10 މާރިޗު 2025 - 00:25 1
އަހުމަދު އާއިދު
ރައީސް މުހައްމަދު ނަޝީދު (ވ) ރައީސް މުހައްމަދު މުއިއްޒު އާއެކު : ނަޝީދު ވިދާޅުވީ ފައިސާ ޗާޕުކުރުމުން ޑޮލަރުގެ އަގު 24ރ. އަށް އަރާނެ ކަމަށް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
10 މާރިޗު 2025 - 00:25 1
މަރުކަޒީ ބޭންކު (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ) އެމްއެމްއޭ މެދުވެރިކޮށް ރާއްޖޭގެ ތާރީހުގައި ވެސް ޗާޕުނުކުރާ ވަރަށް ފައިސާ ޗާޕުކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް އެކަން ކޮށްފިނަމަ ޑޮލަރުގެ އަގު 24ރ. އަށް އަރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އަދަދު ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި އެމްއެމްއޭގެ ބޯޑުން ވަނީ 14 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޗާޕުކުރަން ނިންމާފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފައިސާ ބޭނުންކުރަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން 20 އަށްވުރެ ގިނަ ހެކްޓަރުގެ ބިން ގަތުމަށެވެ.
މިކަމާ ގުޅިގެން ނަޝީދުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފައިނޭންޝަލް ސެންޓަރެއް ގާއިމުކުރުމަށް އެމްއެމްއޭ އިން ބިން ގަތުމަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ދިން ލަފާގެ މައްޗަށް ސަރުކާރުގެ ހަރަދުކުޑަކުރުމަށް އެކުލަވާލާ ސިޔާސަތާ މުޅިން ހިލާފު ކަމެއް ކަމަށެވެ.
"މިއީ އެހެން ނަމެއްގައި ލާރި ޗާޕުކުރުން. އިތުރު 14 ބިލިއަން ސާކިއުލޭޝަން އަށް ނެރުމަކި 24ރ. އަށް ޑޮލަރުގެ ރޭޓު އަރައިގެންދާނެ ކަމެއް،" ނަޝީދު ލިޔުއްވާފައިވެ އެވެ.
މިކަމުގެ ސަބަބުން ތަކެތީގެ އަގު ބޮޑުވާނެ ކަމަށާއި ސަރުކާރުގެ މި ވިސްނުން ބަދަލުކޮށް ބަޖެޓު ޑެފިސިޓު އާއި ހަރަދު ކުޑަ ކުރުމުގެ މަގަށް ރުޖޫއަ ވާން ޖެހޭ ކަމަށް ވެސް ނަޝީދު މިރޭ ވިދާޅުވި އެވެ.
ހުޅުމާލެއިން ބިން ގަތުމަށް އެމްއެމްއޭ އިން މިހާރު ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ރަސްމީ ސިޓީއެއް ފޮނުވާފަ އެވެ. މި ސިޓީއާ ގުޅިގެން އެޗްޑީސީން ވަކި ގޮތެއް ނިންމާފައިވާކަން އެ ކުންފުނިން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
މި އިންވެސްޓްމަންޓުގެ ބޭނުމަކީ ދައުލަތުގެ މާލީ ހާލަތު ގޯސްވަމުންދިޔުމާއެކު ދައުލަތުގެ ހަރަދުތައް ދެކޮޅު ޖެއްސޭނެ ގޮތެއް ހޯދުން ކަމަށްވެ އެވެ.
އެމްއެމްއޭއިން މި ވަރުގެ ބޮޑު އިންވެސްޓްމަންޓެއް ކޮށް އެ ފައިސާ އެޗްޑީސީން ރާއްޖޭގެ ބޭންކަކަށް ޖަމާކުރުމާއެކު އެ ބޭންކަކުން ލޯނުގެ ގޮތުގައި ދޫކޮރުވޭ އަދަދު ބޮޑުތަކުން އިތުރުވާނެ އެވެ. ސަރުކާރުގެ މަގުސަދަކީ ބޭންކަށް ބޮންޑު ވިއްކައިގެން އިތުރު ދަރަނި ނަގާ ހަރަދުތައް ދެކޮޅު ޖެއްސުން ކަމަށް ތަޖުރިބާކާރުން ބުންޏެވެ.
މިކަމާ ގުޅޭގޮތުން އަދަދު ގެ ނޫސްވެރިން އެމްއެމްއޭގެ ބަހެއް ހޯދުމަށް މަސައްކަތްކުރުމުން އެ އިދާރާގެ އޮފިޝަލުން ވިދާޅުވީ ރަސްމީ ބަހެއް ދިނުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. ގަވަރުނަރު އަހުމަދު މުނައްވަރު ފޯނު ކޯލަށް އަދި މެސެޖަށް ވެސް ޖަވާބެއް ނުދެއްވަ އެވެ.
މަތިބަރު, ހަރަދު ބޮޑުކޮށް ހިންގާ މި ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް މިފަދަ ފިޔަވަޅެއް އަޅަން ނިންމާފައިވަނީ މިވަނީ މާލީ އިސްލާހީ ފިޔަވަޅުތައް ވަރަށް އަވަސްކުރަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ދިވެހި ސަރުކާރަށް ގޮވާލިތާ މަހެއް ނުވަނީހެވެ. ނަޝީދު ފާހަގަކުރެއްވީ އެ ކަންކަމެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment