8 ނޮވެންބަރު 2022 - 16:12 0
8 ނޮވެންބަރު 2022 - 16:12 0
ކޯޕަންހޭގަން (ނޮވެމްބަރު 8) - މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕަށް ޑެންމާކް އިން އިއުލާންކުރި ޕްރިލިމިނަރީ ސްކޮޑްގައި މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އަށް ފުރުސަތު ދީފި އެވެ.
މިދިޔަ އަހަރު ކުޅުނު ޔޫރޯގައި ގައުމީ ޓީމަށް ކުޅެނިކޮށް، ހިތުގެ މައްސަލައެއް ޖެހިގެން އެރިކްސަން ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރުގައި ހުއްޓެވެ. އެރިކްސަން، 30، އަލުން ކުޅެން ނުކުތީ އޭގެ އަށް މަސް ފަހުންނެވެ. އަދި ގައުމީ ޓީމަށް އަލުން ކުޅެން ފެށީ މި އަހަރުގެ މާޗު މަހުން ފެށިގެނެވެ.
ވޯލްޑް ކަޕްގައި ކުޅުމަކީ "މިހާރު ދެކެމުންދާ ހުވަފެނެއް" ކަމަށް އެރިކްސަން ވަނީ މި އަހަރުގެ ކުރީކޮޅު ބުނެފަ އެވެ.
އެރިކްސަން އަށް ހިތުގެ މައްސަލަ ދިމާވާތީ އޭނާ އޭރު ކުޅެމުން އައި އިންޓަ މިލާނުން ނިންމީ އިޓަލީގެ ފުޓްބޯޅައިގެ ސިއްހީ ގަވާއިދުގައިވާ ކަންކަމަށް ބަލައި، އެރިކްސަންގެ ކޮންޓްރެކްޓް އުވާލުމަށެވެ. އަލުން ފުޓްބޯޅަ އަށް އެނބުރި އަންނަން އެރިކްސަން އަށް ދޮރުހުޅުވާލައިދިނީ އިނގިރޭސި ޕްރިމިއާ ލީގުގެ ބްރެންޓްފޯޑުންނެވެ. އެ ޓީމުގައި އެރިކްސަން މޮޅު ކުޅުން ދައްކަން ފެށުމުން ގިނަ ޓީމުތަކެއްގެ އޮފާ ވެސް އޭނާ އަށް ލިބުނެވެ.
ގައުމީ ޓީމަށް އެނބުރި އައިސް އެރިކްސަން ވަނީ ޑެންމާކްގެ ކެޕްޓަން ބޭންޑް އަޅައިގެން ވެސް މެޗުތަކެއްގައި ކުޅެފަ އެވެ. މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެ، އެރިކްސަން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި އެ ޓީމުގެ ސަޕޯޓަރުންގެ ރުހުން ވެސް ހޯދައިފަ އެވެ.
ގަތަރު ވޯލްޑް ކަޕަށް، ޑެންމާކްގެ ކޯޗު ކެޝްޕާ ޖޮލްމަންޑް މި ވަގުތަށް އިއުލާންކުރީ 21 ކުޅުންތެރިންގެ ސްކޮޑެކެވެ. ޖުމްލަ 26 ކުޅުންތެރިން ސްކޮޑުގައި ޖެހޭއިރު، ބާކި ތިބި ކުޅުންތެރިން އިއުލާނު ކުރާނީ ޔޫރަޕްގެ ލީގުތައް މެދުކަނޑާލުމުގެ ކުރިން ކުޅޭ ފަހު މެޗުތައް ނިމުމުންނެވެ.
ވޯލްޑް ކަޕްގެ ޓީމުތަކުން ފީފާ އަށް ސްކޮޑް ހުށަހަޅެމުގެ މުއްދަތު 13 ނޮވެމްބަރުގައި ހަމަވާނެ އެވެ.
ޖޮލްމަންޑް ބުނީ ސްކޮޑުގައި ބާކީ އޮތް ފަސް ޖާގައަށް "11 ވަރަކަށް ކުޅުންތެރިން" ވާދަކުރާކަމަށެވެ.
"އަދިވެސް ވަރަށް ގިނަ ކަންތައްތައް ބަދަލުވެދާނެ. ގިނަ ކުޅުންތެރިންނަށް (ލީގުތަކުގައި) ބާކީ ދެ މެޗު އެބައޮތް. އެހެންވީމަ ވަރަށް ގިނަ ކަންތައްތައް ބަދަލުވެދާނެ،" ހުލްމަންޑް ބުންޏެވެ.
ޑެންމާކް ހިމެނޭ ގުރޫޕް ޑީގައި ދެން އޮތީ ޓިއުނީޝިއާ އާއި ފްރާންސް އަދި އޮސްޓްރޭލިއާއެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment