Advertisement

އެއް ވަނައިގައި އޮތް ނަޕޯލީ އަށް ޖެހިޖެހިގެން 11 ވަނަ މޮޅު

24 އޮކްޓޯބަރު 2022 - 08:06 0

ރޯމާ ކޮޅަށް މެޗުގެ ހަމައެކަނި ގޯލު ޖެހި ނަޕޯލީގެ އޮސީމެން އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


އެއް ވަނައިގައި އޮތް ނަޕޯލީ އަށް ޖެހިޖެހިގެން 11 ވަނަ މޮޅު

24 އޮކްޓޯބަރު 2022 - 08:06 0

ނޭޕްލްސް (އޮކްޓޫބަރު 24) - އިޓާލިއަން ލީގުގައި ރޭ ރޯމާ އަތުން 1-0 އިން މޮޅުވެ، ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީން ޖެހިޖެހިގެން 11 މެޗުން މޮޅުވެއްޖެ އެެވެ.

މި ސީޒަނުގައި ތަފާތު ފޯމެއްގައި ކުޅެމުން އަންނަ ނަޕޯލީ ވަނީ ލީގާއި ކަޕް އަދި ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު 11 މެޗުން މޮޅުވެފަ އެވެ.

ރޭގެ މޮޅާ އެކު ނަޕޯލީ ލީގުގެ އެއް ވަނައިގައި އޮތީ 11 މެޗުން 29 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާން އެވެ. އެއީ 11 މެޗުން 26 ޕޮއިންޓާ އެކު އެވެ. ކުރިން ދެ ވަނައިގައި އޮތް އެޓަލަންޓާ ވަނީ ރޭ ލާޒިއޯ އަތުން އަމިއްލަ ދަނޑުގައި 2-0 އިން ބަލިވެފަ އެވެ. މި މޮޅާ އެކު ލާޒިއޯ ތިން ވަނަ އަށް ޖެހިލީ 11 މެޗުން 24 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރެއްގައި އޮތް އެޓަލަންޓާ އަށް ވެސް 11 މެޗުން ވަނީ 24 ޕޮއިންޓް ލިބިފަ އެވެ. އެކަމަކު، ލަނޑާއި ހެޑް ޓު ހެޑް ގަވާއިދަށް ބެލިޔަސް ކުރި ލިބެނީ ލާޒިއޯ އަށެވެ.

ރޯމާ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ނަޕޯލީގެ ޓަންގީ އެންޑޮމްބެލޭ އަށް ރޯމާ ގޯލްކީޕަރު ރުއީ ޕެޓްރީޝިއޯ ފައުލެއް ކުރި ކަމަށް ބުނެ، ޕެނަލްޓީއެއް ދޭން ނިންމި އެވެ. އެކަމަކު، ޥީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެ ނިންމުން ބަދަލުކުރި އެވެ. ނަޕޯލީގެ ހާވިން ލޮޒާނޯ އާއި ޕިއޮޓްރޭ ޒިއެލިންސްކީ ޖެހި ބޯޅަތައް އަމާޒުވީ ޕެޓްރީޝިއޯ އަތަށެވެ.

ނަޕޯލީން މި މެޗުގައި ޖެހި ހަމައެކަނި ގޯލު މެޗުގެ 80 ވަނަ މިނިޓްގައި ކާމިޔާބުކުރީ ނައިޖީރިއާގެ ފޯވާޑް ވިކްޓަ އޮސީމެން އެވެ. މަޓެއޯ ޕޮލިޓާނޯ ރޯމާގެ ޑިފެންސް ފަހަތަށް ޖެހި ބޯޅަ އޭރިއާތެރެއިން ހޯދައި، އޮސީމެން ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ރޯމާ އަށް މި މެޗުގައި ނަޕޯލީގެ ގޯލަށް ނުރައްކާ ކުރެވޭ ވަރުގެ ހަމަލާއެއް ފޮނުވާލެވިފައިނުވެ އެވެ.

ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ ތެރެއިން ލީގު މެޗެއްގައި ބަލިނުވެ، އޮތީ ޕީއެސްޖީ އާއި ރެއާލް މެޑްރިޑް އަދި ނަޕޯލީ އެވެ.

ލާޒިއޯ އިން ރޭ އެޓަލަންޓާ ދަނޑުގައި މޮޅުވީ މަޓިއާ ޒަގާނީ އާއި ފިލީޕޭ އެންޑަސަން ޖެހި ގޯލުތަކުންނެވެ. މި މެޗުގައި އެޓަަލަންޓާގެ އެޓޭކްތައް ހުއްޓުވަން މައުރީޒިއޯ ސާރީގެ ކޯޗުކަމުގައި ކުޅޭ ލާޒިއޯ އިން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.