Advertisement

މަޓީން އަދިވެސް އެދެނީ ޓެކްސް ބޮޑުކުރުން ލަސްކުރަން

26 އޮކްޓޯބަރު 2022 - 09:59 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ޓެކްސް ބޮޑުކުރުން ލަސްކުރަން އެދި މަޓީން ވަނީ މަޖިލީހަށް ސިޓީއެއް ފޮނުވާފައި. ފޮޓޯ: މަޖިލީހުގެ އިދާރާ


މަޓީން އަދިވެސް އެދެނީ ޓެކްސް ބޮޑުކުރުން ލަސްކުރަން

26 އޮކްޓޯބަރު 2022 - 09:59 0

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރާ ގޮތަށް ގާނޫނަށް ބަދަލު ގެނަޔަސް، އެ ބަދަލު ތަންފީޒުކުރުން އަހަރަކަށް ލަސްކޮށްދޭން އެެދޭކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން މިއަދު ބުނެފި އެވެ.

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ޓަކައި ޓެކްސް ގާނޫނަށް ބަދަލުގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލު، ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލިސް ކޮމިޓީން އަންނަނީ ދިރާސާކުރަމުންނެވެ. އެ ބިލަށް ކަމާ ބެހޭ ދާއިރާތަކުގެ ބޭފުޅުންގެ ލަފާ ހޯދަން މަޖިލީހުން ވަނީ މަޓީގެ ބޭފުޅުން ކޮމިޓީއަށް ވަޑައިގަންނަވަން އެދިފަ އެވެ. އެގޮތަށް އެދި މަޖިލީހުން ފޮނުވި ސިޓީއަށް މަޓީން ދިން ޖަވާބުގައި ބުނީ އެ ޖަމިއްޔާގެ ބޯޑަށް އެކަން ހުށަހަޅައި، ގޮތެއް ނިންމައިގެން ބޭފުޅަކު ފޮނުވާނެ ކަަމަށެވެ. އެހެން ނަމަވެސް ޓެކްސް ބޮޑުކުރުމާ ބެހޭ ގޮތުން އެ ޖަމިއްޔާގެ ހިޔާލު ވެސް އެ ސިޓީގައި ފާޅުކުރި އެވެ.

"...މަޓީ ދެކޭ ގޮތުގައި މިވަގުތަކީ ޓެކްސް ބޮޑުކުރުމަށް އެންމެ އެކަަށީގެންވާ ވަގުތު ނޫންކަމުގައި ދަންނަވަމެވެ. ސަބަބަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މިހާރު ވެސް މިއަންނަނީ އެކިއެކި ލޮޅުންތަކުން އަރައިގަތުމަށް މަސައްކަތް ކުރަމުންނެވެ. އަދި މަޓީގެ އެދުމަކީ ޓެކްސް އަށް އަންނަ ކޮންމެ ބަދަލެއް ތަންފީޒުކުރުމަށް އެންމެ މަދުވެގެން 12 މަސް ދުވަސް ދިނުމެވެ،" ރައްޔިތުންގެ މަޖިލީހުގެ ރައީސް މިއަދުގެ ޖަލްސާގައި އިއްވި ސިޓީގައި މަޓީން ބުނެފައި ވެ އެވެ.

ޓެކްސް ބިލަށް ހިޔާލު ހޯދުމަށް ޓަކައި މަޖިލީހުން ވަނީ ވިޔަފާރިވެރިންގެ ޖަމިއްޔާއަށް ވެސް ދައުވަތު ދީފަ އެވެ. އެ ޖަމިއްޔާއިން ބޭފުޅަކު މިއަދު މަޖިލީހަށް ވަޑައިގަންނަވާނެ ކަމަށް ބުނެފައިވާ ކަމަށާއި އެހެން ނަމަވެސް އެއީ ކޮން ބޭފުޅެއްކަން އަދި ނާންގާ ކަމަށް ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

ޓެކްސް ބިލާ ބެހޭ ގޮތުން މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވެސް މަޖިލީހަށް ވަޑައިގަންނަވާނެ އެވެ.

ދުނިޔޭގެ އިގުތިސޯދަށް މިހާރު ކުރިމަތިވެފައިވާ ހީނަރުކަމުގެ އަސަރު ރާއްޖޭގެ އިގުތިސޯދަށް ވަރަށް ބޮޑަށް ކުރަމުންދަތީ، އާމްދަނީ އިތުރުކުރަން މިހާރު ނަގަމުންދާ މުދަލާއި ހިދުމަތުގެ ޓެކްސް (ޖީއެސްޓީ) އަށް ޕަސަންޓަށް އަދި ޓޫރިޒަމް ދާއިރާއިން ނަގާ ޓީޖީއެސްޓީ 16 ޕަސަންޓަށް ބޮޑު ކުރަން ސަރުކާރުން ވަނީ ނިންމައި، އިއުލާނުކޮށްފަ އެވެ.