Advertisement

އުދައްޔު މަރާލިކަން ސާބިތުވި ކުޑަކުއްޖާގެ މައްޗަށް 25 އަހަރާއި ފަސް މަހުގެ ޖަލު ހުކުމެއް

31 އޮކްޓޯބަރު 2022 - 20:11 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މަރަލާފައިވާ އުދައްޔު: އިތުރު ބައެއްގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުން


އުދައްޔު މަރާލިކަން ސާބިތުވި ކުޑަކުއްޖާގެ މައްޗަށް 25 އަހަރާއި ފަސް މަހުގެ ޖަލު ހުކުމެއް

31 އޮކްޓޯބަރު 2022 - 20:11 0

ނިމިދިޔަ އަހަރުގެ ފެބްރުއަރީ މަހު ގއ. މާމެންދޫގައި ހިނގި މާރާމާރީއެއްގެ ތެރެއިން، އެ ރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔަށް ހަމަލާދީ މަރާލި މައްސަލާގައި 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ މައްޗަށް ޖުވެނައިލް ކޯޓުގައި ކުށް ސާބިތުވެފައިވާތީ އޭނާގެ އަދަބެއްގެ ގޮތުން 25 އަހަރާއި ފަސް މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.

މި މައްސަލައިގައި އެ ކުއްޖާގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއް ވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ. އޭނާއަކީ ކުޑަކުއްޖެއް ކަމުން މައްސަލަ ކުރިޔަށް ގެންދިޔައީ ޖުވެނައިލް ކޯޓުގަ އެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވެ 18 (އަށާރަ) އަހަރާއި ނުވަ މަހަަށް ކުޑަކުދިން ބަންދުކުރާ މަރުކަޒެއްގައި އެ ކުއްޖާ ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.

އަދި، މަރުގެ ދިޔައިގެ ގޮތުގައި އެއް އަހަރުގެ ތެރޭ އެއް މިލިއަން ދިވެހި ރުފިޔާ އުދައްޔުގެ ވާރިސުންނަށް ދިނުމަށާއި، ކައްފާރާގެ ގޮތުގައި ވިދިވިދިގެން ދެ މަސް ދުވަހު ރޯދަހިފުމަށް ވަނީ ހުކުމްކޮށްފަ އެވެ.

އޭގެ އިތުރުން، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވެ ހަ އަހަރާއި އަށް މަސްދުވަހަށް ކުޑަކުދިން ބަންދުކުރާ މަރުކަޒެއްގައި ބަންދުކުރުމަށް ވެސް ވަނީ ހުކުމްކޮށްފަ އެވެ.

‎މި މައްސަލައިގައި އަހުމަދު ޝަމީމްއާއި، ޝަރަފު ރަޝީދާއި، މުހައްމަދު މާޒިންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި އެބަ ކުރިއަށްދެ އެވެ. މި ތިން މީހުންގެ ބައި އޮތީ ހެކިބަސް ނެގުމުގެ މަރުހާލާގަ އެވެ.