Advertisement

މިލާން ބަލިވުމުގެ ފައިދާ ނެގީ އެޓަލަންޓާ އިން

31 އޮކްޓޯބަރު 2022 - 09:54 0

މިލާންގެ ޓޮނާލީ (ވ) އަތުން ބޯޅަ ހޯދަން ޓޮރިނޯގެ ވްލަސިޗް މަސައްކަތް ކުރަނީ.--- ފޮޓޯ: އޭއެފްޕީ


މިލާން ބަލިވުމުގެ ފައިދާ ނެގީ އެޓަލަންޓާ އިން

31 އޮކްޓޯބަރު 2022 - 09:54 0

މިލާން (އޮކްޓޫބަރު 31) - އިޓާލިއަން ލީގުގައި ރޭ ޓޮރީނޯ އަތުން 2-1 އިން އޭސީ މިލާން ބަލިކުރުމުގެ ފައިދާނަގައި، އެމްޕޮލީ އަތުން 2-0 އިން މޮޅުވެ، އެޓަލަންޓާ ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން މިލާން ބަލިވުމުގެ ހިތްހަމަޖެހުން އޮންނާނެ އަނެއް ޓީމަކީ ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ އެވެ. ނަޕޯލީ މި ވަގުތު އެއް ވަނައިގައި އޮތީ ފަސް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ނަޕޯލީ އަށް 12 މެޗުން ވަނީ 32 ޕޮއިންޓް ލިބިފަ އެވެ. އެޓަލަންޓާ ދެ ވަނައިގައި އޮތީ 12 މެޗުން 27 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަަނައިގައި އޮތް މިލާނަށް 12 މެޗުން ވަނީ 26 ޕޮއިންޓް ލިބިފަ އެވެ.

ޓޮރިނޯ ދަނޑުގައި ރޭ ކުޅުނު މެޗުގައި މިލާނަށް ލީޑުނަގައިދޭން ރަފައެލް ލެއާއޯ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނެވެ. ނަތީޖާ އަކަށްވީ ފުރަތަމަ ހާފުގެ ފަހުކޮޅުގައި ދެ މިނިޓް ތެރޭ ޓޮރިނޯ އިން ދެ ގޯލު ޖެހުމެވެ. ޓޮރިނޯގެ ފުރަތަމަ ގޯލު ޖެހީ، މެޗުގެ 35 ވަނަ މިނިޓްގައި، ހިލޭ ޖެހުމަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން ކޯފީ ޖިޑްޖީ ބޮލުންނެވެ. އޭގެ ދެ މިނިޓް ފަހުން، އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން އަލެކްސޭ މިރަންޗުކް ވަނީ ޓޮރިނޯގެ ލީޑުފުޅާކޮށްދީފަ އެވެ.

ބަދަލުތަކެއް ގެނެސްގެން މިލާނުން ނަތީޖާ ހަމަހަމަކުރަން ދެ ގޯލު ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް އެ ޓީމަށް ޖެހުނީ އެންމެ ގޯލެކެވެ. މި ލަނޑު ޖެހީ މެޗުގެ 67 ވަނަ މިނިޓްގައި ޓޮރިނޯ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި، ޖޫނިއާ މެސިއަސް އެވެ.

އެމްޕޮލީ ދަނޑުގައި ފުރަތަމަ ހާފުގައި އެޓަލަންޓާ އަށް ލީޑުނަގައިދިނީ ހަންސް ހަޓެބޯ ޖެހި ގޯލުންނެވެ. އެޓަލަންޓާ އަށް މެޗުގެ ތިން ޕޮއިންޓް ޔަގީންކޮށްދިން ގޯލު ޖެހީ މި ސީޒަނުގައި އެ ޓީމުގެ މުހިންމު .ލަނޑުތަކެއް ޖަހަމުން އަންނަ އަޑެމޯލާ ލުކްމަން އެވެ.

އިޓާލިއަން ލީގުގައި ރޭ ކުޅުނު އެެހެން މެޗުތަކަށް ބަލާއިރު، ލާޒިއޯ ދަނޑުގައި ސެލަނިޓާނާ ވަނީ 3-1 އިން މޮޅުވެފަ އެވެ. ފުލުގައި އޮތް ކްރެމޮނޭސޭއާ ދެކޮޅަށް އުދިނޭޒީ ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.