Advertisement

މަސްވެރިންގެ ސަބްސިޑީއަކީ ހަމައެކަނި މިފްކޯގެ ހައްގެއް ނޫން!

6 ނޮވެންބަރު 2022 - 12:32 2

އިބްރާހިމް އާތިފް ޝަކޫރު

އިބްރާހިމް އާތިފް ޝަކޫރު

މާލޭގެ މަސްމާރުކޭޓާ ދިމާ ބަނދަރުގައި އަޅާފައިވާ ދޯނިތައް. -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


މަސްވެރިންގެ ސަބްސިޑީއަކީ ހަމައެކަނި މިފްކޯގެ ހައްގެއް ނޫން!

6 ނޮވެންބަރު 2022 - 12:32 2

ކުރިޔަށް އޮތް 2023ގެ ބަޖެޓުގައި، ސަބްސިޑީ ދެވޭ ގޮތް މުރާޖައާކޮށް ހަރުދަނާ ކުރާނޭ ކަމަށް ބަޖެޓު ކަރުދާހުގައި ލިޔެފައިވެ އެވެ. މާލީ ވަޒީރު ވިދާޅުވެފައިވާ ގޮތުން 2023 ގައި، ފިޔުލް ސަބްސިޑީ އާއި ޓްރާންސްޕޯޓް ސަބްސިޑީ ދެވޭ ގޮތުގެ ވަރަށް ބޮޑު ބަދަލެއް ފެންނާނެ އެވެ.

ސަބްސިޑީ ދިނުމުގެ ނިޒާމު ހަރުދަނާކޮށް، ހަރަދު ކުޑަކުރުމުގެ ވާހަކަ ވިދާޅުވުމަށް ފަހު، އިތުރު ދެ ސަބްސިޑީއެއް - ނަރުދަމާ ހިދުމަތުގެ ސަބްސިޑީއާއި މަސްވެރިންނަށް ދޭ ސަބްސިޑީ- 2023 ގެ ބަޖެޓަށް ވަނީ ހުށަހަޅައިފަ އެވެ. މަސްވެރިންނަށް ދެވޭ ސަބްސިޑީގެ ނަމުގައި ކުރިޔަށް އޮތް 2023 އަށް 250 މިލިއަން ރުފިޔާ ބަޖެޓްކޮށް، އެ ސަބްސިޑީ އަކީ، މާކެޓް ރޭޓަށް ވުރެ އަގުބޮޑުކޮށް މަސް ގަންނާތީ މިފްކޯ އަށް ލިބޭ ގެއްލުމުގެ ބަދަލުގައި، ދޭ ސަބްސިޑީއެއް ކަމުގައި ވެސް ވަނީ ބުނެފަ އެވެ.

ރާއްޖޭގެ މިއަދުގެ މަސްވެރިކަމުގައި މިފްކޯގެ ބައިވެރިވުން

މިފްކޯއަށް ނުކިރިގެން ދާ ދުވަހަކު ފިޔަވައި، އަމިއްލަ ފަރާތްތަކުން މަސް ގަންނަން ޖެހޭނީ އެންމެ ދަށްވެގެން މިފްކޯގެ އަގުގަ އެވެ. އެހެން ކަމުން މިފްކޯގެ އަގަކީ މަސްވެރިކަމުގެ މުޅި ސިނާއަތުގެ ފްލޯ ޕްރައިސް އެވެ. މި ހާލަތުގައި، މަސްވެރިންގެ ނަމުގައި ބަޖެޓުގައި ލިޔެފައިވާ 250 މިލިއަން ރުފިޔާގެ ސަބްސިޑީ އަކީ، ހަމައެކަނި މިފްކޯގެ ހައްގެއް ކަމުގައި ކަނޑައެޅުމުން، ތަފާތު ދެތިން މައްސަލައެއް ކުރިމަތިވެ އެވެ.

  1. މަސްވެރިން ބާނާ މަހުގެ ބޮޑު ޕަސެންޓެއް ގަންނަނީ އަމިއްލަ ފަރާތްތަކުންނެވެ. މިގޮތް ޔަގީން ކުރެވެނީ ރާއްޖޭން ބޭރަށް އެކްސްޕޯޓް ކުރާ މަހުގެ 60 ޕަސެންޓަށް ވުރެ ބޮޑު އަދަދެއް އަމިއްލަ ކުންފުނިތަކުން އެކްސްޕޯޓް ކުރާ ކަން ތަފާސްހިސާބުތަކުން ފެންނާން ހުރީމަ އެވެ. ރާއްޖޭގެ އެކްސްޕޯޓުގައި އަމިއްލަ ފަރާތްތަކުގެ ހިއްސާ ފާހަގަކޮށް، ތަކުރާރުކޮށް ދައުލަތުން އަމިއްލަ ކުންފުނިތަކަށް އިނާމު ދެއްވަމުން ގެންދަވާތީ އެވެ.
  2. ބޮޑު ކަންނެލީގެ ވިޔާފާރި އުފަންކުރުމުގައި އަމަލީ ގޮތުން މިފްކޯ ބައިވެރިވެފައި ވީ ނަމަވެސް، މިއަދުގެ މިފްކޯއަކުން ބޮޑު ކަންނެއްޔަކާ ނުރުހެ އެވެ. ރާއްޖެއަށް ބާނާ މަހުގެ ބޮޑު ފަސެންޓަކީ އަދިވެސް ކަޅުބިލަ މަސް ކަމުގައި ވިޔަސް، ތަފާސް ހިސާބު ދައްކާ ގޮތުން ބޮޑު ކަންނެލި ބާނާ އަދަދު، ޖުމުލަ މަސްވެރިކަމުގެ 40 ޕަސެންޓު ފަހަނައަޅައިފައިވެ އެވެ. ބާނާ މަހުގެ ބޮޑު ޕަސެންޓަކީ މިއަދުވެސް ކަޅުބިލަ މަސްކަމުގައި ވިޔަސް، ލިބޭ އާމްދަނީގެ ގޮތުން، ބޮޑު ކަންނެލީގެ މަސްވެރިކަމުގެ ނަފާ ރަނގަޅެވެ.
  3. މީގެ އިތުރުން ރާއްޖޭގެ މަސްވެރިކަމަކީ ހަމައަކަނި ޓިޔުނާގެ ބާވަތްތައް ކަމުގައި މިއަދު ސިއްކަ ޖަހާކަށް ނުވާނެ އެވެ. ދިރޭ މަހާއި ފިނިކޮށް އެކްސްޕޯޓް ކުރެވޭ ފަރުމަހުގެ ބާވަތްތަކާއި، ލޮނު އަޅައިގެން ވިއްކާ ހިބަރާއި، ހަންޖާއި، މާނިޔަ މަހުގެ ބާވަތްތައް ހިމެނެ އެވެ. ހީވާގި ދިވެހި މަސްވެރިން، ރޭގަނޑުގެ ދަންފަޅި ހިމެނޭ ގޮތުން، ތަފާތު އެތަކެއް އެހެން ބާވަތެއް، މި ދިވެހި ކަނޑުން ބާނާ، ޕްރޮސެސްކޮށް، ވިއްކާ، އާމްދަނީ ހޯދައި، ތިމާ އާއި އާއިލާ އަށް ދުޅަހެޔޮކަން ފޯރުކޮށްދެ އެވެ. އެބައި މީހުންނަކީ ވެސް ދިވެހި މަސްވެރިން ކަމުގައި ނޫނީ ނުވާނެ އެވެ.

ވާލްޑް ބޭންކުން މި އަހަރުގެ މާޗް މަހު ނެރެފައިވާ "މޯލްޑިވްސް ޕަބްލިކް އެކްސްޕެންޑިޗަ ރިވިޔު" ގެ ޗެޕްޓަރު ތިނެއްގެ ސުރުހީ އަކީ "ފިޒްކަލް ރިސްކަސް ފްރޮމް ސްޓޭޓް އޯންޑް އެންޓަޕްރައިޒަޒް" އެވެ. ބަޖެޓު ކަރުދާސް ހިމެނޭ ގޮތުން ސަރުކާރުގެ އަމިއްލަ ލިޔުން ތަކުގައި ވެސް ވަނީ ސަރުކާރު ކުންފުނިތަކުގެ މާލީ ބުރައިގެ ވާހަކަ ފާހަގަކޮށްފަ އެވެ. މި ވާހަކަ މަޖިލީހުގެ ތަޅުމުގައި ދައްކައި، ނޫސްތަކުގެ ސުރުހީތަކަށް ދަނީ އަރަމުންނެވެ. ސަރުކާރުގެ ކުންފުނިތަކަށް ބަޖެޓުން ދޫކުރާ ފައިސާގެ ބަރު މުޅި ދައުލަތަށް ފޯރައި، އެކަމުގެ ނުރައްކަލުގެ ރަނގަބީލުގެ ޒީލަ މިއަދު މިވަނީ ގަދަވެފަ އެވެ.

މި ދަނޑިވަޅުގައި، ސަރުކާރު ކުންފުނި، މިފްކޯ އިސްލާހު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކުން އެއްކިބާވެ ތިބެ، "ކަލަގޮވާ" އުސޫލުން މިފްކޯ ހިންގަން ސަރުކާރުން އަބަދުވެސް ކުރަމުން ގެންދާ ހަރަދު، "މަސްވެރިންނަށް ދެވޭ ސަބްސިޑީ"އެއްގެ ނަމުގައި ޕާރުސަލް ކޮށް ލޭބަލް ކުރުމަކީ ރަނގަޅު ވިސްނުމެއް ނޫނެވެ. އަދި މިކަމުގެ ސަބަބުން މަގުސަދު ހާސިލު ނުވުމުގެ އިތުރުން، "މަސްވެރިން"ގެ އިތުރު ބަޔަކާއި މަސްވެރިކަމުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކުގެ ނުރުހުން އިތުރަށް އަމާޒު ވެގެން ދިޔުމަކީ ދުރު ކަމެއް ނޫނެވެ.

މަސްވެރިންގެ ސަބްސިޑީއަކީ ހަމައެކަނި މިފްކޯގެ ހައްގަކަށް ހައްދަވާކަށް ނުވާނެ އެވެ.