Advertisement

އޮޅުވާލައިގެން ހޯދި އިންކަމް ސަޕޯޓުގެ 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދިވެސް ނުލިބޭ

2 ނޮވެންބަރު 2022 - 09:10 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މާލޭ މަސްމާރުކޭޓުގައި މީހަކު ފައިސާތަކެއް ގުނަނީ. -އަދަދު ފައިލް ފޮޓޯ


އޮޅުވާލައިގެން ހޯދި އިންކަމް ސަޕޯޓުގެ 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދިވެސް ނުލިބޭ

2 ނޮވެންބަރު 2022 - 09:10 0

ކޮވިޑާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނަށާއި އާމްދަނީއަށް އަސަރުކުރި މީހުންނަށް ސަރުކާރުން ދޫކުރި އިންކަމް ސަޕޯޓް އެލަވަންސް ޕްރޮގްރާމަށް ދޮގު މައުލޫމާތު ހުށަހަޅައިގެން ހޯދި ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާގެ ތެރެއިން، ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދިވެސް ނުހޯދޭ ކަމަށް އޮޑިޓު އޮފީހުން ބުނެފި އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން 2020 ވަނަ އަހަރުގެ ނިޔަލަށް އާންމުކުރި "ކޮވިޑް-19 އެމަޖެންސީ އިންކަމް ސަޕޯޓް އެލަވަންސް ޕްރޮޖެކްޓް" އޮޑިޓް ރިޕޯޓުގައި ވަނީ، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) މެދުވެރިކޮށް ދޫކުރި އިންކަމް ސަޕޯޓުގެ ތެރެއިން، ދޮގު މައުލޫމާތު ދީގެން އޮޅުވާލައިގެން 4،974،477ރ. ހޯދާފައިވާ ކަމަށް ބުނެފަ އެވެ.

އޭގެ ފަހުން، 2021 ވަނަ އަހަރުގެ އެ ޕްރޮޖެކްޓުގެ އޮޑިޓު ރިޕޯޓުގައި ބުނީ، އެންސްޕާއިން އިތުރަށް ބެލި ބެލުމުގައި، ދޮގު މައުލޫމާތު ދީގެން އިންކަމް ސަޕޯޓު ދޫކުރެވުނު ޖުމްލަ އަދަދު 5,246,010.85ރ. އަށް އަރާ ކަމަށެވެ.

އޭގެ ތެރޭގައި ޖުމްލަ 485 ފަރާތެއް ހިމެނޭ ކަމަށް ފުރަތަމަ ބެލެވުނު ނަމަވެސް، އިތުރަށް ބެލި ބެލުމުން، އޭގެ ތެރެއިން 14 ފަރާތެއްގެ އަތުން ފައިސާ އަނބުރާ ހޯދަންނުޖެހޭ ކަމަށް ފަހުން ފާހަގަވި ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެއާއެކު، އެ ޕްރޮޖެކްޓުގެ މަސްއޫލުވެރި އިދާރާ ކަމަށްވާ، އިކޮނޮމިކް މިނިސްޓްރީން އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ފަށައި، އޮޅުވާލައިގެން އެލަވަންސް ހޯދި މީހުންގެ ތެރެއިން 428 ފަރާތަކަށް ފައިސާ އަނބުރާ ދެއްކުމަށް މިހާރު އަންގާފައިވާ ކަމަށް ވެސް އޮޑިޓު އޮފީހުން ބުނެފައިވެ އެވެ.

ނަމަވެސް، މިއަހަރުގެ އޮޑިޓު ރިޕޯޓުގައި ބުނި ގޮތުގައި، މިދިޔަ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ހޯދަންޖެހޭ ފައިސާގެ ތެރެއިން، އަނބުރާ ހޯދިފައިވަނީ 788،331ރ. ނުވަތަ އެންމެ 15 ޕަސަންޓެވެ.

ބާކީ 85 ޕަސަންޓު ނޫނީ 4.47 މިލިއަން ރުފިޔާ އެ މުއްދަތާ ހަމައަށް އަނބުރާ ލިބެންޖެހޭ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާތައް ގެއްލުމާއި އާމްދަނީ ލިބުން ހުއްޓުމާ ގުޅިގެން ސަރުކާރުން މާލީ އެހީތެރިކަމެއް ފޯރުކޮށް ދިނުމަށް ފެށި އެ ޕްރޮގްރާމުގެ ދަށުން 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް، 421 މިލިއަން ރުފިޔާއަށް ދޫކޮށްފައިވެ އެވެ.

މިނިސްޓްރީން އަބަދުވެސް ބުނަމުން އަންނަނީ އެ ފައިސާ ހޯދަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ. އެގޮތުން އޮޅުވާލި ކަމަށް ފާހަގަކުރެވުނު މީހުންނަށް، އެ ފައިސާ އަނބުރާ ރައްދުކޮށްދޭން އަންގާ، އެއްބާރުލުން ނުލިބޭ މީހުންނަށް ދައުވާ ކުރާނެ ކަމަށެވެ.