29 އޮކްޓޯބަރު 2022 - 06:49 0
29 އޮކްޓޯބަރު 2022 - 06:49 0
މެޑްރިޑް (އޮކްޓޫބަރު 29) - ސްޕެނިޝް ސުޕަ ކަޕް އަންނަ އަހަރު ވެސް އޮންނާނީ ސައުދީ އަރަބިއްޔާގައި ކަމަށް ސްޕެނިޝް ފުޓްބޯލް ފެޑަރޭޝަން (އާރްއެފްއީއެފް) އިން އިއުލާންކޮށްފި އެވެ.
އާރްއެފްއީއެފް އިން ބުނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ސްޕެނިޝް ސުޕަ ކަޕް އޮންނާނީ ސައުދީގެ ވެރިރަށް ރިޔާދުގައި ކަމަށެވެ. މިއީ ސައުދީގައި ސްޕެނިޝް ސުޕަ ކަޕް ކުޅޭ ތިން ވަނަ ފަހަރެވެ.
އާރްއީއެފްއެފް އިން ވަނީ ސައުދީގައި މި މުބާރާތް 2029 ވަނަ އަހަރާ ހަމައަށް ބޭއްވުމަށް އެއްބަސްވެފަ އެވެ. މި އެއްބަސްވުމުގެ ދަށުން ސައުދީގައި ބާއްވާ ކޮންމެ ސުޕަ ކަޕް މުބާރާތަކަށް އާރްއެފްއީއެފް އަށް 30.1 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.
ސްޕެނިޝް ސުޕަ ކަޕް 2019/2020 ވަނަ އަހަރުގެ ސީޒަންގައި ކުޅުނީ ސައުދީގެ ޖިއްދާގަ އެވެ. ކޮވިޑް-19ގެ ސަބަބުން ޖެހިގެން އައި ސީޒަންގައި ސުޕަ ކަޕް ސްޕެއިންގައި ކުޅުނު ނަމަވެސް، މިދިޔަ ސީޒަންގައި ވެސް އެ މުބާރާތް ކުޅުނީ ރިޔާދުގަ އެވެ.
އަންނަ އަހަރުގެ ސުޕަ ކަޕްގެ ސެމީ ފައިނަލްގައި ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނާނީ ސްޕެނިޝް ކަޕްގެ ރަނަރަޕް ވެލެންސިއާ އެވެ. ސެމީ ފައިނަލްގައި ސްޕެނިޝް ކަޕްގެ ޗެމްޕިއަން ރެއާލް ބެޓިސްއާ ދެކޮޅަށް ނުކުންނާނީ މިދިޔަ ސީޒަނުގައި ސްޕެނިޝް ލީގުގެ ދެ ވަނަ އަށް ދިޔަ ބާސެލޯނާ އެވެ.
ސެމީގެ ދެ މެޗާއި ފައިނަލް މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ރިޔާދުގެ ކިންގް ފަހުދު ސްޓޭޑިއަމްގަ އެވެ. މިއީ 60،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ.
Comment