27 އޮކްޓޯބަރު 2022 - 23:01 0
މުހައްމަދު ނަސީމް
ގދ. ހޯޑެއްދޫ، ސްވެން، އަބްދުﷲ ރަޝީދުގެ ހަށިގަނޑު ދޫކޮށްދޭން އެދި އޭނާގެ އާއިލާއިން މިއަދު މޯޗަރީގެ ގާތަށް ވެސް އެއްވި. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
27 އޮކްޓޯބަރު 2022 - 23:01 0
ގދ. ހޯޑެއްދޫ އިން މިދިޔަ އަންގާރަދުވަހު ހައްޔަރުކޮށް، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި، އަބްދުﷲ ރަޝީދުގެ މަރު ތަހުގީގުކުރަމުން އަންނީ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން އަމިއްލައަށް އިސްނަގައިގެން ކަމަށާއި އޭނާގެ ޕޯސްޓްމޯޓަމް ހަދާނެ ކަމަށް އެ ކޮމިޝަނުން މިރޭ ބުނެފި އެވެ.
އަބްދުﷲ ގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްދޭން އޭނާގެ އާއިލާއިން މިއަދު އެދިފައި ވަނިކޮށް އެންއައިސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އަބްދުﷲ ގެ މަރު ތަހުގީގު ކުރަނީ އެކޮމިޝަން އުފެއްދި ގާނޫނުގެ (30) ވަނަ މާއްދާގެ ހ.ގެ ހަތަރު ވަނަ ނަމްބަރުގައިވާ ގޮތުގެ މަތިން އެންއައިސީން އިސްނަގައިގެން ކަމަށެވެ.
އެންއަސީން އިސްނަގައިގެން ކުރާ މި ތަހުގީގުގައި ފުލުހުންގެ ދައުރަކީ އެހީތެރިކަން ދިނުން ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
"...މި މައްސަލާގައި އިންސާފަށް ވާސިލުވުމަށް މުހިއްމުކަމަށް ވާތީ ތަހުގީގުގެ ބޭނުމަށް ޕޯސްޓްމޯޓަމް ހެދުމަށް ނިމްމާފައިވާ ކަމަށް ދެންނެވީމެވެ،" އެންއައިސީގެ ބަޔާނުގައި ބުންޏެވެ.
އެންއައިސީން މިހެން ބުނި އިރު އަބްދުﷲގެ އާއިލާއިން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނި ގޮތުގައި އަބްދުﷲ ގެ ހަށިގަނޑު މާލެ ގެނައީ ޕޯސްޓްމޯޓަމް ހެއްދުމަށް ކަން ނޭނގެ އެވެ. މިއަދު
މީޑިއާތަކަށް މައުލޫމާތު ދެމުން އަބްދުﷲ ގެ އަންހެނުން އައިމިނަތު ލީނާ ބުނެފައިވަނީ އާއިލާއަށް ފުރަތަމަ ބެލެވުނީ ހަށިގަނޑު މާލެ ގެނައީ މާލޭގައި ތިބި އަބްދުﷲ ގެ އަންހެނުންނާއި ދަރިންނަށް މޫނު ދައްކާ ޖަނާޒާ ބޭއްވުމަށް ކަމަށެވެ.
އަދި މާލެ ގެނައިރުވެސް ފުލުހުން އާއިލާއާ އެއްވެސް ވަރަކަށް މުއާމަލާތު ނުކުރާ ކަމަށް އޭނާ ބުންޏެވެ.
ޖިނާއީ ކުށަކާ ގުޅިގެން މަރުވެފައިވާ މީހަކު މަރުވި ސަބަބު ދެނެގަތުމަށްޓަކައި އަދި ގޮތްނޭނގޭ މަރުތަކުގެ ހަގީގަތް ދެނެގަތުމަށްޓަކައި މަރުވެފައިވާ މީހާގެ ހަށިގަނޑުގެ ޕޯސްޓް-މޯޓަމްއެއް ހެދުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75-1 ވަނަ މާއްދާގެ ދަށުން ފުލުހުންނަށް ލިބިގެންވާ އިހުތިޔާރެކެވެ.
Comment