Advertisement

އަނތްބެއް ތަ؟ އަތްނބެއް ތަ؟

28 އޮކްޓޯބަރު 2022 - 08:06 4

ފަތުހުﷲ އަހުމަދު ރަޝީދު

ފަތުހުﷲ އަހުމަދު ރަޝީދު


އަނތްބެއް ތަ؟ އަތްނބެއް ތަ؟

28 އޮކްޓޯބަރު 2022 - 08:06 4

ތިޔަ ހީކުރީ ހަމަ ރަނގަޅަށެވެ. މިހައި އާދައިގެ ލަފުޒުތަކާ މެދު ވެސް މީހުން ބަހުސްކޮށްފާނެ އެވެ. ވިސްނުން ކަފިކަފިވެ އެއްގޯސްވާ ހިސާބަށް ހިނގައިދާނެ އެވެ. އާއެކެވެ. އެންމެ ފުރަތަމަ އެއްބަސްވާން ޖެހެނީ ކޮންމެ މީހަކީ ވެސް ވަކި ފަރުދެއްކަމެވެ. ވަކި މީހެއް ކަމެވެ. ކޮންމެ މީހެއްގެ ވާހަކަ ދެއްކުމުގައި ފަރަގުތަކެއް ހުންނާނެ ކަމެވެ. އެ ތަފާތުތަކަށް ބަހަވިއްޔާތުގައި ކިޔައި އުޅެނީ ފަރުދީ ބަސްމަގު ނުވަތަ "އިޑިއޮލެކްޓް" އެވެ. ފަރުދީ ބަސްމަގުގެ އަސާސަކީ ތިމާގެ ވެށިކަމަށް މަޝްހޫރު ބަސްވާރު ނޯމް ޗޮމްސްކީ ވިދާޅުވެ އެވެ. މީގެ ބަހާތަކަކީ، ވެށީގެ ރާގާއި ބަސްކިޔުމުގެ ފަރަގާއި އަޑު އަދާކުރާގޮތާއި ލަފުޒުތަކުގެ ދެމުންތަކާއި ހުއްޓުންތަކުގެ އިތުރުން، އަޑަށް ގެނެވޭ ބަނޑިބަނޑިތަކާއި އަޑު އަދާކުރުމުގައި ހުންނަ ޒާތީ ތަފާތުތަކެވެ. މި ތަފާތުތައް ފުޅާވެ ލަހުޖާތައް އުފަންވެގެންދެ އެވެ. އެ ލަހުޖާތައް މުއްސަނދިވެ ބަހުރުވަތަކަށް ފުރޮޅިގެންދެ އެވެ. މި ފަރަގުތަކުގެ ސަބަބުން އެކި މީހުންނާއި އެކި މުޖުތަމައުތަކުގައި އަކުރު އަދާކުރާ ގޮތާއި ލަފުޒު ކިޔުމުގައި ތަފާތު ހުންނާނެ އެވެ. ވީމާ، ވަކި ލަފުޒެއްގައި މި ފަރަގު ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

މިހާރު ހިތަށް އަރާނީ ސުރުހީއާ މި ދައްކާ ވާހަކަ އެއް ހަމަވޭ ހެއްޔެވެ؟ ޖަވާބަކީ އާއެކެވެ. ކެތްތެރިކަމާއެކު ކުރިއަށް ވަޑައިގަންނަވާށެވެ. ދިމާވެގެން މި އުޅެނީ ސުކުން ކުރުމާ ގުޅޭ މައްސަލައެއް ނުވަތަ ހުސްނޫން އޮންނަންވީ ތަނުގެ މައްސަލައެއް ހެއްޔެވެ؟ ދެ ކަމާ ގުޅޭ މައްސަލައެއް ނަމަ ސުކުނަކީ ކޮބައިތޯ ބަލައިލަމާ ހިންގަވާށެވެ.

ސުކުނަކީ ކޮބާ؟

ސުކުން މި ލަފުޒާ ތިމާގެ ގޮތެއް ހުރި ލަފުޒުތަކެއް އެހެން ބަސްބަހުގައި ވެސް އެބަހުއްޓެވެ. އަރަބިބަހުގައި ސުކުންއަޑެއް (ކޮންސަނަންޓް އަޑެއް)ގެ ފަހަތަށް ފިލި (ވަވަލް) އަޑެއް ނެތްކަން ހާމަކުރުމަށް ޖަހާ ނިޝާނެއްގެ ގޮތުގައި 'ސުކޫން' (سُكُون) /ـْ/ މި ރަމުޒު ބޭނުންކުރާކަމަށް، އޮހާއޯ ޔުނިވަރސިޓީން ފޮނެޓިކްސް އަދި ފޮނޮލޮޖީގެ ދާއިރާއިން 2021 ވަނަ އަހަރު ޕީއެޗްޑީ ހާސިލުކުރުމަށް މުއްލާ ޖޭ ހެއްދެވި ފިކުރާތު (ޑިޒަޓޭޝަން)ގައި ލިޔުއްވާފައިވެ އެވެ. އެއިން ރަމުޒުކޮށްދެނީ ސުމެއް ނުވަތަ އެއްޗެއް ނެތްކަމެވެ. އަރަބި ބަހުގެ އިތުރުން، ޖަޕާނު ބަހުގައި ވެސް މި ވަޒަނަށް ފެތޭ ލަފުޒެއް ބޭނުންކުރެ އެވެ. ޖަޕާނު ބަހުގައި ލަފުޒުގެ މެދުތެރެއަށް އަންނަ "ތަކުރާރު ސުކުން އަޑު" (ޖެމިނޭޓް ކޮންސަނަންޓް) ރަމުޒުކޮށްދިނުމަށް ކިޔާ ނަމަކީ 'ސްކުއޮން' (sokuon 促音) - މާނައީ، ކޮންސަނަންޓް - ކަމުގައި، 2013 ވަނަ އަހަރު ސިގޭތޯ ކަވަހާރާ، ސެމޭންޓިކް ސޮކޮލާސްގައި އާއްމުކޮށްފައިވާ ދިރާސާއެއްގައި ބަޔާންކޮށްފައިވެ އެވެ. ސިގޭތޯގެ ދިރާސާގައި ބަޔާންކޮށްފައި ވަނީ ލަފުޒުގެ ފެށުމަށް ސުކުނެއް ގެނައުމަށް އެ ބަހުގެ އަޑުތައް އެތުރިތަރުތީބުވުމުގެ (ފޮނޯޓެކްޓިކް) އުސޫލުން ޖާގަ ނުލިބޭ ކަމަށެވެ. މި ދެންނެވި ދެ ހަމައަކީ ދިވެހިބަހުގެ ތޮބިއީ އުސޫލެއް ކަމަށް ދިވެހިބަހާ ގުޅޭ ގޮތުން 2017 ވަނަ އަހަރު ފޮތެއް ޝާއިޢުކުރެއްވި ބަސްވާރެއް ކަމަށްވާ އަމާލިއާ ޏަނޭދޮސައިކަން ހާމަކުރައްވަ އެވެ. މިކަމުން ހާމަވަނީ ދިވެހި ބަހުގައި ސުކުން ކުރުމަށް ގެންގުޅޭ އުސޫލުތަކާއި އެހެނިހެން ބަސްބަހުގައި ގެންގުޅޭ އުސޫލުތަކުގައި އެއްގޮތް ހަމަތަކެއް ހުރިކަމެވެ. މިކަން ފުޅާ ދާއިރާއެއްގައި ދިރާސާކޮށްފި ނަމަ އިތުރު ބުރުހާނުތައް ފެންމަތިވާނެ ކަމަށް ލަފާކުރެވެއެވެ.

ތާ ސުކުނުގެ އަޑަކީ ކޮބާ؟

ދިވެހިބަހުގައި ސުކުންކުރުމަށް ބޭނުންކުރާ އަކުރުތަކަކީ "އާސީނުތަށި" މި އަކުރުތަކެވެ. މި އަކުރުތަކުގައި ސުކުނުގެ ރަމުޒު (އަކުރުގެ މަތީގައި ކުޑަބޮޅެއް) ޖެހުމުން އަކުރުގެ އަޑު އަދާކުރުމުގައި ދެ ގޮތެއް ފާހަގަކުރެވެ އެވެ. އެއީ، އަކުރުގެ އަޑު ފާޅުވުމާއި ވަންހަނާވުމެވެ. ސުކުންކުރުމުން އަކުރުގެ އަޑުފާޅުވަނީ "ސ" އަދި ބައެއް ހާލަތްތަކުގައި "ނ"ގަ އެވެ. މިސާލަކަށް: މަސް، ބިސްކޯދު، ކުންނާރު، އަންނާރު ފަދަ ލަފުޒުތަކެވެ. ސުކުންކުރުމުން އަކުރުގެ އަޑު ގެއްލި އެހެން އަޑެއް ނުކުންނަ އަކުރުތަކުގެ ތެރޭގައި ތާސުކުން ހިމެނެ އެވެ. ދިވެހިބަހާ ގުޅޭގޮތުން މިހާތަނަށް އިލްމީ ގޮތެއްގައި ދިރާސާ ހައްދަވާ އާއްމުކުރައްވާފައިވާ ސޮންޔާ ފްރިޒް، ބުރޫސް ޑުވައިން ކެއިން އަދި އަމާލިއާ ޏަނޭދޮސައިކަން ވެސް ވިދާޅުވެފައި ވަނީ ދިވެހި ބަހުގައި ހިމެނޭ ތާ ސުކުނުގެ އަޑަކީ ބައިފިލި (ބައިލީނު) އަޑެއް ކަމަށެވެ. ދިވެހިބަހުގައި ތާ ސުކުން ކިޔާނީ އަރަބިބަހުގައި ތާ ސުކުން ކިޔާ ގޮތަށް ނޫން ކަމަށް ދިވެހި ބަހުގެ އުސްތާޒު އަލްމަރުހޫމު ހުސައިން ޞަލާހުއްދީގެ އައްތުހުފަތުލް އަދަބިއްޔާތު ފޮތުގައި ބަޔާންކޮށްފައިވެ އެވެ.

ދިވެހިބަހުގައި ތާ ސުކުން ކިޔާނީ އިބިފިލި ޖެހިގެންވާ އަލިފެއްގެ ފަހަތަށް ސުކުންވާ އަލިފެއް އައުމުން ކިޔާގޮތަށް، މިސާލަކަށް މަތް، ބަތް، ތަތް," ހުސައިން ސަލާހުއްދީން ލިޔުއްވާފައިވެ އެވެ.

މި ތައުރީފާ ދާދި އެއްގޮތް ތައުރީފެއް ދިވެހިބަސް ދަރިވަރުންގެ އެހީތެރިޔާ ފޮތުގައި މުހައްމަދު އަމީނު ވެސް ލިޔުއްވާފައި ވެއެވެ.

"މި ސުކުން (ތާ ސުކުން) ކިޔޭނީ އަރަބި ކިޔުމުގައި ތަޝްދީދަށް ކިޔޭ ގޮތަށެވެ. ނުވަތަ ތާނަލިޔުމުގައި ޔ ގެ ކުރިއަށް ސުކުނެއް ގެނެސް ގެން އެކުލަވައި ކިޔޭ ގޮތަށް," މުހައްމަދު އަމީނު ލިޔުއްވާފައިވެ އެވެ.

މި ބުރުހާނުތަކަށް ބަލާއިރު، އެނގިގެން ދަނީ ދިވެހި ބަހުގައި ތާ ސުކުން އަދާކުރާނީ ފިލިއަޑެއްގެ ބައިކުޅަބަޔަށްވާ ގޮތަށް ލުއި ޔާ އެއްގެ އަޑާ ވައްތަރުވާ ގޮތަށް ލުއިކޮށް ކަމެވެ. އެހެންކަމުން، އިންޓަނޭޝަނަލް ފޮނެޓިކް އަލިފުބާ ނުވަތަ އައިޕީއޭއިން ދިވެހި އަޑުތައް ލިޔާއިރު، ތާގެ ސުކުނަށް ބޭނުންކުރާނީ ޔާއަށް ބޭނުންކުރާ /j/ އަމާލިއާ ޏަނޭދޮސައިކަން ވިދާޅުވެ އެވެ. މިއީ އިތުރަށް ބަހުސްކުރެވިދާނެ ދާއިރާއެއްކަމަށް ދެކެމެވެ. ނަމަވެސް ސުރުހީގެ ފުންމިނަށް ބަލައި އެ ބަހުސް އެހެން ފަހަރަކަށް ބާއްވަމާ ހިންގަވާށެވެ.

ހުސްނޫނަކީ ކޮބާ؟

އާއްމުކޮށް ވާހަކަ ދެއްކުމަށް ބޭނުންކުރާ އަޑު އުފެއްދުމުގެ ހަކަތަ އުފައްދަނީ އިންސާނާގެ ހަށިގަނޑަށް އެތެރެވާ ވައިގެ ޒަރިއްޔާއިންނެވެ. މިގޮތުން، ފުއްޕާމެއިން ބޭރަށް ދަތުރުކުރާ ވައި، ވައިނޮޅިން ދަތުރުކޮށް ބޭރަށް ނުކުތުމުގެ މަރުހަލާގައި ނޯށުން ވައި ބޭރު ނުވާ ގޮތަށް މަޑުތަލީގެ އެހީގައި ބަންދުކޮށްލަ އެވެ. މިގޮތަށް ވައި ބަންދުކޮށްލުމުން ވައިތައް ނުކުންނާނީ ހަމަ އެކަނި އަނގައިގެ ތެރެއިންނެވެ. އެ ހާލަތުގައި އުފައްދާ އަޑަކީ އަނގައިގެ (އޯރަލް) އަޑުތައް ކަމަށް އަޑުވާރުން (ފޮނެޓީޝިއަނުން) ވިދާޅުވެ އެވެ. އަނެއް ހާލަތަކީ މަޑުތަލި ކަރުގެ ފަހަތު ބަޔާ ދުރުކޮށްލުމުން ނުވަތަ ހަނި ޖާގައެއް ލިބުމުން ވައި ނުކުންނަ އިރު އަނގައިގެ އިތުރުން ނޭފަތުން ވައި ބޭރުވުމެވެ. މި ހާލަތުގައި އުފައްދާ އަޑުތަކަކީ ނޯށު އަޑުތަކެވެ. ދިވެހިބަހަށް ބަލާއިރު، ދިވެހިބަހުގައި ބޭނުންކުރާ ނޫނުގެ އާއިލާގެ އަޑުތައް އުފައްދާއިރު މިހާލަތު މެދުވެރިވާ ކަމަށް ބުރޫސް ޑުވައިން ކެއިން އަދި އަމާލިއާ ޏަނޭދޮސައިކަން ވިދާޅުވެ އެވެ.

"ހުސްނޫނަކީ، ކިޔާއިރު ނޯށަށް އަރުވައި ކިޔަންޖެހޭ ބަސްބަސް (ލަފުޒުތައް) ވަކިކޮށްދޭން ލިޔެއުޅޭ އަކުރެކެވެ. މި އަކުރު ބޭނުންނުކޮށް ލިޔެ ހެދުމުން ކިޔާންވީ ގޮތް އޮޅޭ އެތައް ބަހެއް (ލަފުޒެއް) އެބަހުއްޓެވެ... އާއްމު ގޮތެއްގައި ހުސްނޫނު އަންނާނީ 'ބޯދާގަޑި' މި އަކުރުތަކުގެ ކުރިޔަށް," ބަހުގެ ހަމައިގެ އަތްމަތީ ފޮތުގައި ދިވެހިބަހުގެ އުސްތާޒު އަބުދުﷲ ސޯދިގު ލިޔުއްވާފައިވެ އެވެ.

"މިއީ ދިވެހިބަހުގައި ކުރިން (އިހުގައި) ބޭނުންކުރި އަކުރެއް ނޫން، ބަދި، ބަނދި ފަދަ ލަފުޒުތައް އޮޅުންއަރާން ފެށުމުން ބޭނުންކުރާން ފެށި އަކުރެއް. ހުސްނޫނު އޮވެއްޖެ ނަމަ ކުރިއަށް އޮތް އަކުރު ކިޔޭނީ ނޯށަށް އަރުވައިގެން،" ކަމަށް ދިވެހިބަހުގެ ގަވާއިދު ފޮތް ފިޔަވަޅުގައި މުހައްމަދު ޖަމީލު ވެސް ލިޔުއްވާފައިވެ އެވެ.

ވީމާ، ދިވެހިބަހުގައި ހިމެނޭ ހުސްނޫނަކީ އަޑެއް އަދާކުރާއިރު ނޯށުން ވެސް ވައި ބޭރުވާތީ އެ ކަން ރަމުޒުކޮށްދިނުމަށް ބޭނުންކުރާ އަކުރެކެވެ. ނޫނުގައި ފިއްޔެއް ނުޖަހަނީ ހަމައެކަނި އަކުރު އަދާކުރާއިރު ނޯށުން ވައި ބޭރުވާތީ އެކަން ރަމުޒު ކުރުމަށެވެ. ފަހަރެއްގައި ވެސް އެއީ ނޫނުގެ އަޑު ރަމްޒުކޮށްދޭ އަކުރެއް ނޫނެވެ. ނުވަތަ ނިޝާނެއް ނޫނެވެ. ދިވެހިބަހުގައި ލަފުޒުގެ މެދުތެރެއަށް ހުސްނޫނު އަންނަނީ މައިގަނޑު ހަތަރު އަކުރެއްގެ ކުރިޔަށެވެ. އެއީ، "ބޯދާގަޑި" މި އަކުރުތަކެވެ.

ހުސްނޫނުގެ އަޑުތަކަކީ ކޮބާ؟

އަމާލިއާ ޏަނޭދޮސައިކަން ވިދާޅުވާ ގޮތުގައި ދިވެހި ބަހުގައި ހިމެނޭ އަޑުތައް ކިޔާއިރު ނޯށަށް އަރާ ގޮތަށް ކިޔާ އަޑުތައް ފާޅުކުރުމަށް އެ އަޑުތަކާއެކު ސުކުނެއް ވެސް އަދި ފިއްޔެއް ވެސް ނުޖަހާ ހަމައެކަނި ނޫނެއް ލިޔެގެން (ހުސްނޫނުގެ ގޮތުގައި) ބޭނުންކުރަނީ އެވެ. ބޭނުމަކީ އެ އަޑުތައް ފާޅުކުރާއިރު އަޑުގެ ކުރީގައި ނޯށުގެ ދައުރެއް ވާކަން (ޕްރީ ނޭޒަލައިޒްވާކަން) އަންގައިދިނު މަށެވެ. މިގޮތުން، ނޯށުގެ ކުރީގެ ހަތަރު އަޑު ކަމަށް އަމާލިއާ ޏަނޭދޮސައިކަން އަދި ބުރޫސް ޑުވައިންގެ އިތުރުން ސޮންޔާ ފްރިޓްޒް ބަޔާންކޮށްފައިވާ އަކުރުތަކަކީ:

  • ހުސްނޫނުގެ ފަހަތަށް އަންނަ /ބ/ "ނބް"
  • ހުސްނޫނުގެ ފަހަތަށް އަންނަ /ގ/ "ނގް"
  • ހުސްނޫނުގެ ފަހަތަށް އަންނަ /ދ/ "ނދް"
  • ހުސްނޫނުގެ ފަހަތަށް އަންނަ /ޑ/ "ނޑް" އެވެ.

މި ހަތަރު ހާލަތަށް ބަލާއިރު، ހުސްނޫނުގެ އަޑުގައި އެންމެ ތަފާތު އަޑު ހިމެނެނީ ހުސްނޫނުގެ ފަހަތަށް ބާއެއް އައުމުން އަޑު އަންނަ ގޮތެވެ. މި އަޑު އަދާކުރާއިރު ނޯށަށް އަރައި ކިޔާއިރު ނޫނެއްގެ އަޑަށްވުރެ ބޮޑަށް ފާޅުވާ ގޮތްވަނީ މީމެއްގެ އަޑެވެ. އެގޮތަށް ދިމާވަނީ ދިވެހިބަހުގައި /ބ/ގެ އަޑަކީ ދެ ތުންފަތުން އަދާކުރާ އަޑަކަށްވާތީ އެވެ. ހުސްނޫނު ހިމެނޭ ބައެއް ލަފުޒުގައި މީމުގައި ސުކުން ކޮށްގެން ކިޔުމުން ވެސް އެ ލަފުޒުގެ އަޑުގައި އެއްގޮތް ކަމެއްވާކަން ފާހަގަވާނެ އެވެ. މިސާލަކަށް؛

ތަނބު – ތަމްބު

ކުނބު – ކުމްބު

އުނބު – އުމްބު

ނަމަވެސް /ބ/ގެ އިބިފިއްޔަށް ނިމިފައިވާ ލަފުޒުތަކަށް މިގޮތަށް އަޑު ފާޅުނުވާކަން ފާހަގަކޮށްލެވެ އެވެ. މިސާލަކަށް؛

ތުނބި – ތުމްބި

އަނބި – އަމްބި

ފުރަތަމަ ހުށަހެޅި މިސާލުތަކާ ހިލާފަށް /ބި/ އަށް ނިމިގައިވާ ލަފުޒުތަކުގެ ކުރިއަށް ހުސްނޫނު އައުމުން އެ އަޑު އަދާކުރާއިރު މީމުގެ އަޑުގެ ކުރިއަށް ނޫނެއްގެ އަޑުގެ ބައިކުޅަ ބައި އަޑު ނުވަތަ ނޯށަށް އަރާ މިންވަރު އިތުރުކަން ފާހަގަކުރެވޭނެ އެވެ. މިއީ ވެސް މިފަދަ ދިރާސާތައްކުރުމަށް ބޭނުންކުރާ މެޝީންތަކުގެ އެހީގައި ފުންކޮށް ދިރާސާކުރެވިދާނެ ދާއިރާއެކެވެ.

ޖަހަންވީ ކޮން ސުކުނެއް؟

ހުސްނޫނު ހިމެނޭ ލަފުޒެއްގެ ފަހަތަށް އަކުރެއް މެހުމުން ލަފުޒުގެ ފަހު އަޑު ފިލިއަޑާއި ފަހު ސުކުންއަޑު ބަދަލުވާ ހާލަތްތަކާއި ލަފުޒަށް އިތުރު ސުކުނެއް އިތުރުވާ ހާލަތްތައް ދިވެހި ބަހުގައި ހުރިކަން ފާހަގަކުރެވެ އެވެ. މިސާލަކަށް؛

  • ފަހު އަޑު ބަދަލުވާ ހާލަތްތައް: ކަނޑު–ކަނޑެއް، އުނގު–އުނގެއް، ތަނބު– ތަނބެއް، ރެނދު–ރެނދެއް
  • އަކުރު ބަދަލުވާ ހާލަތްތައް: ކަނދި–ކަންޖެއް
  • ސުކުން އިތުރުވާ ހާލަތްތައް: ބޮނބި–ބޮތްނބެއް

މި ގޮތަށް ސުކުން އަކުރަށް ބަދަލު އަންނަނީ ހުސްނޫނުގެ ފަހަތަށް އެ އަޑުތައް އަންނާތީއެއް ނޫނެވެ. އެއީ ދިވެހިބަހުގެ މޯފޯފޮނޮލޮޖިކަލް ބަދަލުތަކުގެ ސަބަބުން އަންނަ ބަދަލުތަކަކަށް ވާތީ އަންނަ ބަދަލުތަކެއް ކަމަށް އަމާލިއާ ޏަނޭދޮސައިކަން ވިދާޅުވެ އެވެ. މިގޮތުން ބާއެއްގެ އިބިފިއްޔަށް ނިމިފައިވާ ލަފުޒެއްގެ ފަހަތަށް އަކުރެއް ގުޅުމުން ތާއެއްގެ ސުކުން އިތުރުކުރާން ޖެހެ އެވެ.

"މި ފަދަ ތަންތަނުގައި... ހާއްސަ ގޮތަކުން "ތ"ގައި ސުކުން ކުރާން ޖެހެނީ، އެ ސުކުން ކިޔޭ ގޮތް ތާގެ ސުކުން ކިޔޭ ގޮތާ އެއް ގޮތްކަމުން ކަމަށް" ދިވެހިބަސް ދަރިވަރުންގެ އެހީތެރިޔާގައި މުހައްމަދު އަމީނު ލިޔެފައިވެ އެވެ.

އެހެންކަމުން، /ބ/ގެ އިބިފިއްޔަށް ނިމިފައިވާ ލަފުޒުތައް ބަދަލުވެ ފިރައިލައިގެންދާ ހިނދު އިތުރުވާނެ ސުކުނަކީ ތާ ސުކުންކަން މި ކަމުން ދަލީލުކޮށްދެ އެވެ. ދެން އުފެދޭ ސުވާލަކީ މި /ތ/ ސުކުން ގެންނާނީ ކޮންތަނަކަށް ތޯ އުފެދޭ ސުވާލެވެ. "އަނބި" މި ލަފުޒަށް "އެއް" މެހިގެންދާއިރު ލިޔާންވީ "އަނތްބެއް" ނުވަތަ "އަތްނބެއް" ތޯ އުފެދޭ ސުވާލެވެ.

ދިވެހިބަހުގެ ހަމައިގެ އަތްމަތީ ފޮތުގައި އަބުދުﷲ ސޯދިގު ލިޔުއްވާފައި ވަނީ "ކފގބވ" މި އަކުރުތަކުން ކުރެ އަކުރެއްގެ ކުރިޔަށް ހުސް ނޫނެއް އަތުވެއްޖެ ނަމަ ތާގެ ސުކުން ކުރާން ވާނީ އެ ބަހުގައި އޮންނަ ހުސްނޫނަކަށް ފަހުގައި ކަމަށެވެ. މިސާލަކަށް؛ އަނބި–އަނތްބެއް، ތަނބި-ތަނތްބެއް، ދޯނގި-ދޯނތްގެއް، މިގޮތަށް ކަމަށެވެ.

މައްސަލަ ކުރިމަތި ވަނީ މިހައި ހިސާބުންނެވެ. ދިވެހިބަހުގައި ހުސްނޫނު އަންނަނީ "ބޯދާގަޑި" މި އަކުރުތަކުގެ ކުރިއަށް ކަމަށް ބުނާ އުސޫލާ އިސްވެ ބަޔާންކުރި އުސޫލު ފުށުއަރާ ހިސާބުންނެވެ. މިހައި ހިސާބުން ދެން ބަލައިލަން ޖެހެނީ ދިވެހި ބަހާ ގުޅޭ ގޮތުން ބަހަވީ ހަމަތަކުގެ މަތީން ހެދިފައިވާ ދިރާސާތަކުގައި މި ލަފުޒު ލިޔުމުގައި ވަކި ހަމައެއް އޮތްކަމަށް ބަޔާންކޮށްފައިވޭތޯ އެވެ. އަމާލިއާ ޏަނޭދޮސައިކަންގެ ފޮތުގައި ނިއުޓްރަލް އަޑުތަކުގެ ގިންތީގައި ހިމަނާފައިވާ މިސާލުތަކުގެ ތެރޭގައި 'އަނބި–އަތްނބެއް' މިގޮތަށް ލިޔުއްވާފައި ވެއެވެ. މައްސަލައިގެ ޒާތުން، ދިވެހިބަހުގެ ފޮނޮޓިކް އަލިފުބާއިން މި ލަފުޒު ލިޔާން ޖެހޭ ގޮތަށް ވެސް ތަހުލީލީ ނަޒަރަކުން ބަލައިލުމަކީ މުހިއްމު ކަމެކެވެ.

ދިވެހިބަހުގައި ހިމެނޭ ހުސްނޫނުގެ އަޑުތައް ފޮނެޓިކް އަލިފުބާގައި ބަސްވާރުން ހިމަނާފައި ވަނީ އިސްވެ ބަޔާންކުރި ގޮތަށް ކޮންމެ އަކުރެއްގެ ކުރިއަށް ނޯށު އަޑެއް ރަމުޒުކޮށްދޭ ޑައިކުރެޓިކް ނިޝާނެއް ހިމަނައިގެންނެވެ. މިގޮތުން، ބާގެ އިބިފިއްޔަން ނިމިފައިވާ ލަފުޒުތައް ފޮނެޓިކް އަލިފުބާއިން ލިޔުމުން ހުށަހެޅިގެން އުޅޭ މައްސަލައަށް ކޮންމެ ވެސް ވަރެއްގެ ޖަވާބެއް ލިބޭނެކަމަށް ދެކެމެވެ. ފޮނެޓިކް އަލިފުބާއިން "އަނބި" ލިޔާނީ /ambi/ މިގޮތަށެވެ. އަދި /ތ/ ސުކުން މެހުމުން "އަތްނބެއް" (އަތްނބެއް) މިގޮތަށް ލިޔާނަމަ އޮންނާނީ /aymbeq/ މިގޮތަށެވެ.

ނޫނު ސުކުންގެ ފަހަތަށް /ތ/ ސުކުން ލިޔާނަމަ އޮންނާނީ "އަނތްބެއް" /amybeq/ މިގޮތަށެވެ. ނަމަވެސް، މިއީ އަދި މިހާތަނަށް ދިވެހިބަހުގެ ފޮނެޓިކް އަލިފުބާގައި ހިމެނިފައިވާ ގޮތެއް ނޫނެވެ. އަކުރެއް ވެސް ނޫނެވެ. މާނައަކީ 'ޔ' /j/ގެ އަޑުގެ ކުރިއަށް ނޯށުގެ ރަމުޒު ނުވަތަ ހުސްނޫނުގެ ނިޝާން /ނ/، /mj/ (ނޔ)، ހިމަނާފައިވާ އެއްވެސް ދިރާސާއަކުން ފެންނާން ނެތީމަ އެވެ. މިއީ މިހާތަނަށް ދިވެހިބަހާ ގުޅޭގޮތުން ދިރާސާކުރައްވާ އާއްމުކުރައްވާފައިވާ ފަރާތްތަކުން ވެސް ހާމަކުރައްވާފައިވާ ގޮތެއް ވެސް ނޫނެވެ.

އެނގުނީ ކޮން ކަމެއް؟

ދިވެހި ބަހުގެ އެކަށައަޅަފައިވާ ގަވާއިދުގައިވާ ގޮތުން ދިވެހި ބަހުގައި ހުސްނޫނު ލިޔާން ޖެހެނީ "ބޯދާގަޑި" މި އަކުރުތަކުގެ ކުރިއަށް ކަމަށް އޮތް ހަމައަކީ ރަނގަޅު ހަމައެއްކަން ކުރެވުނު ތަހުލީލުތަކުން ހާމަވެ އެވެ. ނަމަވެސް، ބަހުގެ ހަމައިގެ އަތްމަތީ ފޮތުގައި "އަނބި" މި ލަފުޒު އެކަހެރި ކުރާއިރު ލިޔާން ޖެހޭނީ "އަނތްބެއް" ކަމަށް ނިންމާފައިވާ ނިންމުން އިތުރަށް ދިރާސާކޮށް މުރާޖާކުރާން ޖެހޭ ކަމަށް ފާހަގަކުރެވުނެވެ. ވީމާ، ބަހަވީ ސައިންސާއި ދިވެހިބަހުގެ އެކަށައަޅާފައިވާ ގިނަ ގަވާއިދު ފޮތްތަކުގައިވާ ހަމަތަކަށް ބުރަވެ، ދިވެހިބަހުގެ ފޮނޯޓެކްޓިކް (އަޑުތައް ހިމުންވުމުގެ ގަވާއިދުގެ) ހަމަތަކުން ވަޒަންކުރާއިރު، "އަނބި" މި ލަފުޒު އެކަހެރި ކުރާއިރު ލިޔުން އެންމެ ރަނގަޅު ކަމަށް ފެންނަނީ "އަތްނބެއް" މިގޮތަށް ކަމަށް ސާބިތުކުރާނެ ހެކިތައް ފެންނާނެ އެބަހުއްޓެވެ. ނަމަވެސް، ކަމާ ގުޅޭ ވިދާރާއިން މި ފަދަ ކަންކަން މުރާޖާކޮށް ވަކި ގޮތެއް ނިންމާ އާއްމު ކުރާންދެން މިހާރު ވެސް ލިޔަމުންދާ ގޮތަށް "އަނތްބެއް" ލިޔުމަކީ ބަހަވީ މަސްލަހަތަށް ބަލާއިރު އެންމެ ރަނގަޅު ގޮތް ކަމުގައި ދެކެމެވެ.