Advertisement

އަރުޝަދު ހައްޔަރުކޮށްގެން ހާޒިރުކުރަން ނެރުނު އަމުރު ގޯސް: ސުޕްރީމް ކޯޓު

30 އޮކްޓޯބަރު 2022 - 14:27 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ހާލިދު; އޭނާ ބަންދުކޮށްގެން ހާޒިރުކުރަން ހައި ކޯޓުން ނެރުނު އަމުރު ގޯސްކަމަށް ސުޕްރީމް ކޯޓުން ނިންމައިފި


އަރުޝަދު ހައްޔަރުކޮށްގެން ހާޒިރުކުރަން ނެރުނު އަމުރު ގޯސް: ސުޕްރީމް ކޯޓު

30 އޮކްޓޯބަރު 2022 - 14:27 0

ފުޅާ ދާއިރާގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑެއް ކަމަށް ފުލުހުން ތުހުމަތު ކުރާ ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ހާލިދު ލަންކާއިން ރާއްޖެ ގެނެސް ހައްޔަރުކޮށްގެން ހައި ކޯޓަށް ހާޒިރުކުރުމަށް އަންގައި އެ ކޯޓުން އަމުރެއް ނުރެނީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މި މަހުގެ 10 ވަނަ ދުވަހުގެ ރޭ އަރުޝަދު ރާއްޖެ އައުމުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. އެކަމަކު ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ނުގެން ގޮސް ފުލުހުން އޭނާ ދޫކޮށްލި އެވެ.

ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް އޮއްވައި، މި މަހުގެ 13 ވަނަ ދުވަހު އަރުޝަދު ހައި ކޯޓަށް ހާޒިރުވީ ވެސް އަމިއްލައަށެވެ. އަދި ހައި ކޯޓުން ވެސް ދެން ވަނީ އޭނާގެ ބަންދާ މެދު ގޮތެއް ނުނިންމޭނެ ކަމަށް ނިންމައިފަ އެވެ.

އަރުޝަދު ހައްޔަރުކޮށްގެން ހައި ކޯޓަށް ހާޒިރުކުރުމަށް ނެރެފައިވާ އަމުރު އޭނާގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި އިއްވި ހުކުމުގައި ވަނީ ކޯޓަށް ހާޒިރުވާން ނެރޭ ފުރަތަމަ އަމުރުގައި ވަގުތާއި ތާރީހު ބަޔާން ކޮށްފައި އޮންނަން ޖެހޭނެ ކަމަށެވެ.

މީހަކު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުވާން އެންގޭނީ، ފުރަތަމަ ހާޒިރުވާން ނެރޭ އަމުރުގައިވާ ތާރީހާއި ވަގުތަށް އެ މީހަކު ހާޒިރުނުވެ ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވެއްޖެ ހާލަތުގައި ކަމަށް ހުކުމުގައިވެ އެވެ.

އަދި މި މައްސަލާގައި އަރުޝަދު ހައްޔަރުކޮށްގެން ހާޒިރުކުރުމަށް މިދިޔަ ޖޫން މަހުގެ ހަތްވަނަ ދުވަހު ހައި ކޯޓުން ނެރުނު އަމުރުގެ ކުރިން އޭނާއަށް ހާޒިރުވާން އަންގައި ނެރެފައިވާ އަމުރެއް ނެތް ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ އެ އަމުރު ނެރެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކަމަށެވެ.

ސުޕްރީމް ކޯޓުން މި ގޮތަށް ހުކުމް ކުރީ، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު ހުސްނުއްސުއޫދެވެ.

އެންމެ ފަހުން ހައި ކޯޓުން ބޭއްވި އަޑުއެހުމުގައި އިސްތިއުނާފް މަރުހަލާ ނިމެންދެން އަރުޝަދު ބަންދުގައި ބަހައްޓަން އަމުރު ނުނެރި އޮތުމުން، ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައަށް ވެސް މިއަދު ހުކުމް އިއްވި އެވެ.

އެއް ބެންޗަކުން ބެލި އެ މައްސަލާގައި ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައި ވަނީ ބަންދުގައި ބަހައްޓައިގެން އެދުމާއި، އެ ކަމަށް ހައި ކޯޓުން ގޮތެއް ނިންމުމަށް އޮތް އެ ފުރުސަތު ދައުލަތަށް މުޅިން ގެއްލިފައިވާ ކަމަށް ނުބެލޭތީ ދައުލަތުން ހުށަހެޅި އިސްތިއުނާފް މައްސަލަ ބޭރުކޮށްލުމަށެވެ.

އަރުޝަދަށް ކުރާ ތުހުމަތުތައް؛

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފުލުހުން އަތުލި 119 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހުރީ އަރުޝަދު ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ. އޭނާ ރާއްޖޭން ފުރައިގެން ދިޔައީ އެ ޝިޕްމެންޓް ރާއްޖެ އެތެރެކުރި ޑިސެމްބަރު 12 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

އޭގެ ކުރިން ރާއްޖެ އެތެރެކުރި ނުވަ ކިލޯއެއްގެ ޑްރަގު މައްސަލައިގައި ކްރިމިނަލް ކޯޓުގައި އޭނާގެ މައްޗަށް ދައުވާކުރި ނަމަވެސް، އެ މައްސަލަ އޭނަގެ މައްޗަށް ސާބިތެއް ނުވެ އެވެ. އެއީ އަރުޝަދު އާ ގުޅުންހުރި ތަނަކުން މަސްތުވާތަކެތި ފެނިފައިނުވުމާއި، ފެނުނު މަސްތުވާތަކެއްޗާއި އޭނާއާ ގުޅުމެއް އޮތްކަން ސާބިތުވެފައި ނުވާތީ އެވެ. އެ މައްސަލަ ދައުލަތުން އޮތީ އިސްތިއުނާފުކޮށްފަ އެވެ.

އަރުޝަދުގެ ޕާސްޕޯޓު ހިފަހައްޓަން ހައިކޯޓުން އެންމެ ފަހުން އަމުރުކޮށްފައިވާއިރު، އެއްވެސް ބޭނުމެއްގައި މާލޭން ބޭރަށް ދާން ޖެހޭނީ ކޯޓުގެ ލިޔުމަކުން ހުއްދަ ލިބިގެން ކަމަށް ހައި ކޯޓުގެ ނިންމުމުގައި ބުނެފައިވެ އެވެ.