Advertisement

ކުއްޔަށް އުޅޭ މީހުންނަށް ބިލުކުރެވޭ ގޮތަށް ގާނޫނު އިސްލާހުކޮށްފި

31 އޮކްޓޯބަރު 2022 - 19:19 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ކުއްޔަށް އުޅޭ މީހުންނަށް ބިލުކުރެވޭ ގޮތަށް ގާނޫނު އިސްލާހުކޮށްފި

31 އޮކްޓޯބަރު 2022 - 19:19 0

އެޕާޓުމަންޓުތަކާއި އިމާރާތްތައް ކުއްޔަށް ދޫކުރާ މީހުންނަށް ބިލުކުރުމުގެ ބަދަލުގައި ކުއްޔަށް ނަގާ ފަރާތްތަކަށް ބިލުކުރެވޭ ގޮތަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި އެވެ.

މިއީ މި އަހަރުގެ އޮކްޓޫބަރު 17 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 24 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. އާންމު ބޭނުންތަކުގެ ހިދުމަތްތަކުން ބިލުކުރުމާ ގުޅޭ ގަވާއިދު ހެދުމާ ގުޅޭ މާއްދާއެއް މި އިސްލާހާ އެކު އެ ގާނޫނުގެ 34 ވަނަ މާއްދާގެ ފަހަތަށް ވަނީ އިތުރުކޮށްފަ އެވެ.

މި މާއްދާގައި ވާގޮތުން ޢާންމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އެ ހިދުމަތްތަކާ ގުޅޭގޮތުން ބިލުކުރުމުގައި އަމަލުކުރަންވީ މައިގަނޑު އުސޫލުތައް ބަޔާންކުރާ ގަވާއިދެއް، ޢާންމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުގެ މަޝްވަރާއާއެކު، ޔުޓިލިޓީ އޮތޯރިޓީން އެކުލަވާލާން ޖެހެ އެވެ.

ބިލު ނުދެއްކުމުގެ ސަބަބުން ހިނގާ ޖޫރިމަނާ ކަނޑައެޅުމުގެ އުސޫލުތަކާއި، ބިލު ނުދެއްކުމުގެ ސަބަބުން ހިދުމަތް މެދުކަނޑާލަންޖެހޭ ހާލަތުތަކަކީ ކޮބައިކަން ކަނޑައެޅުމާއި، އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެ ހާލަތުތަކުގައި ކޮންމެހެން އަމަލުކުރަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުން ވެސް މި އިސްލާހުގައި ހިމެނެ އެވެ.

ކުރިން އޮންނަ ގޮތުން ނަމަ ފެނާއި ކަރަންޓު ބިލު ވެސް އަންނަނީ އިމާރާތުގެ ވެރިފަރާތަށެވެ. އެކަމުގެ ސަބަބުން، ކުއްޔަށް ނަގާ މީހުން އެތަނަކުން ނުކުމެގެންދާއިރު ބިލު ނުދައްކައި އޮވެއްޖެނަމަ އެ ބިލެއްގެ ޒިންމާ އިމާރާތުން ވެރިފަރާތުން ނަގަން ޖެހެ އެވެ.