Advertisement

ފަޅި ބަދަލުކުރި ކަމުގެ އަޑުތަކަށް މީކާއިލްގެ ރައްދު؛ "ޕާޓީގެ ވިޕާ ހިލާފުވުމަކީ ގަބޫލުކުރާ ހަމައެއް ނޫން"

9 ނޮވެންބަރު 2022 - 12:19 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް-- ފޮޓޯ: މަޖިލިސް


ފަޅި ބަދަލުކުރި ކަމުގެ އަޑުތަކަށް މީކާއިލްގެ ރައްދު؛ "ޕާޓީގެ ވިޕާ ހިލާފުވުމަކީ ގަބޫލުކުރާ ހަމައެއް ނޫން"

9 ނޮވެންބަރު 2022 - 12:19 0

ސިޔާސީ ގޮތުން ހިޔާލު ތަފާތުވުންތައް ހުރިނަމަވެސް، ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ މެމްބަރަކު އެ ޕާޓީން ނެރޭ ވިޕް ލައިނާ ހިލާފުވުމަކީ ގަބޫލުކުރާ ހަމައެއް ނޫން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ މެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ތެރެއިން މަޖިލީހުގައި އެ ޕާޓީ ރަމްޒު ކުރައްވާ އެމްޑީޕީ މެންބަރުން ވެސް ތިބީ ދެ ފެކްޝަނަށް ބެހިފަ އެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގިނަ މެންބަރުން ތާއީދު ކުރައްވާއިރު، ބައެއް މެންބަރުން ތިއްބަވަނީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއެކުގަ އެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާ ދެކޮޅަށް ނަޝީދު ފެކްޝަނުން ތިބިއިރު، އެ ފެކްޝަނުގައި ކުރިން ހުންނެވި މީކާއިލް ވަނީ އެ ބިލު ވޯޓު މަރުހަލާގައި ސަރުކާރާ އެއްކޮޅަށް ވޯޓު ދެއްވާފަ އެވެ.

އަދި، މިހާރު މަޖިލީހުގައި ކުރިއަށްދާ ބަޖެޓު ބަހުސްގައި ވެސް މީކާއިލް ވަނީ ބަޖެޓު އެކުލަވާލާފައިވާ ގޮތާމެދު ތައުރީފު ކުރައްވާ ވާހަކަ ދައްކަވާފަ އެވެ.

އެއާއެކު މީކާއީލް މިހާރު ރައީސް ސޯލިހުގެ ފެކްޝަނަށް އެނބުރިފައިވާ ކަމުގެ އަޑުތައް ވަނީ އިވެން ފަށައިފަ އެވެ.

މިކަމާ ގުޅިގެން "އަދަދު" އިން ސުވާލުކުރުމުން މީކާއިލް ވިދާޅުވީ އެފަދަ ކަމެއް ނޫޅޭ ކަމަށެވެ. އެހެންނަމަވެސް ޕާޓީއިން ވިޕްލައިން ނެރެފައިވަނިކޮށް އެއާ ހިލާފަށް ވޯޓު ދިނުމަކީ ގަބޫލުކުރާ ހަމައެއް ނޫން ކަމަށް ވިދާޅުވި އެވެ.

"ޕާޓީގެ ޓިކެޓެއްގައި އިންތިހާބުވާ މެމްބަރަކު އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ އަގުލަބިއްޔަތުން ނިންމާ ތްރީ ލައިން ވިޕާ ހިލާފުވެގެން ނުވާނެ، އެއީ އަޅުގަނޑު ގަބޫލުކުރާ ހަމައަކީ،" މީކާއިލް ވިދާޅުވި އެވެ.

ބަޖެޓު ބަހުސްގައި ސަރުކާރު ހިންގާ ޕާޓީގެ މެންބަރުން ބަޖެޓަށް ތާއީދު ކުރައްވާ ވާހަކަ ދެއްކުމަކީ ވެސް ހަމަ އާންމު އުސޫލުގެ ތެރެއިން އަބަދުވެސް ހިނގަމުން އަންނަ ކަމެއް ކަމަށް މީކާއިލް ވިދާޅުވި އެވެ.

ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުން ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ޖުމްލަ 19 މެމްބަރެކެވެ. އޭގެ ތެރޭގައި އެމްޑީޕީގެ 11 މެމްބަރަކާއި ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެމްބަރަކު ހިމެނެ އެވެ.

ބިލާ ދެކޮޅަށް އެމްޑީޕީގެ ބައެއް މެންބަރުން ވޯޓު ދެއްވީ އެ ބިލު އޮތް ގޮތަށް ފާސްކުރަން ޕީޖީ ގުރޫޕުން ތްރީލައިން ވިޕެއް ނެރެފައިވަނިކޮށެވެ.