Advertisement

މަޖިލީހުގެ ތަޅުމަށް ވަޑައިގެންނެވީ އެންމެ 10 މެންބަރުން، ޖަލްސާ ނުބޭއްވުނު

8 މޭ 2024 - 11:30 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މަޖިލީހުގެ ކުރީގެ ޖަލްސާއެއްގެ ތެރެއިން: މަޖިލީހުގެ ނިމުނު ދައުރުގެ ގިނަ ޖަލްސާތައް ވެސް ކޯރަމް ހަމަނުވާތީ ނުބާއްވާ - ފޮޓޯ: މަޖިލިސް އިދާރާ


މަޖިލީހުގެ ތަޅުމަށް ވަޑައިގެންނެވީ އެންމެ 10 މެންބަރުން، ޖަލްސާ ނުބޭއްވުނު

8 މޭ 2024 - 11:30 0

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެންނެވި މެމްބަރުންގެ އަދަދު މަދުކަމުން ޖަލްސާ ބާއްވަން ބޭނުންވާ ގާނޫނީ އަދަދު ހަމަނުވެގެން ކެންސަލް ކުރަން ޖެހިއްޖެ އެވެ.

މިހާރު އޮތް 19 ވަނަ މަޖިލީހަށް 87 މެމްބަރުން އިންތިހާބުކުރި ނަމަވެސް މިހާރު ތިއްބެވީ 80 މެމްބަރުންނެވެ. އެއީ ނައިބު ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވި ހުސައިން މުހައްމަދު ލަތީފާ އެކު ޖުމްލަ ހަތް މެމްބަރަކު ސަރުކާރުގެ ކެބިނެޓަށް ވަޑައިގެންނެވުމުންނެވެ.

މަޖިލީހުގައި ޖަލްސާއެއް ބޭއްވޭ ވަރަށް ކޯރަމް ހަމަވާ ގާނޫނީ އަދަދަކީ 22 މެމްބަރުންނެވެ.

މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވާކަން އިއުލާނު ކުރައްވަމުން އެންމެ ފުރަތަމަ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ތަޅުމުގައި ކޯރަމް ހަމަނުވި ނަމަވެސް ގިނަ މެންބަރުން މަޖިލީހަށް ހާޒިރުވި ކަމަށެވެ. އަދި، މަޖިލީހުގައި ކޯރަމް ހަމަވާ އަދަދަށް މެންބަރުން ތިބެ ތަޅުމުގައި މެންބަރުން ނެތުމުން 11:00 ހަމައަށް ބަލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެއަށްފަހު 11:00 ގެ ފަހުން އަލުން ޖަލްސާ ފެށުމަށް މަސައްކަތް ކުރެއްވި އިރުވެސް ތަޅުމުގައި އެންމެ 10 މެންބަރުން ތިއްބެވުމުން އަސްލަމް ވަނީ މިއަދުގެ ޖަލްސާ ނިންމަވާލައްވާފަ އެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މަޖިލީހުގައި ވަކި އަދަދަކަށް އަންހެން މެންބަރުން ހިމެނުމަށް ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރުމެވެ.

މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުންގެ ދައުރު ނިމޭނީ މެއި 15، ގަ އެވެ. މަޖިލީހުގެ އާ މެމްބަރުން ހުވާކުރުމުގެ ރަސްމިއްްޔާތު އޮންނާނީ މެއި 28، ގަ އެވެ.

ނިމިގެން ދިޔަ މަޖިލީހުގެ އިންތިހާބުގައި، މިހާރު މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީއަށް ވަނީ ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ. އެ އިންތިހާބުގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދީ ސަރުކާރު ހިންގާ ޕީއެންސީންނެވެ. ސަރުކާރުން ތާއީދު ދިން ބައެއް އަމިއްލަ ކެންޑިޑޭޓުންނާއި ޕީއެންސީގެ ކެންޑިޑޭޓުންނާއެކު ސަރުކާރުގެ ކެންޑިޑޭޓުންގެ އަދަދު 70 އަށް ވުރެ ގިނަ އެވެ.

އިދިކޮޅު އެމްޑީޕީއަށް މި ފަހަރު ކާމިޔާބުވީ 12 ގޮނޑި އެވެ. ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ތިއްބަވާނެ އެވެ.