24 އޮކްޓޯބަރު 2022 - 06:18 0
މުހައްމަދު ނަސީމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ. އެމަނިކުފާނު ވިދާޅުވީ ޗާގޯސް މައްސަަލައިގައި މޮރިޝަސްއާ އެއްކޮޅަށް އެރުމަކީ ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލަން އެއްބަސްވުންކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ
24 އޮކްޓޯބަރު 2022 - 06:18 0
ރާއްޖޭގެ ދެކުނުގައިވާ ފޯޅަވަހި ހިމެނޭ ގޮތުން ޗާގޯސް ޖަޒީރާތަކަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދަކަށް ހަދަން މޮރިޝަސް އިން ކުރާ މަސައްކަތުގައި ރާއްޖޭން އެ ގައުމާ އެެއްކޮޅަަށް އެރުމަކީ ސަރަހައްދެއް ދޫކޮށްލަން އެއްބަސްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޗާގޯސް މައްސަލައިގައި މޮރިޝަސްއާ ދެކޮޅަށް ރާއްޖޭން މީގެ ކުރިން ދަމަހައްޓަމުން އައި ސިޔާސަތު ސަރުކާރުން ވަނީ ބަދަލުކޮށްފަ އެވެ. ސިޔާސަތު އެގޮތަށް ބަދަލުނުކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވި އެވެ.
ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ، މިހާރު ކުރިއަށް ގެންދާ ބަހުސްގައި މެމްބަރަކު ދެއްކެވި ވާހަަކަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ ސިޔާދަތު އޮތްކަމަށް ގަބޫލުކުރުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލަން އެއްބަސްވުން ކަމަށެވެ.
"މޮރިޝަސްގެ ސިޔާދަތު ނުވަތަ ސަވްރިނިޓީ ފޯޅަވަހީގެ މައްޗަަށް އޮތް ކަަމަށް ދިވެހި ސަރުކާރުން ގަބޫލުކުރީމާ ދެން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ދިވެހި ސަރުކާރުން އެ އެއްބަސްވެވުނީ،" ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފު ދެއްކެވި ވާހަކައަކަށް ރައްދުދެއެވަމުން ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު މިމޭރުމުން ވާހަކަ ދެއްކެވީ ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލަން ސަރުކާރުން ނޫޅޭ ކަަމަށެވެ. އެކަމަކު މެމްބަރުން އެހެން ހީވާ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ވާހަކައަށް ނަޝީދު ރައްދު ދެއްވުމުން ވެސް ޝަރީފު ވިދާޅުވީ އެއީ ހަގީގަތާ ހިލާފު ވާހަކަފުޅެއް ކަމަށެވެ.
"ނޫން އިއްޒަތްތެރި ރައީސް، ހަގީގަތާ ހިލާފު ވާހަކައެއް. މަޖިލީހުގެ ރައީސް ތިޔަހެން ވިދާޅުވީމާ އަޅުގަނޑު ވަރަށް ހިތާމަކުރަން،" ޝަރީފު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުުގައި އެމަނިކުފާނުގެ ވެރިކަމުގައި، ފޯޅަވައްސާ ބެހޭ ގޮތުން އިނގިރޭސި ސަރުކާރާ މަޝްވަރާކުރެއްވި އެވެ. އެ މަޝްވަރާގައި ސަރުކާރުގެ އޭރުގެ ވިސްނުމަކީ ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް ކަމަށް ގަބޫލުކުުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު މިއަދު ދަންނަވާނަން އަޅުގަނޑު އޭރު ގެންގުޅުނު ވިސްނުން. އަޅުގަނޑުގެ މައިގަނޑު ވާހަކައަކީ އަޅުގަނޑުމެންގެ ތަނެކޭ ޑިއަގޯގާސިިއާ އަކީ. ފޯޅަވައްސަކީ އަޅުގަނޑުމެންގެ ތަނެކޭ، އެހެންވީމާ އެތަން އަޅުގަނޑުމެންނަކަށެއް ދޫކުރެވޭކަށް ނެތޭ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ފޯޅަވައްސަކީ މޮރިޝަސްގެ ތަނެއް ކަމަށް އެގައުމުން ކުރާ ދައުވާއަކީ ރާއްޖެއާ ގުޅޭ ކަމެއް ނޫން ކަމަށް ވެސް އޭރު ސަރުކާރުން ބުނި ކަމަށެވެ.
އެހެން ނަމަވެސް މޮރިޝަސްއާ ގުޅިގެން އިނގިރޭސި ސަރުކާރާ މަޝްވަރާއެއް ކުރަން އެމަނިކުފާނުގެ ސަރުކާރުން 2011 ވަނަ އަހަރު އެއްބަސްވި ކަމަށާއި އެއީ އެ ސަރަހައްދު (މަސްވެރިކަން ނުކުރެވޭނެހެންީ) ހިމާޔަތް ކުރަން އިނގިރޭސި ސަރުކާރުން ނިންމުމުން އެ މައްސަލައިގައި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިއަދު ވިދާޅުވި ގޮތުގައި ފޯޅައްސާ ބެހޭ ގޮތުން އެމަނިކުފާނުގެ ވެރިކަމުގައި 2009 ވަނަ އަހަރު އިނގިރޭސި ސަރުކާރާ ކުރި މަޝްވަރާގައި މައިގަނޑު ތިން ނުކުތާއެއް ފާހަގަކުރެއްވި އެވެ.
"އެއްވާހަކައަކީ ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ރަށެއްގެ ގޮތުގައި ދިވެހިންނަށް ފާހަގަވެޔޭ، ސަގާފީ އަދި ތާރީހީ ހެކި އެކަމުގައި އެބަވެޔޭ،" ނަޝީދު ވިދާޅުވި އެވެ.
ދެވަނަ ނުކުތާއަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ޒަމާނުއްސުރެ އިންޑިއާ ކަނޑުގައި އިނގިރޭސިންގެ މަސްލަހަތު ތަންފީޒުކުރަމުން އައީ ރާއްޖެ މެދުވެރިކޮށް ކަމަށް ވުމެވެ.
"ތިން ވަނައަށް، ދިވެހި ރާއްޖޭގެ ސަރަހައްދުން އެއްވެސް މިންވަރަކަށް އެއްވެސް ބައެއް ގެއްލޭ ފަދަ އެއްވެސް ކަމެއްގައި އެއްބަސްވުމަކީ ދިވެހިސަރުކާރަށް ކުރެވެން އޮންނާނެ ކަމެއް ނޫނޭ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމަށް އިނގިރޭސިން ކަނޑަައެޅި އިރު ވެސް އެ ސަރަހައްދުގެ އިން އަލުން ވަކިކޮށް ކަނޑަނާޅަން އެއްބަސްވި ކަމަށެވެ. އެހެންވެ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދުގެ ބޮޑުމިނަކަށް ބަދަލެއް ނާދެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment