28 އޮކްޓޯބަރު 2022 - 15:42 0
ނިއުކާސަލްގެ ކޯޗު ހޯވް (ކ) އާއި ޗެލްސީގެ ކޯޗު ޕޮޓާ
28 އޮކްޓޯބަރު 2022 - 15:42 0
ލަންޑަން (އޮކްޓޫބަރު 28) - އިނގިރޭސި ގައުމީ ޓީމުގެ ކޯޗުކަމުން ގަރެތު ސައުތުގޭޓް ވަކިވެއްޖެނަމަ އެ ވަޒީފާ އަށް އެންމެ އެކަށޭނެ ދެ ކޯޗުންނަކީ ނިއުކާސަލް ޔުނައިޓެޑްގެ ކޯޗު އެޑީ ހޯވް ނޫނީ ދާދި ފަހުން ޗެލްސީއާ ހަވާލުވި ގްރަހަމް ޕޮޓާ ކަމަށް އިންގްލެންޑަށް ކުރިން ކޯޗުކޮށްދިން ގްލެން ހޮޑްލް ބުނެފި އެވެ.
އަންނަ މަހު، ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ފީފާ ވޯލްޑް ކަޕާ ކުރިމަތިލާއިރު، އެންމެ ޕްރެޝަރު ބޮޑުވެފައިވާ ކޯޗުންގެ ލިސްޓުގެ ކުރީގައި އޮތް ނަމަކީ ސައުތުގޭޓް އެވެ.
ދާދި ފަހުން ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކުގައި ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުން އިންގްލެންޑް ވަނީ އެ ލީގުގެ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެފަ އެވެ. ނަތީޖާތަކަށް ބަލާއިރު، މިއީ އެންމެ ދަށް ރެކޯޑަކާ އެކު އިންގްލެންޑުން ވޯލްޑް ކަޕަކާ ކުރިމަތިލާނެ ފަހަރެވެ.
ސައުތުގޭޓް، 52، މި ވަގުތު އިންގްލެންޑާ ހަވާލުވެހުރީ 2024 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށެވެ. އެކަމަކު، ފަހަަކަށް އައިސް ސައުތުގޭޓްގެ ކޯޗުކަމުގައި އިންގްލެންޑްގެ ނަތީޖާތަށް ދަށްވެ، އެ ގައުމުގެ ފުޓްބޯޅައިގެ މިސްރާބު ގޯސްވެފައިވާއިރު، އޭނާ އަށް ކޮންޓްރެކްޓްގެ ނިޔަލަށް ދެމިހުރެވޭނެތޯ ވަނީ ސުވާލު އުފެދިފަ އެވެ.
އިންގްލެންޑަށް 1996 އިން 1999 އަށް ކޯޗުކޮށްދިން ހޮޑްލް ބުނީ މި ވަގުތަށް ބަލާއިރު، އިނގިރޭސި ކޯޗުންގެ ތެރެއިން އިިންގްލެންޑް ގައުމީ ޓީމު ލީޑުކުރެވޭނެ ފެންވަރުގެ ތިބީ ދެ ކޯޗުން ކަމަށެވެ. އެއީ ހޯވް އާއި ޕޮޓާ އެވެ.
"އަހަންނަށް ފެންނަ މަންޒަރުތަކަށް ބަލާއިރު މި ދެ ކޯޗުން (ހޯވް އާއި ޕޮޓާ) އަށް އިންގްލެންޑްގެ ކޯޗުކަން ކުރެވިދާނެ. އެ މީހުންގެ އެބަހުރި އެ ކޮލިޓީ. އެ މީހުންގެ ކޯޗިން ފިލޯސަފީ ވެސް ވަރަށް ތަފާތުވެފައި، ޕްރެޝަރުގައި މަސައްކަތް ކުރެވިދާނެ. އެއީ އިންގްލެންޑް ޓީމުގައި ކާމިޔާބު ހޯދަން ބޭނުންވާނެ ކަންކަން،" ހޮޑްލް ބުންޏެވެ.
މިދިޔަ މަހު ބްރައިޓަން ދޫކޮށް ޕޮޓާ، ޗެލްސީގެ ކޯޗުކަމާ ހަވާލުވީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެ ކޮންޓްރެކްޓްގެ ޖުމްލަ އަގު ބޯނަހާ އެކު 60 މިލިއަން ޑޮލަރަށް އަރަ އެވެ. ސައުދީ އަރަބިއްޔާގެ ސަރުކާރު ހިއްސާވާ އިންވެސްޓްމަންޓް ފަންޑްގެ ބައިވެރިވުމާ އެކު ނިއުކާސަލް ގަތުމަށް ފަހު، އެ ޓީމުގެ ކޯޗުކަން މިދިޔަ އަހަރު ހަވާލުކުރީ ހޯވްއާ އެެވެ. ހޯވްގެ އިރުޝާދުގެ ދަށުން ނިއުކާސަލް އިން ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. އަދި ނިއުކާސަލް އިން ބޭނުންވާ މިސްރާބަށް ދިއުމަށް ވެސް މިހާރު ވަނީ ފަށައިފަ އެވެ.
Comment