Advertisement

ޖިންސީ ކުށުގެ މައްސަލަތައް ޝަރީއަތުން ބަލާނެ ގޮތް ބަޔާންކޮށް ގަވާއިދެއް ނެރެފި

6 ނޮވެންބަރު 2022 - 11:52 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޖިންސީ ކުށްތަކާއި ރޭޕާ ދެކޮޅަށް ބޭއްވި ހަރަކާތެއް؛ ޖިންސީ ކުށްތަކުގެ މައްސަލަތައް ޝަރީއަތުން ބަލަންވީ ގޮތް ބަޔާންކޮށް ގަވާއިދެއް ނެރެފި -


ޖިންސީ ކުށުގެ މައްސަލަތައް ޝަރީއަތުން ބަލާނެ ގޮތް ބަޔާންކޮށް ގަވާއިދެއް ނެރެފި

6 ނޮވެންބަރު 2022 - 11:52 0

ޖިންސީ ކުށުގެ މައްސަލަތައް ޝަރީއަތުން ބަލަން ޖެހޭ ގޮތް ބަޔާންކޮށް "ޖިންސީ ކުށުގެ މައްސަލަތަކާ ގުޅޭ ޝަރީއަތް ކުރުމާ ބެހޭ ގަވާއިދު" ނަމުގައި ގަވާއިދެއް ނެރެފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އެކުލަވާލާފައިވާ އެ ގަވާއިދުގެ މައިގަނޑު މަގުސަދަކީ ޖިންސީ ކުށުގެ ގާނޫނުގައި، ޝަރީއަތް ކުރުމާ ގުޅޭ ގޮތުން ކުރަން ހުރި ކަންކަން ތަފްސީލުކޮށް އޭގެ އުސޫލެއް އެކުލަވާލުމެވެ.

ގަވާއިދުގައިވާ ގޮތުން، ގާނޫނުގެ ދަށުން ކޯޓުން މައްސަލަ ހުށަހަޅައި ރަޖިސްޓްރީވާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި އެ މައްސަލާގައި ކޯޓުން ހުކުމް ކުރަން ވާނެ އެވެ.

އަދި ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ކުރާ ހުކުމެއް އިސްތިއުނާފު ކުރުމަށް އެދި މައްސަލަ ހުށަހަޅައި، ރަޖިސްޓްރީވާ ތާރީހުން ފެށިގެން 90 ދުވަހުގެ ތެރޭގައި މައްސަލައާ މެދު ގޮތެއް ކަނޑައަޅަން ޖެހެ އެވެ.

ރައްކާތެރިކަމުގެ އަމުރަކަށް، ކުށުގެ ޝިކާރައަށްވީ މީހާގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ފަރާތުން އެދިއްޖެނަމަ، އެ ހުށަހަޅާތާ 48 ގަޑިއިރުގެ ތެރޭގައި އަމުރުކުރުމާ މެދު ގޮތެއް ނިންމަން ޖެހެ އެވެ.

ކުށުގެ ޝިކާރައަށްވި މީހާގެ ހެކިބަސް ނެގުމުގެ ހާއްސަ އުސޫލެއް

ކުށުގެ ޝިކާރައަށްވީ މީހާގެ ހެކިބަސް ޝަރީއަތަށް ނެގުމުގައި، އެ މީހެއްގެ ނަފުސާނީ އަދި ޖިސްމާނީ ހާލަތަށް އިސްކަންދިނުމަށް ވިސްނާފައި ބައެއް ކަންކަން ގަވާއިދުގައި ހިމަނާފައިވެ އެވެ.

ކުށުގެ ތުހުމަތު ކުރެވޭ މީހާއާއި، ކުށުގެ ޝިކާރައަށްވީ މީހާ އެއް ހާޒިރެއްގައި ތިބުމުގެ ބަދަލުގައި ކޯޓުގެ ދެ ތަނެއްގައި ތިބުމުގެ އިންތިޒާމު ކޯޓުން ހަމަޖައްސަން ވާނެ ކަމަށް ގަވާއިދުގައިވެ އެވެ.

އަދި އޭނައަށް ކުށުގެ ތުހުމަތު ކުރެވޭ މީހާ ނުފެންނަ ގޮތަށް ހެކިބަސް ނެގުމުގެ އިހްތިޔާރު ވެސް ކޯޓަށް ލިބިދެވޭ ގޮތަށް ގަވާއިދުގައިވެ އެވެ.

ހެކިބަސް ނަގާއިރު، ސުވާލު ކުރުމުގައި ވެސް ވަކި މިންގަނޑެއް އޮންނަން ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ބޭއިހުތިރާމު ކުރުމުގެ ރާގެއްގައި ސުވާލުކޮށްގެން ނުވާނެ ކަމާއި، އެއް ކަމަކާ ގުޅޭ ގޮތުން ތަކުރާރުކޮށް ސުވާލު ކޮށްގެން ނުވާނެ ކަމަށް ގަވާއިދުގައިވެ އެވެ.

ކުޑަކުދިންގެ ހެކިބަސް ނަގަން ވާނީ ޝަރީއަތުގެ ބޭރުން، އެ ކުއްޖާ އިތުބާރު ކުރެވޭ މީހެއްގެ ހާޒިރުގައި ވީޑިއޯ ނުވަތަ އޯޑިއޯ އިންޓަވިއުއެއް ކޮށްގެނެވެ. އަދި އެ ހެކިބަސް، މައްސަލައިގެ ހުރިހާ ހަސްމުންގެ ހާޒިރުގައި ކޯޓުގައި އިއްވަން ޖެހެ އެވެ.

ޖިންސީ ކުށުގެ ޝިކާރައަށްވާ މީހާގެ ތަފުސީލު ހާމަނުކުރުމަށް ވެސް ގަވާއިދުގައިވެ އެވެ.