1 ނޮވެންބަރު 2022 - 12:51 0
މުހައްމަދު ވިޝާމް
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓު ފޮތް މެމްބަރަކު ބައްލަވަނީ. -ފޮޓޯ: މަޖިލިސް
1 ނޮވެންބަރު 2022 - 12:51 0
ދައުލަތުގެ މާލިއްޔަތަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެ، މި އަހަރުގެ ހަރަދުތައް ފޫބައްދަން ސަރުކާރަށް މި ވަނީ ގިނަ ދަތިތަައް ކުރިމަތިވެފަ އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިން 36.9 ބިލިއަން ރުފިޔާގެ ބަޖެޓާ ސަރުކާރުން ކުރިމަތިލީ ޑެފިސިޓް ކުޑަކޮށް ދަރަނީގެ މިންވަރު ކުޑަކުރުމަށް އަމާޒުތަކެއް ކަނޑައަޅައިގެނެވެ. އެކަމަކު އަހަރު ފެށިއިރު 9.8 ބިލިއަން ރުފިޔާގައި ހުރި ބަޖެޓު ޑެފިސިޓަށް އިތުރު 5.8 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ސަރުކާރުން މިހާރު ވަނީ ލަފާކޮށްފަ އެވެ.
ކޮވިޑުން އަރައިގަނެވުނު ދަނޑިވަޅުގައި މިކަން މެދުވެރިވީ ރަޝިއާ-ޔޫކްރޭނު ހަނގުރާމައާ އެކު ދުނިޔޭގެ ބާޒާރުގައި ތެލާއި ކާބޯތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވުމުން ކަމަށް ސަރުކާރުން ބުނެ އެވެ.
އަދި ކޮވިޑުގެ ސަބަބުން ދިމާވި ދަތުރުފަތުރާ ލޮޖިސްޓިކްސްއަށް ހުރި ހުރަސްތައް ނެތުމާ އެކު، މަޝްރޫއުތައް ބާރަށް ހިނގައިގަނެ، އެ މަޝްރޫއުތަކުގެ ހަރަދު އިތުރު ވުމަކީ ބަޖެޓުން އުފަލަން ޖެހުނު އަނެއް ބުރަ އެވެ.
މި އަހަރުގެ ހަރަދަށް އިތުރުވާނެ ކަމަށް ލަފާކުރާ އަދަދުގެ ބޮޑު ބައެއް ހިއްސާކުރަނީ ތެލުގެ ސަބްސިޑީއަށް ކަމަށް އެކި ފަހަރު މަތިން ސަރުކާރުން ވަނީ ބުނެފަ އެވެ.
މިގޮތުން، ފިއުލް ސަބްސިޑީއަށް ބަޖެޓުކުރި 342 މިލިއަން ރުފިޔާ، މި އަހަރުގެ ނިޔަލަށް 2.3 ބިލިއަން ރުފިޔާއަށްވުރެ މަތިވާނެކަމަށް އަންދާޒާ ކުރެ އެވެ.
އެއާއެކު، ބަޖެޓަށް އިތުރުކުރަންޖެހޭނެ ކަމަށް ލަފާކުރާ ޖުމްލަ 5.8 ބިލިއަން ރުފިޔާއިން ތެލުގެ ސަބްސިޑީއަށް ކަނޑާފައި ދެން ހަރަދު ކުރަނީ ސީދާ ކޮން މަޝްރޫއުތަކަކަށް ނޫނީ ކޮން ހިދުމަތްތަކެއް ދިނުމަށްތޯ އެނގުން މުހިންމެވެ.
ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ފޮތުގައި ހިމަނާފައިވާ މައުލޫމާތުތަކަށް ބަލާއިރު، ތެލުގެ ސަބްސިޑީއަށް ކުރަންޖެހޭ ހޭދަ ނަގާފައި މި އަހަރު އެންމެ ބޮޑު ހަރަދެއް އިތުރަށް ކުރަންޖެހިފައިވަނީ ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމަށް ދޭ ފައިސާއަށެވެ.
އެސްއޯއީތަކުގެ ކެޕިޓަލް ކޮންޓްރިބުޝަނަށް 868.7 މިލިއަން ރުފިޔާ ބަޖެޓު ކުރި ނަމަވެސް، އަހަރު ނިމޭއިރު އެ ހަރަދު 1.18 ބިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މި އަަހަރު ބަޖެޓު ކުރި އަދަދަށް ވުރެ ނިސްބަތުން ބޮޑު ހަރަދެއް ކުރަންޖެހޭ މަޝްރޫއުތަކުގެ ތެރޭގައި ހުޅުމާލޭގައި ސިފައިންނަށް ހާއްސަކޮށްގެން ހިންގާ ސިފްކޯ ހައުސިން މަޝްރޫއު ހިމެނެ އެވެ. އެ މަޝްރޫއުއަށް 50 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު، އެކަމަށް 340.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާކުރެ އެވެ.
ޑޮކްޓަރީ ބޭސް ވިއްކާ އެންމެ މަތީ އަގު ނޫނީ މެކްސިމަމް ރީޓެއިލް ޕްރައިސް މިއަހަރު ތެރޭގައި ކަނޑަނޭޅި، އާސަންދައަށް ބަޖެޓު ކުރި ވަރަށް ވުރެ ހަރަދު ވަނީ އިތުރުވެފަ އެވެ. މިގޮތުން، އެކަމަށް ފާސްކުރި 730.9 މިލިއަން ރުފިޔާ، އަހަރު ނިމޭއިރު 906.7 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސުން ބުނެ އެވެ.
ފާސްކުރި ބަޖެޓަށް ވުރެ ހަރަދު އިތުރުވެފައިވާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރޭގައި މާލެ-ތިލަފުށި ބުރިޖު މަޝްރޫއު ހިމެނެ އެވެ. އެ މަޝްރޫއުއަށް މި އަހަރު ހަރަދަކުރަން 543.3 މިލިއަން ރުފިޔާ ބަޖެޓު ކުރި ނަމަވެސް، އެ ހަރަދު 924 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މި އަހަރުގެ ބަޖެޓު ފޫބެއްދުމަށް އިތުރުކުރާ 5.8 ބިލިއަން ރުފިޔާ ފައިނޭންސްކުރާނީ މަޝްރޫއުތަކަށް ލިބިފައިވާ ލޯނުތަކުންނާއި ޑޮމެސްޓިކް މާކެޓުން ފައިނޭންސިން ހޯދައިގެން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ މަޖިލީހުގައި ވިދާޅުވި އެވެ.
އަދި މިއަހަރުގެ ބަޖެޓަށް އިތުރުކުރަންޖެހޭ ބައި މަޖިލީހަށް ހުށަހަޅައިގެން ފާސްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
Comment