30 އޮކްޓޯބަރު 2022 - 15:21 0
30 އޮކްޓޯބަރު 2022 - 15:21 0
ލަންޑަން (އޮކްޓޫބަރު 30) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމައުތު ދަނޑުގައި ފަހަތުން އަރައި 3-2 އިން ޓޮޓެންހަމް ހޮޓްސްޕާސް މޮޅުވި މެޗުގެ އިތުރު ވަގުތުގައި އެ ޓީމުން ޖެހި ގޯލު ބަލައިނުގަންނަން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމިނަމަ ހާޓްއެޓޭކެއް ޖެހިދާނެ ކަމަށް ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
ބުދަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގައި ޓޮޓެންހަމްގެ ހެރީ ކޭން ފަހު ވަގުތު ގޯލު ޖަހައިގެން ސްޕޯޓިން ލިޒްބަން އަތުން 2-1 އިން މޮޅުވާން ދަނިކޮށް، އެ ގޯލު ބަލައިނުގަންނަން ނިންމީ ވީއޭއާރް އިން ބަލައިފަ އެވެ. އެ ނިންމުމާ މެދު ކޮންޓޭ ހިތްހަމަނުޖެހުން ފާޅުކުރިގޮތުން އޭނާ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.
ޕްރިމިއާ ލީގުގައި ރޭ ބޯންމައުތު ކޮޅަށް ޓޮޓެންހަމް މޮޅުވި ގޯލު، މެޗުގެ އިތުރު ވަގުތުގައި ރޮޑްރީގޯ ބެންޓަންކޫރު ޖެހުމާ އެކު، ކޮންޓޭ މާބޮޑަށް އުފާފާޅުކުރުމެއް ނެތި ދިޔައީ ޓަނަލްއާ ދިމާލަށެވެ. އެ ގޯލު ބަލައިގަންނަން ޔަގީންކުރުމުގެ ގޮތުން ވީއޭއާރް ބަލަން ނުވެސް ޖެހެ އެވެ. އެކަމަކު، ކޮންޓޭ ހުރި ދެ ވިސްނުމެއްގަ އެވެ. އެހެންވެ، ޓަނަލާ ދިމާލަށް ދިއުމަށް ފަހު ކޮންޓޭ ވަނީ އެނބުރި ބެންޗު ކައިރިއަށް އައިސްފަ އެވެ.
"އަހަރެން އެނބުރި އައީ އެއީ ޔަގީނުން ވެސް ގޯލެއް ކަން އެނގުނު ހިސާބުން. އަހަންނަށް ވިސްނުނީ އެ ގޯލު ބަލައިނުގަންނަން ނިންމައިފިއްޔާ އެ ވަގުތު އަހަންނަށް ހާޓް އެޓޭކެއް ޖެހިދާނެއޭ. އެއީ ޖެހިޖެހިގެން ދެ މެޗެއްގެ އެ ވަގުތު ގޯލު ޖަހައިގެން ބަލައިނުގަންނަން ނިންމައިފިއްޔާ، އެއީ ފަސޭހަ ކަމެއް ނޫން. އެހެންވެ، އަހަރެން ނިންމީ ހަމަޖެހިލައިގެން ރެފްރީގެ ނިންމުމަށް އިންތިޒާރުކޮށްގެން ހުންނަން،" ޓޮޓެންހަމްގެ މޮޅުވި ގޯލުގައި ކޮންޓޭ އެހާ ބޮޑަށް އުފާފާޅުނުކުރި ސަބަބެއް ނޫސްވެރިއަކު އެހުމުން ކޮންޓޭ ބުންޏެވެ.
ރޭގެ ތިން ޕޮއިންޓާ އެކު ޓޮޓެންހަމް ލީގުގެ ތިން ވަނައިގައި އޮތީ 13 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ އެއް ވަނައިގައި އޮތް ސިޓީ އަށް 12 މެޗުން ވަނީ 29 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް އާސެނަލަށް ވަނީ 11 މެޗުން 28 ޕޮއިންޓް ލިބިފަ އެވެ. މިރޭ ނޮޓިންހަމް ފޮރެސްޓް އަތުން މޮޅުވެގެން އާސެނަލަށް އަލުން އެއް ވަނަ އަށް އެރޭނެ އެވެ.
Comment