Advertisement

ޓެކްސް ބޮޑުކުރަން ވަޒީރުގެ ދިފާއު: ބޭރުން ދަރަންޏަށް ފައިސާ ލިބޭނެ ދޮރުތައް ބަންދުވެއްޖެ

24 އޮކްޓޯބަރު 2022 - 11:29 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް މިނިސްޓަރު އަމީރު ޖަވާބު ދެއްވަނީ. -ފޮޓޯ: މަޖިލިސް


ޓެކްސް ބޮޑުކުރަން ވަޒީރުގެ ދިފާއު: ބޭރުން ދަރަންޏަށް ފައިސާ ލިބޭނެ ދޮރުތައް ބަންދުވެއްޖެ

24 އޮކްޓޯބަރު 2022 - 11:29 0

ދުނިޔޭގެ އިގުތިސޯދީ ހާލަތު މިހާރު އޮތް ގޮތުން، މާލީ ބާޒާރުން ދަރަންޏަށް ފައިސާ ހޯދޭނެ ހުރިހާ ދޮރެއް މިހާރު ބަންދުވެފައިވާ ކަމަށް ވިދާޅުވެ، އަންނަ އަހަރުން ފެށިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ނިންމި ނިންމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ދިފާއު ކުރައްވައިފި އެވެ.

ތ. ވިލުފުށީގައި ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަޝްރޫއުއާ ގުޅޭގޮތުން ދާއިރާގެ މެމްބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން މާލީ ވަޒީރު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެންނެވުމުން، އިތުރު ސުވާލުކުރަން ލިބުނު ފުރުސަތުގައި ގިނަ މެމްބަރުންގެ ޝަކުވާތައް، ސުވާލުގެ ސިފައިގައި މިއަދު ވެސް އަމާޒުވީ ޓެކްސް ބޮޑުކުރުމުގެ ނިންމުމަށެވެ.

"ރައްޔިތުން އަތުން މި ފައިސާ ނުނަގާ އެހެން ގޮތެއް ނެތީތޯ؟" ޖީއެސްޓީ އަދި ޖީއެސްޓީ ބޮޑުކޮށްގެން އަންނަ އަހަރު 2.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށް ގާނޫނު އިސްލާހުކުރަން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހާ ގުޅުވައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ސުވާލު ކުރެއްވި އެވެ.

އާޒިމް އާއެކު ބައެއް އެހެން މެމްބަރުންގެ ކަންބޮޑުވުން ވެސް ޓެކްސް ބޮޑުކުރުމާމެދު ފާޅުކުރެއްވި އެވެ. ދައުލަތް ހިންގުމުގެ ހަރަދު ކުޑަ ކުރުމުގެ ބަދަލުގައި ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމާ ދެކޮޅަށެވެ. މުއްސަނދިންގެ އަތުން ނަގާ އިންކަމް ޓެކްސް ބޮޑުނުކުރާތީ އެވެ.

އެ ސުވާލުތަކާ ގުޅުވައި އަމީރު ވިދާޅުވީ މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް އެ މެމްބަރެއް ނިސްބަތްވާ ދާއިރާގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ނުހުއްޓި ކުރިއަށް ގެންދަން ބޭނުންވާއިރު، އެކަމަށް ފައިސާ ބޭނުންވާ ކަމަށެވެ.

ނަމަވެސް، ކޮވިޑަށް ރަޝިއާ-ޔޫކްރޭނު ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ބޮޑުވެ، ސަބްސިޑީ ދިނުމަށް ދައުލަތުން ކުރަންޖެހޭ ހޭދަ އެތައް ގުނައެއް އިތުރުވެފައިވާއިރު، ހަރަދުތައް ދެކޮޅު ޖައްސަން ބޭރުން ފައިސާ ހޯދޭނެ ހުރިހާ ދޮރެއް މިހާރު ބަންދުވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މާލީ ބާޒާރުގައި އިންޓަރެސްޓު ރޭޓުތައް މަތިކުރަމުންދާތީ ބޭރުން ޑެފިސިޓް ފައިނޭންސް ކުރަން އެއްވެސް ފުރުސަތެއް މިހާރު ނެތް. އަޅުގަނޑުމެން އެބަޖެހޭ އެތެރެއިން އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދަން،" އަމީރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ބޭރުގެ ގިނަ ގައުމުތަކާ އަޅާބަލާއިރު، ރާއްޖޭގެ ޖީއެސްޓީ އަދި ޖީއެސްޓީ ނިސްބަތުން ކުޑަކަމަށް ބޭރުގެ މާލީ އިދާރާތަކުން ވެސް ފާހަގަކުރެ އެވެ. އަދި ޓެކްސް ބޮޑުކުރަން ނިންމި ނިންމުމަށް ވާލްޑް ބޭންކް އަދި އައިއެމްއެފްއިން ތާއީދުކުރާ ކަމަށް އަމީރު ވިދާޅުވި އެވެ.

ޓެކްސް ބޮޑުކުރުމުގެ އިތުރުން ދައުލަތް ހިންގުމުގެ ހަރަދުތައް ކުޑަކުރަން ވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަކީ މިވަގުތު ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން،" އެކަން ކުރުމަށް މަޖިލީހުގައި މިހާރު އޮތް ބިލު ފާސްކޮށް ދިނުމަށް އެދިވަޑައިގަންނަވަމުން އަމީރު ވިދާޅުވި އެވެ.

ސަރުކާރުން ވަނީ ޓީޖެސްޓީ 12 އިން 16 ޕަސަންޓަށް އަދި ޖީއެސްޓީ ހަ ޕަސަންޓުން އަށް ޕަސަންޓަށް ބޮޑުކުރަން ނިންމާފައިވާ ކަމަށް އިއުލާނުކޮށްފަ އެވެ. ޓެކްސް ބޮޑުކުރަން މަޖިލީހުން ތާއިދުކުރާނެ ކަމަށް ބެލެވޭއިރު، އާ ޓެކްސް ރޭޓަށް އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި އަމަލުކުރަން ފަށާނެ އެވެ.