24 އޮކްޓޯބަރު 2022 - 12:18 0
އައްޒާމް އަލިފުޅު
މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖްގައި ވާދަކުރި ބައެއް ދިވެހި ކުޅުންތެރިން.--- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު
24 އޮކްޓޯބަރު 2022 - 12:18 0
މާލޭގައި ރޭ ނިމުނު ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖްގައި ދިވެހި 30 އަށް ވުރެ ގިނަ ކުޅުންތެރިން ވާދަކުރި އެވެ. މި މުބާރާތުގައި ގައުމީ ސީނިއާ އާއި ޖޫނިއާ ލެވަލްގެ ގިނަ ކުޅުންތެރިންނަށް ރަނގަޅު ފެންވަރުގެ މެޗުތަކެއް ލިބިގެންދިޔައިރު، އޭގެ އަލީގައި ދިވެހި ކުޅުންތެރިންނަށް ކުރިއަށްދެވޭނެ މަގުތަކެއް ކޮށުނު ކަމަށް ގިނަ ކުޅުންތެރިން ގަބޫލުކުރެ އެވެ.
މިއީ ކޮވިޑް-19 ގެ ބްރޭކަށް ފަހު ރާއްޖޭގައި ބޭއްވުނު ބައިނަލްއަގުވާމީ ބެޑްމިންޓަން ފުރަތަމަ މުބާރާތެވެ. މިއީ ލިނިން އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖް ރާއްޖޭގައި ބޭއްވި ފަސް ވަނަ ފަހަރެވެ. މި ފަހަރު މުޅި ދުނިޔެއިން 25 އަށް ވުރެ ގިނަ ގައުމުގެ 200 އަށް ވުރެ ގިނަ ކުޅުންތެރިން ވާދަކުރި މި މުބާރާތުގައި ދިވެހި އެއްވެސް ކުޅުންތެރިއަކަށް ދެ ވަނަ ބުރު ފަހަނައަޅައި ދެވޭ ގޮތެއްނުވި އެވެ.
ރާއްޖޭގައި މި ބޭއްވޭ ޗެލެންޖް މުބާރާތަކީ ދުނިޔޭގެ ބެޑްމިންޓަން ޖަމިއްޔާ، ބީޑަބްލިއުއެފްގެ މުބާރާތެއް ކަމަށްވާތީ ރޭންކިން ޕޮއިންޓް އިތުރުކުރަން ދުނިޔޭގެ ލެވަލްގެ ރަނގަޅު ފެންވަރުގެ ކުޅުންތެރިން މި ފަހަރުގެ ޗެލެންޖްގައި ވެސް ވާދަކުރި އެވެ. އެއީ އޮލިމްޕިކް އަށް ކޮލިފައިވުމަށް ޕޮއިންޓް ހޯދުމުގެ ވެސް ވިސްނުމުގަ އެވެ.
މުބާރާތަށް ފަހު "އަދަދު" އަށް ރާއްޖޭގެ ބެޑްމިންޓަނުގައި މި ވަގުތު ގިނަ މުބާރާތްތަކުގައި ކުޅެމުން އަންނަ ބައެއް ކުޅުންތެރިން ވަނީ އަމިއްލަ ވިސްނުން ހިއްސާކޮށްފަ އެވެ.
ގައުމީ ސިންގަލްސް ޗެމްޕިއަން، ނަބާހާ (ނަބާާ) ބުނީ ކޮވިޑް-19ގެ ބްރޭކަށް ފަހު އަމިއްލަ ގައުމުގައި ޗެލެންޖް ލެވަލްގެ މުބާރާތެއް ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެލަން ލިބުމަކީ ހިތްހަމަޖެހުމެއް ކަމަށެވެ.
"ގިނަ ބަޔަކަށް ގައުމީ ސީނިއާ އަދި ޖޫނިއާ ކުޅުންތެރިން ކުޅޭ ރަނގަޅު ކުޅުން ވެސް ފެންނާނެ. އުންމީދު ކުރިން މެޗުތަކަކުން މޮޅުވެ ރަނގަޅު ނަތީޖާ އަކަށް، އެކަމަކު، ހުރިހާ އިވެންޓެއްގެ މެޗުތަކަކުން ވާދަވެެރިކޮށް ގޮސް ވަރަށް ރަނގަޅަށް ފައިޓްކުރެވިފައި ބަލިވީ. ކުރިއަށް ހުރި މުބާރާތްތަކުގައި ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރާނަން،" އަންހެން ސިންގަލްސް އާއި އަންހެން ޑަބަލްސް އަދި މިކްސް ޑަބަލްސްގައި ވާދަކުރި ނަބާ ބުންޏެވެ.
އަންހެން ޑަބަލްސް އިވެންޓްގެ މެޗެއްގެ ތެރެއިން ނަބީ އާއި ނަބާ: ދެ ކުޅުންތެރިން ވެސް ދެކެނީ މި ފަހަރުގެ މުބާރާތުގައި ދެއްކި ކުޅުން އިތުރަށް ރަނގަޅުކުރެވޭނެ ކަމަށް.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ރާއްޖެ އަށް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރަން މެޑަލް ހޯދައިދިން އައިމިނަތު ނަބީހާ (ނަބީ) ވަނީ ރާއްޖޭގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ޗެލެންޖްގެ ފުރަތަމަ ބުރުގެ މެޗުން އީރާންގެ ސާރާ އަމީނިއާން ބަލިކޮށްފަ އެވެ.
އެކަމަކު، ދެ ވަނަ ބުރުގައި އިންޑިއާގެ އާދިޔާ ވާރިއާތު އަތުން ބަލިވީ އެވެ.
ނަބީ ބުނީ އަމިއްލަ ގައުމުގައި ޗެލެންްޖް ލެވަލްގެ މުބާރާތެއް ގިނަ ގައުމުތަކެއްގެ ކުޅުންތެރިންނާ އެކު ކުޅުމަކީ ފައިދާކުރާނެ ކަމެއް ކަމަށެވެ.
"މިއީ ހާއްސަކޮށް ޒުވާން ކުޅުންތެރިންނަށް ފައިދާކުރާނެ މުބާރާތެއް. އެއީ ރަނގަޅު ވާދަވެރި މެޗުތަކެއް ފެނި، އިންޓަނޭޝަނަލް ލެވަލްގެ ކަންކަން ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވޭނެ،" ނަބީ ބުންޏެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސްކޮލަޝިޕެއްގައި ޔޫއޭއީގައި މި ވަގުތު ޓްރެއިނިން ހަދަމުން އަންނަ ނިބާލް އަހުމަދު ވަނީ މި ފަހަރުގެ ޗެލެންޖް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ޓްރިންޑާޑް އެންޑް ޓޮބޭގޯގެ ނިކޮލަސް ބޮންކޯސްކީ ބަލިކޮށްފަ އެވެ. އެކަމަކު، ދެ ވަނަ ބުރުގެ މެޗުން އިންޑިއާގެ ކިރަން ބަލާޖީ އަތުން ބަލިވީ އެވެ.
ނިބާލް ބުނީ ފުރަތަމަ ބުރުގެ މެޗުން މޮޅުވެ، ދެ ވަނަ ބުރުގެ މެޗުގައި އިންޑިއާގެ ކިރަންއާ ދެކޮޅަށް ރަނގަޅު ފައިޓެއް ދިނުމަކީ ކުރިއަށް ދެން ހުރި މުބާރާތްތަކަށް ދާއިރު ފައިދާކުރާނެ ކަމެއް ކަމަށެވެ.
"މިއީ ރާއްޖޭގައި ބޭއްވި ބީޑަބްލިއުއެފްގެ ސާކިޓްގެ ވަރަށް ރަނގަޅު މުބާރާތެއް، ރަނގަޅު ލެވަލެއްގެ ގިނަ ކުޅުންތެރިންތަކެއް އައިސް މި މުބާރާތުގައި ކުޅެފި. ރާއްޖޭގެ ހުރިހާ ކުޅުންތެރިން ވެސް ވަރަށް ރަނގަޅު ކުޅުމެއް ދެއްކޭތޯ މަސައްކަތް ކުރި،" ނިބާލް ބުންޏެވެ.
ފިރިހެން ސިންގަލްސް މެޗުގައި ރާއްޖޭގެ ނިބާލް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
މި ފަހަރުގެ އިންޓަނޭޝަަލް ޗެލެންޖްގައި ރާއްޖޭގެ ބެޑްމިންޓަންގެ ކްލަބްތަކުގެ ކުޅުންތެރިން ވެސް ވަނީ ވާދަކޮށްފަ އެވެ. އެ ގޮތުން ރިވައިވަލް ސްޕޯޓްސް ކްލަބްގެ ޒަޔާން ޒަކީ އާއި އަހުމަދު ތޯއިފް ވެސް ވަނީ އެކި އިވެންޓްތަކުގައި ވާދަކޮށްފަ އެވެ.
ތޯއިފް އަންނަނީ މި ވަގުތު ރިވައިވަލް އާއި ބެޑްމިންޓަން އެސޯސިއޭޝަން އަދި ޔޫތު މިނިސްޓްރީން ތަނަވަސްކޮށްދިން ސްކޮލަޝިޕް ފުރުސަތެއްގައި އިންޑިއާގެ ހައި ޕާފޯމަންސް ސެންޓަރެއްގައި ޓްރެއިނިން ހަދަމުންނެވެ.
ތޯއިފް ވަނީ ރާއްޖޭގެ އިންޓަނޭޝަނަލް ޗެެލެންްޖް މުބާރާތުގައި ވާދަކުރަން ރާއްޖެ އައިސް އެކި އިވެންޓްތަކުގައި ވާދަކޮށް، ނިސްބަތުން ބަލާއިރު ރަނގަޅު ފައިޓެއް ދީފަ އެވެ.
ތޯއިފް ބުނީ ސިންގަލްސް އިވެންޓްގައި ބޭނުންވީ ލެވަލްގެ ކުޅުމެއް ނުދެއްކުނު ކަމަށެވެ. އެކަމަކު، ސިންގަލްސް މެޗުގައި ވެސް ކުރިއަށް ރަނގަޅު ކުރެވޭނެ ކަންކަން ދަސްވެގެން ދިޔަ ކަމަށެވެ.
"ސިންގަލްސް އެހެން ދިޔަ ނަމަވެސް އިތުރު ހިތްވަރެއް ލައިގެން ޑަބަލްސް އިވެންޓްގައި ވަރަށް ރަނގަޅަށް ޕާފޯމްކުރެވުނު. ކުރިއަށް އޮތްތަނުގައި މި ހުރިހާ ކަމަކަށް ބަލައި، އެންމެ ރަނގަޅު ކުޅުމެއް ދެއްކޭތޯ މަސައްކަތް ކުރާނަން. އިންޝާﷲ،" އެންމެ ފަހުން ގައުމީ ސިންގަލްސް ޗެމްޕިއަންކަން ހޯދި ތޯއިފް ބުންޏެވެ.
ފިރިހެން ޑަބަލްސް މެޗުގައި ރާއްޖޭގެ ތޯއިފް (ކ) އާއި ޒަޔާން: ދެ ކުޅުންތެރިން ވެސް ވަނީ ކުރިއަށް ހުރި މުބާރާތްތަކުގައި ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަށް ބުނެފައި.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
މި އަހަރު ތެރޭ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކޮށްފައިވާ ޒަޔާން ބުނީ ރާއްޖޭގައި ބްރޭކަކަށް ފަހު ޗެލެންޖް ލެވަލްގެ މުބާރާތެއް ބޭއްވުމަކީ ބެޑްމިންޓަން ކުރިއަރުވަން ބަލާއިރު ފުރުސަތުތަކެއް ހުޅުވިގެންދާނެ މުބާރާތެއް ކަމަށެވެ.
ރާއްޖޭގައި މި ބާއްވާ އިންޓަނޭޝަނަލް ޗެލެންޖް މުބާރާތުން ހާސިލްކުރެވޭނެ ކަމަކީ މަތީ ފެންވަރުގެ ކުޅުންތެރިންނާ އެކު މެޗު ކުޅެލަން ލިބުން އެކަނި ނޫން ކަމަށާއި އޭގެ އިތުރުން ދުނިޔޭގެ ލެވަލްގެ ކުޅުންތެރިން އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިިއަކާ ދެކޮޅަށް ކުޅޭ މެޗުތައް ބަލައި، އެއިން ކަންކަން ދަސްކުރުން ވެސް ހިމެނޭ ކަމަށް ޒަޔާން ގަބޫލުކުރެ އެވެ.
"މި އަންނަ އަހަރުގެ ޖޫން އަށް މިހާރު ވެސް މި މުބާރާތް އެ އޮތީ ޝެޑިއުލްކޮށްފައި އެހެންވީމަ ޓާގެޓަކީ އަންނަ އަހަރު ދިވެހި ކުޅުންތެރިން ޕޯޑިއަމް ފިނިޝްއަކާ ހަމައަށް ދިއުން،" ޒަޔާން ބުންޏެވެ.
މިއީ ލިނިން އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖް ރާއްޖޭގައި ބޭއްވި ފަސް ވަނަ ފަހަރެވެ. އެންމެ ފުރަތަމަ 2011 ވަނަ އަހަރު ބޭއްވި މުބާރާތް ޖެހިގެން އައި ދެ އަހަރު ބޭއްވި އެވެ. އެކަމަކު، 2014 ވަނަ އަހަރު އެކުވެނި އިމާރާތަށް ލިބުނު ގެއްލުމެއްގެ ސަބަބުން މުބާރާތް މެދުކެނޑުނެވެ. އަލުން ބޭއްވުނީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން، ކޮވިޑް-19 އާ ހެދި މުބާރާތް ޝެޑިއުލްކޮށްފައި ވެސް ޖެހުނީ ނުބާއްވައި ދެ އަހަރު ނިންމާލުމަށެވެ. އެ އަށް ފަހު މުބާރާތް މި ބޭއްވީ މި ފަހަރު އެވެ.
Comment