15 ނޮވެންބަރު 2022 - 09:40 1
އަހުމަދު އާއިދު
ޖަމްބެ އޭނާގެ ގޭގެ ފާރު ޑިޒައިން ކުރަނީ : މިއީ ކުރިން އޭނާ މަސްތުވި މާހައުލު -- ފޮޓޯ: ގެމަނަފުށީ ފުލުހުން
15 ނޮވެންބަރު 2022 - 09:40 1
އެނދެއް، އަލަމާރިއެއް އެ ކޮޓަރިއަކު ނެތެވެ. ބާވެ، ދެ ފުށް ތަތްލަވާފައި ވާ ބާލީސްތަކެއް ތަޅުން މަތީގެ ދެ ދިމާއެއްގައި ހުރީ އުކާލައިފަ އެވެ. ތަރަފާލުގެ ބޮޑު ބައެއް ވީދި، ތަޅުންގަނޑު ހާމަވެފަ އެވެ. ބިން މަތީގައި ހުރީ މުޅިން ވެސް ކުންޏެވެ. މީހަކު ދިރިއުޅޭ ކޮޓަރިއަކާ މިތަން ވައްތަރެއް ނޫނެވެ.
އެކަމަކު، ސިގިރޭޓު ފޮއްޓާއި ޕްލާސްޓިކު ފުޅި އާއި ކޮތަޅާއި ކަރުދާހާއި މި ޒާތުގެ ވަރަށް ގިނަ ކުނިބުނީގެ ތެރެއިން ފާހަގަވީ ކޮނޑެއްގައި އަޅުވާފައި އިން ހުދު ކުލައިގެ ސްކޫލް ޔުނިފޯމެވެ. އެއީ އަންހެން ކުއްޖެއްގެ ޔުނިފޯމެކެވެ.
"އެއީ އަޅުގަނޑުގެ ދޮށީ ދަރިފުޅުގެ ސްކޫލް ޔުނީފޯމް. އެމީހުން ދިޔައީމަ ވެސް އޭތި ނަގަން ނުކެރުނީ ހަމަ،" މަސްތުވާތަކެތި ބޭނުން ކުރިއިރު އޭނާ ދިރިއުޅުނު ކޮޓަރި ފެންނަ ގޮތަށް ނަގާފައި އިން ފޮޓޯއިން ފެންނަ ޔުނީފޯމުގެ ވާހަކަ ކިޔައިދެމުން ހަސަން "ޖަމްބެ" ޖަމްޝީދު، 39، ބުންޏެވެ.
ގއ. ގެމަނަފުއްޓަށް އުފަން ޖަމްޝީދަށް އެކަމަކު އެއީ މާޒީގެ ވާހަކައެކެވެ. މިހާރު އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއް ނޫނެވެ. ކުރީގެ ދިރިއުޅުން އޭނާ ދޫކޮށްލައިފި އެވެ. އާ ސޮފުހާއެއް ހުޅުވައިލުމުގެ ހިތްވަރު ޖަމްޝީދަށް ލިބުނީ އަނބިމީހާ އާއި ތިން ދަރިން ވެސް ބީވި ފަހުންނެވެ. މިއީ މަސްތުގެ ދުނިޔެއަށް ޖަމްޝީދު ވަން ގޮތާއި އެކި މީހުންގެ އެހީތެރިކަމާ އެކު އެ ވަބާއިން އޭނާ ސަލާމަތްވި ގޮތުގެ ވާހަކަ އެވެ.
ޖަމްޝީދު މަސްތުވާތަކެތީގެ ދަލުގައި ޖެހުނީ މީގެ އަށެއްކަ އަހަރު ކުރިންނެވެ. ޖަމްޝީދު (ރަށްޓެހިން ކިޔާ ގޮތަށް ނަމަ ޖަމްބެ) ކިޔައިދިން ގޮތުން އޭނާ މަސްތުވާތަކެތީގެ ތެރެއަށް ގެބިގެން ދިޔައީ ޒާތީ މައްސަލަތަކެއް ދިމާވެ ހަޔާތުގައި ކުރިމަތިވަމުންދިޔަ ކަންކަމުން ދުރުވުމަށެވެ. އޭނާ ސިފަކޮށްދިން ގޮތުން ނަމަ "ސިކުނޑި ހަމަޖައްސާލަން" ބޭނުންވެގެންނެވެ.
"އެކަންކަން ވެގެން ދެން ޖަމްބެއަށް ހަމަ ދެވުނީ މަސްތުވާތަކެއްޗާ ދިމާލަށް، އަސްލު ވަރަށް ގިނަ އަހަރު މިކަމުގެ ތެރޭގައި އުޅެވިއްޖެ،" ރަށުގައި ހުރެގެން ފޯނުން " އަދަދު" އަށް ދިން އިންޓަވިއުއެއްގައި ޖަމްޝީދު ބުންޏެވެ.
މަސްތުވާތަކެތީގެ ތެރެއަށް ޖަމްޝީދު ވަންއިރު އޭނާ އަކީ ތިން ކުދިންގެ ބައްޕައެކެވެ. ގިނަ ދުވަސްވީ ކައިވެންޏެއްގައި ހުރި ހެޔޮ ފިރިއެކެވެ. ރަށުގެ ގިނަ ބަޔަކު ދަންނަ ގިނަ ބައެއްގެ އެކުވެރި ޒުވާނެކެވެ. ނަމަވެސް މަސްތުގެ ދުނިޔެއަށް ހެއްލި، ކުރިން ބުނި ފަހި ހަޔާތް މުޅިން ބަރުބާދުވި އެވެ. އޭނާގެ އޭރުގެ އަންހެނުންވެސް އޭނާ ދޫކޮށް ދިޔަ އެވެ. ކުދިންވެސް ގޮވައިގެންނެވެ.
"ކޮންމެ ގޮތެއްވިޔަސް އަންހެނުންވެސް ބޭނުމެއް ނުވާނެ ދޯ މަސްތުވާތަކެތި ބޭނުންކުރާ މީހަކާ އެކީ އުޅޭކަށް. ދަރިންނާ ވަކިވީމަ ވަރަށް ދެރަވި. ބުނަންވެސް ނޭނގޭ ކަހަލަ އިހުުސާސެއް އެއީ،" ޖަމްޝީދު ވާހަކަ ދެއްކިއިރު ، ހިތާމައިން އޭނާގެ އަޑު ތުރުތުރު އަޅަ އެވެ.
އަނބި ދަރިން އެކަންޏެއް ނޫނެވެ. ރަހުމަތްތެރިންނާއި އާއިލާއިން ވެސް އޭނާ ދޫކޮށްލި އެވެ. ޖަމްބެ މަސްތުން ސަލާމާތްވާނެ ކަމުގެ އުންމީދު ކަނޑައިލި ގިނަ ބަޔަކު ތިއްބެވެ. އޭނާ ބުނި ގޮތުގައި މަސްތުގެ ބަލީގައި ވެސް އޭނާއަށް ދިމާވި އެންމެ ބޮޑު ހިތާމައަކީ، އަދި އެންމެ އަސަރުކުރުވި ކަމަކީ އާއިލާ އަދި ރަހުމަތްތެރިން ގެއްލުމެވެ. އިހުއޮތް ގުޅުންތައް ކެނޑިގެން ދިއުމެވެ.
"އެންމެންހެން ޖަމްބެ ދޫކޮށްލީ. ވާހަކަ ދައްކާލާ މީހަކު ވެސް މަދު. އެއީ އެންމެ ބޮޑަށް ހިތްދަތިވި ކަމަކީ،" ޖަމްޝީދު އޭނާގެ ވާހަކަ ކިޔައިދެމުން ބުންޏެވެ.
ޖަމްބެގެ ކޮޓަރި ވީރަނަވެފައި : ފާރުގައި އެއިން ޔުނީފޯމަކީ އޭނާގެ ދަރިން ގެ ދޫކޮށް މަންމައާ އެކު ދިޔަ އިރު ދޫކޮށްފައި ދިޔަ ޔުނީފޯމެއް -- ފޮޓޯ: ގެމަނަފުށީ ފުލުހުން
ގޭގައި އުޅެން ދަތިވުމުން ޖަމްޝީދު ފަހުން ބަދަލުވީ އޭރު ގެމަނަފުށީގައި މަސްތުވާތަކެތި ވިއްކި ބޮޑެއްގެ ގާތަށެވެ. އެ ރަށުން ވާހަކަ ދެއްކި ފުލުސް އޮފިސަރު ބުނި ގޮތުގައި އޭނާ ވެގެންދިޔައީ އެ މީހާގެ އެއް އަތަށެވެ. އެކަން އެހެން ވީ ޖަމްޝީދަކީ އެ ރަށުގައި މަސައްކަތްތެރިކަމުން ބަލާނަމަ ގުނާލެވޭނެ އެކަކަށް ވާތީ އެވެ. އޭނާ ވެސް މިހާރު އެކަން ގަބޫލުކުރެ އެވެ.
ޖަމްޝީދު ބުނާ ގޮތުގައި މަސްތުވާތަކެތި ވިއްކާ މީހުން އޭނާގެ ބޭނުންކުރީ ބޭނުންވާ ކޮންމެ ކަމެއް ކުރަން ދަންނަ މީހަކަށްވާތީ ކަމަށެވެ. އޭރު އެއީ އޭނާއަށް ހުވަފެނީ ދިރިއުޅުމެކެވެ. މަސްތުގައި ގެނބެމުންދިޔަ މީހަކަށް މިނެއް ނެތް ވަރަށް މަސްތުވާތަކެތި ލިބޭނަމަ ބުނާ ކޮންމެ ކަމެއްވެސް ކޮށްދޭނެ އެވެ. ޖަމްޝީދަށް ވެސް ދިމާވީ އެގޮތެވެ.
"[މަސްތުވާތަކެތީގެ] ވިއްކާ ވިޔަފާރި ކުރާ މީހުން ކައިރި އަބަދު މަސައްކަތް ކޮށްގެން އޭރު އުޅުނީ. ޖަމްބެ އަކީ ވަރަށް ދަންނަ މީހެއް ވީމަ ދެން އެމީހުންނާ އެކީ ބޯލައިގެން އެހެން އޭރު އުޅުނީ" ޖަމްބެ ބުންޏެވެ.
ގެމަނަފުށިން ވާހަކަދެއްކި ފުލުސް އޮފިސަރު މައުލޫމާތު ދިން ގޮތުގައިވެސް އޭރު އެ ރަށުގައި މަސްތުވާތަކެތި ވިއްކުމުގެ ހުރިހާ ކަމެއްވެސް އިސްކޮށް ކުރީ ޖަމްބެ އެވެ.
"ޖަމްބެ އަކީ ފައިބަރު ކުރުމާ، ވަޑާންކުރުމާ އިންޖިނޭރިންގެ ބައެއް ކަންކަންވެސް ކުރާ މީހެއް، ދެން [މަސްތުވާތަކެތި ވިއްކި މީހާއަށް] އޭނަ ގެންގުޅެން ވަރަށް ފަސޭހަވާނެތާ،" ފުލުސް އޮފިސަރު ބުނި ގޮތުގައި ޖަމްޝީދުގެ މަސައްކަތްތަކުގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ތަންތަނުން ގެނެސް ވިއްކުން ވެސް ހިމެނެ އެވެ.
ޖަމްބެ މަސައްކަތުގައި : މަސްތުން ސަލާމަތްވެ އޭނާ ދަނީ އަމިއްލަ މަސައްކަތުން ރަނގަޅު އާމްދަނީއެއް ހޯދަމުން -- ފޮޓޯ: ގެމަނަފުށީ ފުލުހުން
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގެމަނަފުށީގެ މިބުނާ ޑްރަގުގެ ބޮޑު މީހާ ހައްޔަރުކުރީ މި އަހަރުގެ ކުރީ ކޮޅު އެވެ. އެއާއެކު ރަށަށް މަސްތުވާތަކެތި އެތެރެވުން ހުއްޓި ރަށުގައި ތިބި އެޑިކްޓުން ބަލިވާން ފެށި އެވެ. ކޮންމެ ދުވަހަކު ބޭނުންވަރަކަށް މަސްތުވަމުންދިޔަ ޖަމްބެއަށްވެސް ވީ މިހެންނެވެ. ހޮޑުލެވި ގައިގައި ވަރުނެތިގެން ފަރުވާވެސް ދިނެވެ. މަސްތުވާތަކެތީގެ ދަލުން ސަލާމަތްވުމަށް ޖަމްބެއަށް ވިސްނެން ފެށީ މިހިސާބުން ކަމަށް އޭނާ ބުންޏެވެ.
"އަސްލު އަނބުރާ އައުމަށް އެންމެ ބޮޑަށް އެއްބާރުލީ ކޮށްކޮ ޝަހުބާދު އަދި ގެމަނަފުށީ ފުލުހުން، ހާއްސަކޮށް ޝަހުބާދު ވަރަށް މަސައްކަތް ކުރި" ޖަމްބެ ބުންޏެވެ.
ޖަމްޝީދުގެ ޝުކުރު ބޮޑަށް އޮހުނީި ފުލުހުންނަށެވެ. އެ ރަށަކީ މަސްތުވާތަކެތިން ސަލާމަތްވެފައިވާ ރަށެއްގެ ގޮތުގައި ހެދުމަށް ދިވެހި ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެތިން ސަލާމަތްވުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް ބޭއްވި ޕްރޮގްރާމުގައި އޭނާ ބައިވެރިވި އެވެ.
"ދެން ހަމަ ހިތަށް އެރީ އަދިވެސް މިކަން ދޫކޮށްލާފަ ރަނގަޅު ދިރިއުޅުމެއް އުޅެވޭނެއޭ، ޖަމްބެ އެންމެ ހިތްހަމަ ޖެެހެނީ ފުލުހުންނާއި ޖަމްބެގެ އާއިލާ އަދި ރަށުގެ ރައްޔިތުން ވެސް މިކަމުގައި ވެދިން އެހީތެރިކަމާ ހެދި" އޭނާއަށް ލިބުނު އެހީތެރިކަމުގެ ވާހަކަ ކިޔައިދިނެވެ.
ފުލުހުންގެ އިސް ވަފުދެއް މި އަހަރުގެ ކުރީކޮޅު ގއ. ގެމަނަފުއްޓަށް ދިޔަ އެވެ. އެބޭފުޅުންގެ މަސައްކަތަކަށްވީ އެ ރަށަކީ މަސްތުވާތަކެތިން ބަރީއަވެފައިވާ ރަށަކަށް ހެއްދެވުމެވެ. އެގޮތުން މަސްތުވާތަކެތި ރަށަށް އެތެރެވާ ކޮޅުތަށް ބަންދުކޮށް މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްނުވެވި ތިބި ފަރާތްތަކަށް އެހީތެރިވެދިނުމަށް އެ ރަށުގައި ވަރުގަދަ އޮޕަރޭޝަނަށް ފެށި އެވެ. ރަށުގެ އިދާރާތަކާއި ރައްޔިތުންގެ އެއްބާރުލުމާ އެކުގަ އެވެ. ރަށަށް މަސްތުވާތަކެތި އެތެރެވާ ކޮޅު ބަންދުކޮށް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުންނަށް އެހީތެރިވާން ފެށީ މުޅި ރަށް އެކު އެކީގަ އެވެ.
ނަތީޖާއަކަށްވީ މަސްތުގެ ވަބާގައި ޖެހިފައިތިބި ރަށުގެ ޒުވާނުން އަލުން އަނބުރާ މުޖުތަމައުއަށް ނުކުތުމެވެ. ޖަމްޝީދު ފަދަ އެތަށް ޒުވާނުންނެއް މިހާރު މަސްތުން ސަލާމަތްވެގެން ގެމަނަފުށީގައި އުޅެމުން އެބަދެ އެވެ. ޖަމްބެ ބުނި ގޮތުން ނަމަ ރަށުގެ ހުރިހާ ރައްޔިތުން ވެސް އެކަމަށް އެއްބާރުލުންދިނެވެ. އާއިލާ އާއި އިހުގެ ރަހުމަތްތެރިން ވެސް ކެނޑިފައިހުރި ގުޅުންތަށް އިއާދަ ކުރި އެވެ.
"ޖަމްބެ ވަރަށް އުފާވެފަ މިހުންނަނީ މިހާރު. އެ އެންމެން ދިން ހިތްވަރަކީ ޖަމްބެ ވަރަށް ގަބޫލުކުރާ ކަމެއް. އާއިލާއިން އެންމެންވެސް މަންމަ އާއި ބައްޕަ ވެސް ވަރަށް ހިނިތުންވެފަ ތިބެނީ. ރަށު މީހުން ވެސް ހަމަ ފެންނަ އިރަށް މިހާރު ވާހަކަ ދައްކާ،" ޖަމްޝީދު އޭނާގެ އިހުސާސްތައް ހިއްސާ ކުރަމުން ބުންޏެވެ.
އޭރު ވީރާނާވެފައިހުރި ގޯތި ވެސް ޖަމްޝީދު މިހާރު އަންނަނީ ހަދަމުންނެވެ. އަމިއްލަ މަސައްކަތުން ލިބޭ ލާރިން ކުރެވުނު ވަރެއް ކުރަމުންނެވެ. އޭރާއި މިހާރުގެ ފޮޓޯއިން އެ ފެންނަ ތަފާތަކީ މަސްތުގެ ދުނިޔެ އާއި މަސްތުން ސަލާމަތްވުމުން ފެންނަމުންދާ ތަފާތުތަކެވެ.
"ހިތަށް އެރީދެން މަސްތުން ދުރުވެ އަމިއްލައަށް ގެވެސް ހަދާނީއޭ، ދެން [މަސްތުން ސަލާމަތްވެ] މިވީ ދުވަސްތަކުގައި ރަނގަޅު ލާރިކޮޅެއް ވެސް ހެދިއްޖެ، ދެން ހިތަށް އެރީ މިފަހަރު ގެވެސް ހަދާނީއޭ، އޭރުންތާ ދެން މީހަކާ އިނދެގެންވެސް ވަންނާނެ ތަނެއް ހުންނާނީ،" އޭނާ ބުންޏެވެ.
ޖަމްޝީދު ބުނި ގޮތުގައި އޭނާ މިހާރު ބޭނުންވަނީ އަލުން ރަނގަޅު ހަޔާތެއް ބިނާކުރާށެވެ. މަސްތުގެ ސަބަބުން ދުރަށްދިޔަ ދަރިންގެ ގާތަށް ވެސް އޭނާ ގޮސް ވަގުތު ހޭދަކުރެ އެވެ. އެކަމަކު އަދިވެސް އޭރު އެކުދިންނަށް ނުދެވުނު ވަގުތާ ލޯބީގެ މަތިން ހަނދާންވެ ހިތްދަތިވާކަމަށް އޭނާ ބުންޏެވެ.
މިހާރު ޖަމްޝީދު ހުރީ އެނބުރި އައިސްފަ އެވެ. މަސްތުގެ ވޭނީ ދުނިޔެއިން ނުކުމެ އަމިއްލަ ދިރިއުޅުން ކޮޅަށްޖެހުމަށް އަތުކުރި އޮޅާލައިގެންނެވެ. ފައިބަރު މަސައްކަތުގައި މިހާރު އުޅެމުންދާ ޖަމްޝީދަކީ ގެމަނަފުށީ ރައްޔިތުންގެ އިހުތިރާމާ ލޯބި ލިބިފައިވާ މީހެކެވެ. އާއިލާއާއި ދަރިންގެ ލޯބިވެސްމެ އެވެ.
ފޯނު ބާއްވަމުން ޖަމްޝީދު ބުނީ މަސްތުން ސަލާމަތްވާން ބޭނުންވާ މީހުންނަށް ވަރަށް އެހީ ބޭނުންވާނެ ކަމަށެވެ. އެއީ ފަސޭހަ ކަމަކަށްނުވާއިރު، ކައިރީގައި ތިބޭ މީހުން އުންމީދު ކަނޑާލައިފިނަމަ އެ ދަތުރު އިތުރަށް ދިގުވާ ކަމަށް ވެސް ބުންޏެވެ.
"އަބަދު އޭނަ ދެން ރަނގަޅެއް ނުވާނެއޭ މިކަމެއް ނުހުއްޓާނެއޭ ކިޔުން އެއީ ގޯހެއް. އަސްލު އެމީހުންނާ [މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިތިބި މީހުން] ވާހަކަދައްކަންޖެހޭނީ އޯގާތެރިކަމާއެކު." އިންޓަވިއު ނިންމައިލަމުން އޭނާ ބުންޏެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment