Advertisement

ޖީއެސްޓީ ބޮޑުކޮށްގެން ތަކެތީގެ އަގު 2.5 ޕަސަންޓު އުފުލޭނެ

3 ނޮވެންބަރު 2022 - 12:09 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މާލޭގެ ލޯކަލް މާރުކޭޓުގައި ތަރުކާރީ ވިއްކާ ގޮޅިއެއް: އަންނަ އަހަރު އިންފްލޭޝަން ހުންނާނެ ކަމަށް ލަފާކުރަނީ 5.4 ޕަސަންޓުގައި. -އަދަދު ފައިލް ފޮޓޯ


ޖީއެސްޓީ ބޮޑުކޮށްގެން ތަކެތީގެ އަގު 2.5 ޕަސަންޓު އުފުލޭނެ

3 ނޮވެންބަރު 2022 - 12:09 0

އަންނަ އަހަރުން ފެށިގެން ޖެނެރަލް ގުޑްސް އެންޑް ސާވިސް ޓެކްސް (ޖީއެސްޓީ) ބޮޑު ކުރުމުން، މުދަލާއި ހިދުމަތުގެ އަގު 2.5 ޕަސަންޓުން އުފުލޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފި އެވެ.

މިހާރު ހަ ޕަސަންޓުގައި ނަގަމުންދާ ޖީއެސްޓީ، އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަށް ޕަސަންޓަށް ބޮޑު ކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

މިދިޔަ ޖުލައި މަހު އެ ނިންމުން ސަރުކާރުން އިއުލާނު ކުރިއިރު، ޓެކްސް ބޮޑު ކުރުމުގެ ސީދާ އަސަރު އިންފްލޭޝަނަށް ކުރާނީ ގިނަވެގެން އެއް ޕަސަންޓު ކަމަށް ސަރުކާރުން ބުންޏެވެ.

ނަމަވެސް، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި، ޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން 2.5 ޕަސަންޓުން އަގުތައް މަތިވާނެކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

އެއީ ހަމައެކަނި ޖީއެސްޓީގެ އަސަރު ކަމަށްވާއިރު، އަންނަ އަހަރު ރާއްޖޭގެ ޖުމްލަ އިންފްލޭޝަން ރޭޓު ހުންނާނެ ކަމަށް ލަފާކުރަނީ 5.4 ޕަސަންޓުގަ އެވެ.

"މިއީ ޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުންނާއި ފިއުލް ސަބްސިޑީ މުރާޖައާކުރުމާއެކު، އަގުތައް ޖުމުލަ ގޮތެއްގައި އިތުރުވާނެ މިންވަރެވެ،" ފިނޭންސުން ބުނެފައިވެ އެވެ.

ތަކެތީގެ އަގުތަކަށް އަންނާނެ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ކަމަށް ފިނޭންސުން ގަބޫލުކުރެ އެވެ.

ނަމަވެސް، ސިޔާސަތުތަކަށް ގެންނަ ބަދަލުތަކުގެ ސަބަބުން މިފަދަ ފަރާތްތަކުގެ މާލީ ހާލަތު އިތުރަށް ހީނަރުވިޔަ ނުދިނުމަށްޓަކައި، އަންނަ އަހަރުގެ ތެރޭގައި ޑައިރެކްޓް ސަބްސިޑީގެ ނިޒާމެއްގެ ތެރެއިން އެ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރާވާފައިވާ ކަމަށް ބުންޏެވެ.

ފިނޭންސުން އިތުރަށް ބުނާ ގޮތުގައި، ޖީއެސްޓީ ރޭޓު މަތިކުރުމުގެ ސަބަބުން މުދަލާއި ހިދުމަތުގެ އަގު އުފުލިގެންދިޔަ ނަމަވެސް، އާންމު ދިރިއުޅުމުގެ ފެންވަރަށް ކުރާ އަސަރު ކުޑަވާނެ އެވެ. ސަބަބަކީ، ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ގިނަ މުދަލަކީ ސުން-ރޭޓުގެ މުދާކަމަށްވެފައި، އަސާސީ ހިދުމަތްތަކަކީ އިސްތިސްނާ ހިދުމަތްތަކަށް ވާތީ ކަމަށް ފިނޭންސުން ބުނެފައިވެ އެވެ.

"އަދި މި މިނިސްޓްރީން ތައްޔާރުކޮށްފައިވާ ޓެކްސް އިންސިޑެންސް ރިޕޯޓުން ދައްކާ ގޮތުގައި ގޭބިސީއެއްގެ ޖުމުލަ ހަރަދުގެ 50 އިންސައްތަ ހަރަދުކުރަނީ މިފަދަ އަސާސީ މުދަލާއި ހިދުމަތަށެވެ."

މީގެ އިތުރުން، ޓެކްސް ރޭޓު މަތިކުރުމުގެ ސަބަބުން މުދަލާއި ހިދުމަތުގެ އަގަށް އަންނަ ބަދަލުވެގެންދާނީ އެއްފަހަރު އަންނާނެ އިތުރުވުމެއް ކަމަށް ފިނޭންސުން ބުނެ އެވެ.

ޖީއެސްޓީ ބޮޑުކޮށްގެން ދައުލަތަށް އިތުރު އާމްދަނީ

ޓެކްސް ބޮޑުކުރަން ނިންމާފައިވަނީ، ބަޖެޓު ފޫބައްދުމަށްޓަކައި ބޭރުން ހޯދާ ފައިސާއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކޮށް، ގައުމުގެ އެތެރެއިން އާމްދަނީ ހޯދޭނެ މަގު ފުޅާކުރުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ޖީއެސްޓީ ރޭޓަށް ގެންނަ ބަދަލާއެކު އަންނަ އަހަރު އާމްދަނީގެ ގޮތުގައި 4.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މިއީ މިއަހަރާ އަޅާބަލާއިރު، 973.3 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ބަޖެޓު 2023 ކުރުކޮށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރުގެ ފަހު އަހަރަށް ހުށަހަޅާފައިމިވަނީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓުގެ 40.557 ބިލިއަން ރުފިޔާ ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވޭއިރު އޭގެ ތެރެއިން އެންމެ ގިނަ ބޮޑު ބައެއް ހިއްސާކުރަނީ މުވައްޒަފުންގެ މުސާރަ ހަރަދެވެ. އެގޮތުން، ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރުމަށް ނިންމައި، އެކަމަށް 493.2 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

ސަބްސިޑީ ސިޔާސަތަށް ގެންނަ ބަދަލާ އެކު އާސަންދައަށް ކުރާ އިސްރާފާއި ދައުލަތުން ދޭ އެހެން ސަބްސިޑީތަކުން ސަލާމަތްކުރެވޭ ފައިސާއާ އެކު ހަރަދުތައް ކުޑަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެއާ އެކު، ރައީސްގެ ވައުދުތައް ފުއްދުމަށް ކުރިއަށްގެންދާ ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.427 ބިލިއަން ރުފިޔާ ދާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

ހިލޭ އެހީ ހިމެނޭހެން 2023 ގައި 32.098 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. ޓެކްސް ރޭޓުތައް ބޮޑުކުރުމާ އެކު އަންނަ ބަދަލުތަކުގެ ސަބަބުން 3.6 ބިލިއަނުގެ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވެ އެވެ. އެގޮތުން، ޓެކްސް އާމްދަނީގެ ގޮތުގައި އަންނަ އަހަރު 23.539 ބިލިއަން ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި، އެހެނިހެން އާމްދަނީގެ ގޮތުގައި 6.352 ބިލިއަން ލިބޭނެ ކަމަށް ބެލެވެ އެވެ.