about 24 hours 0
about 24 hours 0
ލަންޑަން (އޮކްޓޫބަރު 31) - އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ޓީމުގެ ބުރުގައި މެންޗެސްޓާ ސިޓީ 2-1 އިން ބަލިކޮށް އެ ޓީމު ކަޓުވާލި ޓޮޓެންހަމް ހޮޓްސްޕާސް އިން ކުއާޓާ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ޔުނައިޓެޑް ވަނީ ރޭ ކުޅުނު މެޗުގައި ލެސްޓާ ސިޓީ އަތުން 5-2 އިން މޮޅުވެފަ އެވެ.
ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ސިޓީ ކޮޅަށް ރޭ ޓޮޓެންހަމް އިން ފުރަތަމަ ވެސް ދެ ގޯލުގެ ލީޑެއް ނެގި އެވެ. ޑޭޖާން ކުލުސެވްސްކީ ތަނަވަސްކޮށްދިން ދެ ފުރުސަތުގައި، ޓޮޓެންހަމްގެ ލަނޑުތައް ޖެހީ ޓިމޯ ވާނާ އާއި ޕަޕޭ ސާ އެވެ. ސިޓީގެ ހަމައެކަނި ލަނޑު ޖެހީ މަތެއުސް ނޫނޭޒް އެވެ.
އެރިކް ޓެން ހާގް ވަކިކުރި ފަހުން ޔުނައިޓެޑްގެ ކޯޗުކަމާ ވަގުތީ ގޮތުން ހަވާލުވި ރޫޑް ވެން ނިސްޓަލްރޫއި އެ ޓީމަށް އިރުޝާދުދިން މި މެޗުގައި ބޮޑު މޮޅެއް ހޯދިއިރު، ޔުނައިޓެޑުން ފަސް ގޯލު ޖެހި އެވެ. ޕްރިމިއާ ލީގުގެ ޓީމެއް ކޮޅަށް ޓެން ހާގްގެ ކޯޗުކަމުގައި ޔުނައިޓެޑުން ފަސް ލަނޑު ނުޖަހަ އެެވެ. މި މެޗުގައި ޔުނައިޓެޑްގެ ލަނޑުތައް ޖެހީ ބްރޫނޯ ފެނާންޑޭސް އާއި ކަސެމީރޯ، ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި އަލެހަންދްރޯ ގާނާޗޯ އެވެ. ލެސްޓާގެ ގޯލުތައް ޖެހީ އަލް ހަނޫސް އާއި ކޮނާ ކޯޑީ އެވެ.
ލީގު ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން، އަދި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ލިވަޕޫލުން ވަނީ 3-2 އިން ބްރައިޓަން ބަލިކޮށްފަ އެވެ. ލިވަޕޫލުން ލަނޑުތައް ޖެހީ ކޯޑީ ގަކްޕޯ ދެ ގޯލާއި ލުއިސް ޑިއާޒް އެވެ. އަދި ބްރައިޓަން އިން ލަނޑު ޖެހީ، އަޑިންގްރާ އާއި ތޯރިގު ލަމްޕްޓޭ އެވެ.
ކުއާޓާގައި ލިވަޕޫލާ ކުޅޭ ސައުތެމްޓަނުން ވަނީ ޕެނަލްޓީ ޖަހައިގެން ސްޓޯކް ސިޓީ ކަޓުވާލައިފަ އެވެ.
ނިއުކާސަލް ޔުނައިޓެޑުން ވަނީ 2-0 އިން ޗެލްސީ ބަލިކޮށްފަ އެވެ. އަލެކްސަންޑަ އިސާކް ނިއުކާސަލްގެ ލަނޑު ޖެހިއިރު، އެ ޓީމުގެ އަނެއް ގޯލަކީ ޗެލްސީގެ އެކްސެލް ޑިސާސީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ނިއުކާސަލް އިން ކުއާޓާގައި ކުޅޭނީ ބްރެންޓްފޯޑްއާ އެވެ.
އާސެނަލުން ރޭ 3-0 އިން ޕްރެސްޓަން ނޯތު އެންޑް ބަލިކުރިއިރު، ކުއާޓާގައި ވާދަކުރާނީ ކްރިސްޓަލް ޕެލަސްއާ އެވެ. ޕެލަސް އިން ރޭ ވަނީ އެސްޓަން ވިލާ ދަނޑުގައި 2-1 އިން މޮޅުވެފަ އެވެ. އާސެނަލްގެ ލަނޑުތައް ޖެހީ އީތަން ންވަނޭރީ، ކައި ހަވާޓްޒް އަދި ގަބްރިއެލް ޖީސޫސް އެވެ. މިއީ، މި އަހަރުގެ ޖެނުއަރީ ފަހުން ޖީސޫސްގެ ފުރަތަމަ ގޯލެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment