެއް ގެއްލުމުން ހެއްޔެވެ؟ ރައްޔިތުންގެ ސަލަމާތާ ގުޅިފައި ހުރި ހުރިހާ ކަމެއް ދަނެގަނެ، ގާނޫނެއްގެ ތެރެއިން އެކަންތަކަށް ހައްލެއް ގެނެސް، އެއަށް އަމަލު ކުރޭތޯ ބަލަންޖެހެ އެވެ. މުޅި ގައުމު އަމަލު ކުރާ ސޭފްޓީ ފްރޭމްވޯކެއް އޮންނަންޖެހެ އެވެ. ތަހުޒީބު ގައުމުތަކައި އޮންނަ ގޮތަކީ އެއީ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment