Advertisement

ނިއުޒީލޭންޑުގައި މުސްލިމުންނަށް ހަމަލާ ދިން މީހާ ހުކުމް އިސްތިއުނާފުކޮށްފި

8 ނޮވެންބަރު 2022 - 13:43 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ނިއުޒީލޭންޑްގެ ދެ މިސްކިތަކަށް ހަމަލާ ދިން މީހާ.


ނިއުޒީލޭންޑުގައި މުސްލިމުންނަށް ހަމަލާ ދިން މީހާ ހުކުމް އިސްތިއުނާފުކޮށްފި

8 ނޮވެންބަރު 2022 - 13:43 0

ނިއުޒީލޭންޑުގެ ދެ މިސްކިތަކަށް ހަމަލާދީ 51 މީހުން މަރާލިކަމުގެ ކުށް ސާބިތުވެފައިވާ މީހާ ހުކުމް އިސްތިއުނާފުކޮށްފި އެވެ.

އުމުރުން 32 އަހަރުގެ ބްރެންޓަން ޓެރެންޓް ކޯޓުގައި އެދުނީ އޭނާގެ މައްސަލަ އަދި ހުކުމް އަލުން މުރާޖައާ ކުރުމަށެވެ. ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ޓެރެންޓް އުމުރަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކުރީ 2020 ވަނަ އަހަރު އެވެ. ބޮޑު ވަޒީރު ޔަސިންޑާ އާޑޭން ވިދާޅުވީ މައްސަލަ އިސްތިއުނާފް ކުރުމުގެ ބޭނުމަކީ "އަލުން މީހުން ޝިކާރައަކަށް ހެދުން" ކަމަށެވެ.

"އޭނާގެ ނަމަކީ އެއްވެސް މީހަކު ދުލުކުރިން ކިޔައިގެން ވާނެ ނަމެއް ނޫން. އޭނާ އަލުން މީހުން ޝިކާރައަކަށް ހަދަން އެ ކުރާ މަސައްކަތުގައި ވެސް އަޅުގަނޑު އަމަލު ކުރާނީ އެގޮތަށް. އޭނާއަށް އެއްވެސް ފުރުސަތެއް ދީގެން ނުވާނެ،" ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އާޑޭން ވިދާޅުވި އެވެ.

އާޑޭންގެ ސަރުކާރުން ޓެރެންޓްގެ ނަން އާއްމުކޮށް ހާމަކުރަން ދެކޮޅު ހަދަ އެވެ. ސަރުކާރުން ބުނީ އޭނާގެ ނަން ހާމަކޮށް "ޕްލެޓްފޯމެއް ނުވަތަ ޝަހުސިއްޔަތެއް" ބިނާކުރަން ފުރުސަތު ނުދޭނެ ކަމަށެވެ.

އަލް ނޫރް މިސްކިތަށް ދިން ހަމަލާއިން ސަލާމަތްވި އިމާމް ގަމާލް ފައުދާ ވިދާޅުވީ ކުށަށް އިއުތިރާފުވީ ޓެރެންޓް އަމިއްލައަށް ކަމަށް ވާއިރު، އިސްތިއުނާފު ކުރުމުގެ ފުރުސަތު ދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ޓެރެންޓަކީ އޮސްޓްރޭލިއާގެ ރައްޔިތެކެވެ. އޭނާ ނިއުޒީލޭންޑުގެ ކްރައިސްޓްޗާޗަށް ބަދަލުވީ 2017 ގަ އެވެ. އެ ސިޓީގެ ދެ މިސްކިތަށް އޭނާ ބަޑިން ހަމަލާ ދިނީ 15 މާޗް 2019 ގަ އެވެ.

ޝަރީއަތުގައި އޭނާ ބުނީ ހަމަލާ ދިނީ ވީހާވެސް ގިނަ މުސްލިމުން މެރުމުގެ ނިޔަތުގައި ކަމަށެވެ. ހަމަލާ ދިން ވަގުތު އޭނާ ދިޔައީ ބޮލުގައި ހަރުކޮށްފައި ހުރި ކެމެރާއަކުން ފޭސްބުކް މެދުވެރިކޮށް ލައިވް ކުރަމުންނެވެ.

ނިއުޒީލޭންޑުގައި މަރު ހުކުމެއް ނޯވެ އެވެ. އެ ގައުމުގެ އެންމެ ހަރުކަށި އަަދަބަކީ ޕެރޯލްގެ ފުރުސަތަކާ ނުލައި އުމުރަށް ޖަލުގައި ބަންދު ކުރުމެވެ. ޓެރެންޓަކީ ނިއުޒީލޭންޑުގައި އެ ހުކުމް ކުރި ފުރަތަމަ މީހާ އެވެ.